އެޗްއާރް ސަމިޓް އެންޑް އެކްސްޕޯ މި ފަހަރު އައްޑޫގައި ބާއްވަން ނިންމައިފި
އެޗްއާރް ސަމިޓް އެންޑް އެކްސްޕޯ މި ފަހަރު އައްޑޫގައި ބާއްވަން ނިންމައިފި

އެޗްއާރް މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެޗްއާރް ސަމިޓް އެންޑް އެކްސްޕޯ މި ފަހަރު އައްޑޫގައި ބާއްވަން ނިންމައިފި އެވެ.

ހިއުމަން ރިސޯސް (އެޗްއާރް) ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ އެކްސްޕޯ އޮންނާނީ އަންނަ މަހުގެ 26 އާއި 27 ގައި ގަމުގެ އީކުއޭޓަ ވިލެޖްގަ އެވެ.

އެޗްއާރު މޯލްޑިވްސްގެ ސީއީއޯ އާދަމް އިބްރާހިމް ވިދާޅުވީ އެޗްއާރް ސަމިޓް އެންޑް އެކްސްޕޯ ކުރިއަށް ދާނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އަންނަ މަހުގެ 26 ވަނަ ދުވަހު ސްކޫލްތަކުގެ ގްރޭޑް 10 އިން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކެރިއާ ގައިޑެންސް ސެޝަނެއް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.

އަދި އެ ދުވަހު އެޗްއާރުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ 50 ފަރާތަށް އެވޯޑް ދިނުން ވެސް އޮންނާނެ އެވެ. އެއަށް ފަހު އެކްސްޕޯގެ ދެވަނަ ދުވަހު 9:00 އިން ފެށިގެން އެޗްއާރު ސަމިޓް ކުރިއަށް ދާނެ އެވެ.

ސަމިޓުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެޗްއާރު ދާއިރާގައި މަސައްކަތް ކުރާ މީހުން ބައިވެރިވެ އެ ދާއިރާއާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަން ދިނުމާއި ޑިސްކަޝަންސްތަކާއި ދާއިރާގެ މީހުންގެ ހިޔާލު ބަދަލު ކުރުން ވެސް އޮވެ އެވެ.

އެޗްއާރް ސަމިޓް އެންޑް އެކްސްޕޯގެ މި އަހަރުގެ ތީމަކީ "އެޗްއާރް އޮޓޮމޭޝަން: ދަ ފިއުޗަ އޮފް ޕީޕަލް މެނޭޖްމަންޓް" އެވެ.