ތާޖުއްދީންގެ 30 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގެންފި
ތާޖުއްދީންގެ 30 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގެންފި

ތާޖުއްދީން ސްކޫލަށް 30 އަހަރު ފުރުން ފާހަގަކުރަން މިއަދު ބޭއްވި ހަރަކާތްތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފި އެވެ.

ކުރިން އެ ސްކޫލްގެ ޕްރިންސިޕަލްކަން ވެސް ކުރެއްވި ފަޒްނާ ވަނީ "ތާޖު ރަން"ގެ ނަމުގައި ބޭއްވި ދުވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ. ތާޖުއްދީން ސްކޫލް ކައިރީގައި ހުންނަ ސޯޝަލް ސެންޓަރުން ދުވުން ފެށި އިރު އަހަރީ ދުވަހުގެ ހާއްސަ ރަސްމިއްޔާތު އޮތީ ހެންވޭރު ދަނޑުގަ އެވެ.

ރައީސް އޮފީހުން ބުނީ މި ހަރަކާތްތަކުގައި ތާޖުއްދީން ސްކޫލްގެ ކުރީގެ ދަރިވަރުން ވެސް ބައިވެރިވި ކަމަށެވެ.

ތާޖުއްދީން ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލްގައި 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތްކުރި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވީ ފަސްޓް ލޭޑީ ފަޒްނާ އެވެ.

މީގެ އިތުރުން ފަސްޓް ލޭޑީ ވަނީ ތާޖުއްދީން ސްކޫލްގެ އަހަރީ މެގަޒިން ވެސް އިފްތިތާހުކޮށް ދެއްވައިފަ އެވެ. އަދި އެ ސްކޫލާ ގުޅޭ ގޮތުން ހާއްސަ ކުއިޒެއް ކުރިއަށް ގެންދިޔަ އެވެ.