24 މާޗް 2019 - 07:29

އިންޑިއާގެ ޓަމިލްނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ފިލްމުގެ ބަތަލާގެ ރޯލަށް ބޮލީވުޑްގެ މަޝްްހޫރު ބަތަލާ ކަންގަނާ ރަނާވަތު ހަމަޖައްސައިފި އެވެ.
ހިންދީ ބަހާއި ތަމަޅަ ބަހުން މި ބައޮގްރަފިކަލް ޑްރާމާ ގެނެސްދޭ އިރު، ހިންދީ ވާޝަނުގެ ނަމަކީ "ޖަޔާ" އެވެ. "ތަމަޅަ" ފިލްމަށް ދީފައިވާ ނަމަކީ "ތަލައިވީ" އެވެ.
ފިލްމުގެ ޑައިރެކްޓަރަކީ އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ ކުޅަދާނަ ޑައިރެކްޓަރު އޭއެލް ވިޖޭ އެވެ. މި ފިލްމު ގެނެސް ދެނީ ވެސް ސައުތުގެ ދެ ޕްރޮޑިއުސަރުންނެވެ. އެއީ ވިޝްނޫ ވަރުދާން އިންދޫރީ އާއި ޝާއިލެޝް އާރް ސިންގެވެ.
"ތަލައިވީ" ގައި ޖަޔަލަލީތާގެ ރޯލުން ކަންގަނާ ފެންނާނެކަން ކަށަވަރުވެގެން ދިޔަ ނަމަވެސް، މި ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން މިއީ ބޮލީވުޑާއި ސައުތުގެ ތަރިންތަކެއް މަސްހުނިކޮށްލައިގެން ގެނެސްދޭ ފިލްމަކަށް ވާނެ އެވެ.
ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ކަންގަނާ އަށް އިންޑިއާގެ ސިޔާސީ ދާއިރާ އިން ފެނުނު އެންމެ ފާހަކޮށްލެވެނު އަދި އެންމެ ނުފޫޒު ގަދަ އެއް ކަނބަލުގެ ރޯލް ކުޅެން ލިބުނު އިރު، އޭނާ އެންމެ ފަހުން ފެނިފައި ވަނީ ވެސް އިންޑިއާގެ ތާރީހުން ފާހަގަކޮށްލެވުނު ވަރުގަދަ އަންހެން ޝަހުސިއްޔަތެއްގެ ރޯލް ކުޅެފައިވާ ފިލްމަކުންކެވެ. އެއީ ލަކްޝްމީ ބާއީގެ ރޯލް އޭނާ ކުޅެ، ޖެނުއަރީ މަހު ނެރުނު "މަނިކަރުނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ.
"ތަލައިވީ" ގެ ސްކްރީން ރައިޓަރަކި "މަނިކަރުނިކާ" އާއި "ބާހްބަލީ" ގެ ލިޔުނު ކޭވީ ވިޖެންދުރަ ޕްރަސާދެވެ. "ބާހްބަލީ" ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ ބައްޕަ މިހާރު އަންނަނީ ކަންގަނާ ޑައިރެކްޓްކޮށް، އެކްޓް ވެސް ކުރަން ހަމަޖެހިފައިވާ ކަންގަނާގެ ބައޮގްރަފިކަލް ޑްރާމާގެ ސްކްރީންޕްލޭ ވެސް ލިޔަމުންނެވެ.
ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ފިލްމެއް ގެނެސް ދޭން ނިންމާފައިވާ އިރު، ހާޓްއެޓޭކެއް ޖެހިވަޑައިގެން ފަރުވާ ދެމުން ދެނިކޮށް އެކަމަނާ އަވަހާރަވީ ޑިސެމްބަރު، 5، 2016 ގަ އެވެ.
"އައްމާ" ގެ ނަމުން މަޝްހޫރުވި ޖަޔަލަލީތާ ވަނީ ޓަމިލްނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުގެ މަގާމު ހަ ދައުރެއްގައި އަދާކުރައްވައި އެވެ. އަދި އެންމެ ޒުވާން ދުވަސްވަރު އެކަމަނާ ފިލްމު ވެސް ކުޅުއްވާފައިވެ އެވެ.
ކަންގަނާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ މެއި 24 ގައި ރިލީޒް ކުރާ "މެންޓަލް ހޭ ކިޔާ" އިންނެވެ.