ޕެންޝަން ފަންޑާ ގުޅިގެން އެޗުޑީއެފްސީން އެންމެ ކުޑަ އިންޓަރެސްޓުގައި ގެދޮރު ގަންނަން ލޯނު ދެނީ
ޕެންޝަން ފަންޑާ ގުޅިގެން އެޗުޑީއެފްސީން އެންމެ ކުޑަ އިންޓަރެސްޓުގައި ގެދޮރު ގަންނަން ލޯނު ދެނީ

ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންނަށް ގެދޮރު ގަންނަން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗުޑީއެފްސީ) މެދުވެރިކޮށް ލޯނު ލިބޭނެ ގޮތް ހަމަޖެއްސުމަށް ޕެންޝަން އޮފީހުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޕެންޝަން ފަންޑާ ގުޅިގެން އެޗުޑީއެފްސީން އެންމެ ކުޑަ އިންޓަރެސްޓުގައި ގެދޮރު ގަންނަން ލޯނު ދެނީ
ޕެންޝަން ފަންޑާ ގުޅިގެން އެޗުޑީއެފްސީން އެންމެ ކުޑަ އިންޓަރެސްޓުގައި ގެދޮރު ގަންނަން ލޯނު ދެނީ

އެޗުޑީއެފްސީގެ އޮފީހުގައި މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޕްރިޔަންކާ ބަޑެވިތާނަ އެވެ. ޕެންޝަން އޮފީހުން ސޮއި ކުރެއްވީ ސީއީއޯ މުހައްމަދު މަނިކެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޕްރިޔަންކާ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން، އާއްމުކޮށް ހުޅުވައިލައިގެން ވިއްކާ ގެދޮރު ގަތުމަށް ނަގާ ލޯނުގެ ޑައުންޕޭމަންޓަށް ވާ 20 ޕަސެންޓް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން ދެއްކޭނެ އެވެ. މި ލޯނު ވާނީ، އޭނާ ވިދާޅުވި ގޮތުގައި، ގެދޮރު ގަންނަން ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ އިންޓަރެސްޓް ރޭޓް ހިމެނޭ ލޯނަށެވެ.

"ގެދޮރުވެރިކަމަށް އެދޭ ފަރާތްތަކުގެ އަދަދު އަދިވެސް ވަރަށް ގިނަ. މިއީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް،" ޕްރިޔަންކާ ވިދާޅުވި އެވެ.

ގެދޮރު ގަންނަން އެޗުޑީއެފްސީން މިހާރު ވެސް ދެ ވައްތަރެއްގެ ލޯނު ދޫކުރެ އެވެ. އެއީ 11.25 ޕަސެންޓުގެ އިންޓަރެސްޓަކާ އެކު އެއް މިލިއަން ރުފިޔާއާ ޖެހެންދެން ދޭ ލޯނަކާއި 11.50 ޕަސެންޓުގެ އިންޓަރެސްޓަކާ އެކު އެއް މިލިއަން ރުފިޔާ އަށް ވުރެ މަތިން ދޫކުރާ ލޯނެކެވެ. އެ ދެ ލޯނު ވެސް ދޫކުރަނީ މުޅި ލޯނުގެ 20 ޕަސެންޓް ޑައުންޕޭމަންޓުގެ ގޮތުގައި ދެއްކުމުންނެވެ.

ޕެންޝަން ފަންޑާ ގުޅިގެން އެޗުޑީއެފްސީން ދޫކުރަނީ ވަކި ލޯނެކެވެ. އެ ލޯނުގެ އިންޓަރެސްޓް ރޭޓާއި އެހެން ތަފްސީލުތައް ފަހުން އާއްމު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއީ ރިޓަޔަމަންޓް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި ބަދަލާއި އެއާ ގުޅިގެން ޕެންޝަން އޮފީހުން އަލަށް ހެދި ގަވާއިދުގެ ދަށުން ވީ އެއްބަސްވުމެކެވެ. އެ ގަވާއިދުގެ ދަށުން ގެދޮރު ގަންނަން ނަގާ ލޯނަށް އެދި ހުށަހަޅާއިރު އާއިލާގެ މެންބަރުންގެ ރިޓަޔަމަންޓް ސޭވިން އެކައުންޓްގައި ހުރި ފައިސާ އެއްކޮށްލައިގެން ވެސް ލޯނުގައި ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހިމަނައިފަ އެވެ.

މިފަދަ އެއްބަސްވުމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ އެކު ވެސް ޕެންޝަން އޮފީހުން ވަނީ ހަދައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ވެސް ބީއެމްއެލް ހޯމް ލޯނަށް އެދި ހުށަހަޅާ މީހުންނަށް ރިޓަޔަމަންޓް ސޭވިން އެކައުންޓްގައި ހުރި ފައިސާ އަމިއްލަ އަށް ލޯނަށް ހަރަދުކުރަން ޖެހޭ އިކުއިޓީ ތެރޭ ހިމެނުމުގެ ފުރުސަތު ލިބިގެންދެ އެވެ. އެ ގޮތުން އެ ފައިސާ ލޯނުގެ މުއްދަތުގައި ޕެންޝަން އޮފީހުގައި ކޮލެޓަރަލައިޒް ކުރާނެ އެވެ. އަދި ފަންޑުގައި ހުރި ފައިސާއިން އިކުއިޓީ އަށް ދައްކަން ޖެހޭ އަދަދު ހަމަ ނުވާ ނަމަ ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން ބާކީ ބައި ހަމަޖައްސަން ޖެހެނީ އަމިއްލައަށެވެ.