ޔޫރަޕްގެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރަންޓް ހުޅުވައިފި
ޔޫރަޕްގެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރަންޓް ހުޅުވައިފި

ދިވެހިންނަކަށް މިހާރު ކަނޑުއަޑީގެ ރެސްޓޯރަންޓްގެ ވާހަކަ އަލެއް ނުވާނެ އެވެ. ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ވަރަށް މަތީ ފެންވަރަކަށް ތައްޔާރުކޮށްފައިވާ ކަނޑުއަޑީގެ ރެސްޓޯރަންޓްތަކުން އެކި ގައުމުތަކުގެ ޓޫރިސްޓުން އަންނަނީ އުފާ ހޯދަމުންނެވެ.

އެކަމަކު ޔޫރަޕަށް އަދި ކިރިޔާ މީގެ ރެސްޓޯރަންޓެއް ތައާރަފްވީ އެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށި މި ޕްރޮޖެކްޓް ނިންމާލައި، ރެސްޓޯރަންޓް މި މަހުގެ 20 ގައި ވަނީ ހުޅުވައިފަ އެވެ.

މި ރެސްޓޯރަންޓް ގާއިމުކޮށްފައި ވަނީ ނޯވޭގެ އެންމެ ދެކުނު ތަނޑީގެ ނޯތު ސީގަ އެވެ. ދުރުން ބަލައިލާ އިރު މޫދަށް އެއްބައި އަޑިއަށް ގޮސްފައިވާ ކޮންޓެއިނާއެއް ގޮތަށް ސިފަވާ މި ރެސްޓޯރަންޓަކީ ކަނޑުއަޑީގެ ފަސް މީޓަރު އަޑީގައިވާ ތަނެކެވެ.

"އަންޑަ" ގެ ނަން ދީފައިވާ މި ރެސްޓޯރަންޓްގެ ދިގުމިނުގައި 110 މީޓަރު ހުރެ އެވެ. މިއީ އެއްފަހަރާ 40 މީހުންނަށް ހިދުމަތް ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.

ވަރަށް ތަފާތު ގޮތަކަށް "އަންޑަ" ފަރުމާކޮށްފައި ވަނީ ދުނިޔޭގެ ބައެއް ގައުމުތަކުގެ މަޝްހޫރު ބައެއް ތަންތަން ވެސް ފަރުމާކޮށްފައިނާ ނޯވޭގެ ކުންފުނި ސްނޮހީޓާ އިންނެވެ. އެ ކުންފުނިން ފަރުމާކޮށްފައިވާ ތަންތަނުގެ ތެރޭގައި މިސްރުގެ ބިބްލިއޮތީކާ އެލެގްޒެންޑްރީނާ ލައިބްރަރީ، ނޯވޭގެ ވެރިރަށް އޮސްލޯގެ އޮޕެރާ ހައުސް އަދި އެމެރިކާގައި ނިއު ޔޯކްގެ ސެޕްޓެމްބަ 11 މެމޯރިއަލް ޕެވީލިއަން ފާހަގަކޮށްލެވެ އެވެ.

ސްނޮހީޓާ އިން ބުނި ގޮތުގައި "އަންޑަ" ފަރުމާކޮށްފައި ވަނީ ކަނޑުއަޑީގެ ހިތްގައިމު މާހައުލު ވަށައިގެން ތަޖުރިބާކޮށްލެވޭ ގޮތަށެވެ. އެގޮތުން ތިން ލެވެލްއަކުން، މި ރެސްޓޯރެންޓްގެ އެތެރޭގައި ތިބެގެން ކަނޑުއަޑީގެ މާހައުލު ތަޖުރިބާ ކުރެވޭނެ އެވެ. މި ރެސްޓޯރަންޓުގެ އެތެރޭ ބޮޑުމިން 5،300 އަކަފޫޓަށް ފެތުރިފައިވާ އިރު، 11 މީޓަރު (36 ފޫޓް) ގެ ޕެނަރީމިކް ވިންޑޯއެއް ވެސް ވަނީ ހިމަނައިގަ އެވެ. މީގެ ސަބަބުން ކަނޑުއަޑީ އިހުސްސާތައްކޮށްލެވޭނެ އެވެ.

"މި ޕްރޮޖެކްޓަކީ އަހަރެމެންގެ މަސައްކަތަށް އައި ކުރިއެރުން ވެސް ދައްކުވައި ދޭނެ ވަރަށް ވެސް ފާހަގަކޮށްލެވޭ މަސައްކަތެއް،" ސްނޮހީޓާގެ ބާނީ ޖެޓިލް ޓްރޯޑަލް ތޯޒެން ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި "އަންޑާ" ވެގެން ދާނީ ނޯވޭގެ ދެކުނުގެ "ލޭންޑްމާކް" އަކަށެވެ. އަދި މިއީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ތަނަކަށް ވާނެ ކަމަށް ޖެޓިލް ވިދާޅުވި އެވެ.

"އަންޑަ" އިން ހިދުމަތް ހޯދަން ބޭނުން ނަމަ ބޮލަކަށް 380 ޔޫރޯ (429.44 ޑޮލަރު) ހޭދަކުރަން ޖެހޭނެ އެވެ. ތަފާތު ކަމެއް ތަޖުރިބާކޮށްލަން ބޭނުންވާ މީހުންނަށް އެ އަގު މައްސަލައަކަށް ވާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ކުރިއަށް އޮތް ހަ މަހަށް އެ ތަން މިހާރު ވެސް އެއްކޮށް ބުކްކޮށްފައި އޮތުމެވެ.