23 މާޗް 2019 - 07:52

ސެމްސަންގް ގެލެކްސީގެ އެންމެ ފަހުގެ މޮޑެލް އެސް10 މި މަހު ރަސްމީކޮށް ނެރުމަށް ފަހު، އަނެއްކާ ވެސް އެ ކުންފުނިން އާ ކަމަކަށް ތައްޔާރުވެއްޖެ އެވެ.
މި ފަހަރު 5ޖީ ނެޓްވޯކާ އެކު އަންނަ މަހު އެސް10 ނެރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަނީ ވެފަ އެވެ. ދެކުނު ކޮރެއާގެ ސެމްސަންގުން ބުނި ގޮތުގައި 5ޖީ ޓެކްނޮލޮޖީ ހިމެނޭ ފޯނު ނެރެން ނިންމާފައި ވަނީ އަންނަ މަހުގެ 5 ވަނަ ދުވަހު އެވެ. އެކަމަކު ފުރަތަމަ މި ފޯނު ނެރެނީ އެ ގައުމުގެ މާކެޓަށެވެ. އޭގެ ފަހުން ލަސްތަކެއް ނުވެ، އާންމު މާކެޓަށް ނެރޭނެ އެވެ.
މި ފޯނު ވިއްކާ އަގު ސެމްސަންގުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ޓެކް ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނީ މި ފޯނުގެ އަގު ފެށެނީ 1،332 ޑޮލަރުން ކަމަށެވެ.
ކުރިން އޮތް ގޮތުން 5ޖީ ޓެކްނޮލޮޖީ ހިމެނޭ ފޯނު އެންމެ ފުރަތަމަ މާކެޓަށް ނެރެން އޮތީ އެމެރިކާގެ މޮޓޮރޯލާ ކުންފުނިންނެވެ. އެއީ އަންނަ މަހުގެ 11 ގައި ނެރެން ތާވަލުކޮށްފައި އޮތް މޮޓޯ ޒީ3 ގަ އެވެ.
ނަމަވެސް އޭގެ ކުރިން ސެމްސަންގުން މި ވަނީ 5ޖީ ފޯނު އެންމެ ފުރަތަމަ ނެރޭ ކުންފުނީގެ ޝަރަފު ހޯދަން ތައްޔާރުވެފަ އެވެ.