ފޭރުނު މިފްކޯގެ ފައިސާއެއް ނުފެނޭ، މީހަކު ވެސް ހައްޔަރެއް ނުކުރޭ
ފޭރުނު މިފްކޯގެ ފައިސާއެއް ނުފެނޭ، މީހަކު ވެސް ހައްޔަރެއް ނުކުރޭ

އިއްޔެ ފޭރުނު މިފްކޯގެ ދެ މިިލިއަން ރުފިޔާ ނުފެންނަ ކަމަށާއި އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ވެސް ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާގެ އޮފިޝަލަކު މިރޭ ވިދާޅުވީ ވޭނުގައި ދަނިކޮށް އެ ހުއްޓުވުމަށް ފަހު ފައިސާ ފޭރުނު މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުނުކުރިއަސް އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ބޮޑުތަކުރުފާނު މަގުން ދަނިކޮށް، ސަައިކަލުން ދިޔަ ބަޔަކު އެ ވޭން ހުއްޓުވުމަށްފަހު ފައިސާ ފޭރުނީ އެ ވޭނުގެ ބިއްލޫރިގަނޑު ތަޅާލައިފަ އެވެ. އެ މީހުން ތިބީ މޫނު ނިވާކޮށްގެންނެވެ.

އެއީ ކޮންތަނަކަށް ގެންދިޔަ ފައިސާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ފަހަކަށް އައިސް ފޭރުމުގެ އަމަލުތައް ވަނީ މާލޭގައި އިތުރުވެފަ އެވެ. އެގޮތުން މި މަހުގެ 10 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ވެސް ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަނީ ސައިކަލުތަކެއްގައި ގޮސް، ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންޑިއާގެ މީހެއްގެ އަތުން ފޭރިގެންފަ އެވެ. އެ މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރު ކޮށްފައިވާއިރު، ފޭރިގަތް ފައިސާތައް އަދިވެސް ނުފެނެ އެވެ.