ޒިޔާދާގެ ފިރިމީހާގެ މައްޗަށް ކުރި އެއްވެސް ދައުވާއެއް ސާބިތެއް ނުވި
ޒިޔާދާގެ ފިރިމީހާގެ މައްޗަށް ކުރި އެއްވެސް ދައުވާއެއް ސާބިތެއް ނުވި

ޖިންސީ އަނިޔާތަކުގެ ސަބަބުން 2015 ވަނަ އަހަރު މަރުވި ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ކުރި ހަތަރު ދައުވާ ވެސް ސާބިތު ނުވާކަމަށް މިއަދު ހުކުމް ކޮށްފި އެވެ.

ގދ. ތިނަދު އަށް އުފަން ޒިޔާދާ އަށް ލިބުނު ޖިންސީ އަނިޔާތަކުގެ ސަބަބުން އޭނާ މަރުވި މައްސަލައިގެ ތުހުމަތުގައި ޒިޔާދާގެ ފިރިމީހާ ޝާހު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އޭރު ވެސް އޭނާގެ އާއިލާއިން އެ ތުހުމަތުތައް ދޮގު ކުރެ އެވެ.

އެ މައްސަލާގައި ހަތަރު ދައުވާއެއް ޝާހުގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.

މީގެ ތިން އަހަރު ކުރިން ފެށި އެ ޝަރީއަތުގައި ޝާހުގެ މައްޗަށް ކުރާ ހުރިހާ ދައުވާއެއް ވެސް ސާބިތު ނުވާކަމަށް ނިންމާފައިވަނީ މިއަދު ބޭއްވި އަޑުއެހުމެއްގަ އެވެ. އެ އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ގާނޫނުއަސާސީ ބުނާގޮތުން އަނިޔާ ލިބުނު މީހާގެ މަސްލަހަތު ރައްކާތެރި ކުރަން ނުވަތަ މުޖްތަމައުގެ އާންމު އިޖްތިމާއީ މިންގަނޑު ހިފެހެއްޓުމަށް ޝަރީއަތެއް ނުވަތަ ޝަރީއަތަކުން ބައެއް ސިއްރު ކުރެވިދާނެ އެވެ.

ޒިޔާދާގެ މަރަށް ފަހު ފުލުހުން ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި އޭނާއަށް ޝާހު ވަނީ ޖިންސީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާކޮށްފަ އެވެ. އަދި ޕޯސްޓްމޯޓެމް ޕްރިލިމިނަރީ ރިޕޯޓްގައި ޒިޔާދާގެ ބައެއް ގުނަވަންތަކަށް އަނިޔާ ލިބިފައިވާ ކަމަށް ވެސް ބުނެފައި ވެ އެވެ.

ޒިޔާދާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ޒިޔާދާ އަށް އަނިޔާކުރީ ޝާހު ކަމަށް ޑޮކްޓަރުން ގާތު ޒިޔާދާ ބުނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.