ޓެޑްރީގެ އާ ފިލްމެއް ފެންނާނެ، އެކަމަކު ކޮން އިރަކު ކަމެއް އަދި ނޭނގޭ
ޓެޑްރީގެ އާ ފިލްމެއް ފެންނާނެ، އެކަމަކު ކޮން އިރަކު ކަމެއް އަދި ނޭނގޭ

ދިވެހި ފިލްމީ ދާއިރާ އަށް އިންގިލާބެއް ގެނުވި "ދެރިޔާ" އަށް ފަހު، ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) މިހާތަނަށް ފީޗާ ފިލްމެއް ޑައިރެކްޓްކޮށްފައެއް ނުވެ އެވެ.

ޓެޑްރީގެ އާ ފިލްމެއް ފެންނާނެ، އެކަމަކު ކޮން އިރަކު ކަމެއް އަދި ނޭނގޭ
ޓެޑްރީގެ އާ ފިލްމެއް ފެންނާނެ، އެކަމަކު ކޮން އިރަކު ކަމެއް އަދި ނޭނގޭ

"ދެރިޔާ" ރިލީޒް ކުރިތާ 22 އަހަރުވީ އެވެ. އޭނާގެ އިތުރު ފީޗާ ފިލްމަކަށް އިންތިޒާރު ކުރާ އެތައް ބަޔަކު އެބަ އުޅެ އެވެ.

އެއްޗަކަށް އެއްޗެއް ހަދާފައި ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން އަބަދު ވެސް ޓެޑްރީ އާ މެދު އޮވެ އެވެ. އެހެންވެ އޭނާގެ ފަރާތުން "ދެރިޔާ" އަށް ވުރެ މޮޅު، ރީތި އަދި ފުރިހަމަ ޑައިރެކްޝަނެއް އަންނާނެ ކަމަށް އުންމީދު ނުކުރަންވީ ސަބަބެއް ނެތެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އޭނާ ފީޗާ ފިލްމެއް ޑައިރެކްޓް ކުރަން އުޅޭ ވާހަކަ ބުންޏެވެ.

އޭގެ ތެރެއިން އެކައްޗަކީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ލީޑް ރޯލަށް ލައިގެން ހަދަން އުޅުނު "ދަންހަޅަ" އާއި "ލަސްވިޔަސް" ކިޔާ ފިލްމެކެވެ. މި ދެ ފިލްމާ ބެހޭ ގޮތުން މިހާތަނަށް މާ ބޮޑު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ އެ ވާހަކަތައް ވަނީ އޮބިފަ އެވެ.

މިހާރު އަނެއްކާ ވެސް ފީޗާ ފިލްމެއްގެ މަސައްކަތަށް ތައްޔާރުވަމުން އަންނަ ކަމަށް ޓެޑްރީީ ބުންޏެވެ. އޭނާ ބުނީ އެއީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މަސައްކަތް ފެށި ފްރޮޖެކްޓެއް ކަމަށެވެ. އެކަމަކު އެއީ ކުރިން މަސައްކަތް ފެށި ފިލްމްތަކުން ކުރެ ފިލްމެއް ކަމެއް ނޭނގެ އެވެ.

އޭގެ ތަފުސީލަކަށް ދާން އަދި މާ އަވަސް ކަމަށް ޓެޑްރީ ބުންޏެވެ.

"ސްކްރީންޕްލޭ އޮތީ ނިމިފައި. އެހެން ނަމަވެސް މިހާރު ދުވަސްތަކެއްވެފައި އޮތީމަ މިހާރަށް ފައްތަން އެއަށް އެބަ ބައެއް ކަހަލަ ބަދަލުތައް ގެނެސް ރިވައިޒް ކުރަން. ދެން ލަވަތަކާ އެއްޗެހި ވެސް ރެކޯޑިން ހަދާ ހިސާބުގައި ހުރީ،" ފިލްމުގެ މަސައްކަތް ބޮޑު އީދަށް ފަހު ފަށާނެކަމުގެ ޔަގީންކަން ދެމުން ޓެޑްރީ ބުންޏެވެ.

"އީދުގެ ފަހުން މީގެ މަސައްކަތްތައް ފަށައި ގަނެވޭނެ. ވަރަށް ގިނަ މީޓިންތަކާއި ފިލްމާ ގުޅޭ އިތުރު މަސައްކަތްތައް އެބަހުރި ކުރިއަށް ރޭވިފައި."

އޭނާ ބުނީ ފިލްމުގެ މަސައްކަތް މެދުކަނޑާލީ "ބިތުފަންގި 2" ގެ މަސައްކަތަށް ހުސްވާން ކަމަށެވެ.

"ބިތުފަންގި ހަދަން ލިބުނު އިރު އެ ފިލްމުގެ ބައެއް މަސައްކަތް ކުރަމުން ދިޔައީ. އެހެން ނަމަވެސް އެއަށް ވަގުތު ދޭންވެގެން ފިލްމުގެ މަސައްކަތް މެދުކަނޑާލީ،" އަމާނާތުގެ ޕްރޮޑިއުސަރު ބުންޏެވެ.

އާ ފިލްމެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން ދިން ނަމަވެސް، ފިލްމް ބެލުންތެރިންނާ ހަމައަށް ގެނެވޭނެ ދުވަހެއް ބުނަން އަދި ދަތި ކަމަށް ޓެޑްރީ ބުންޏެވެ.

"ސީދާ އެހެން ބުނާކަށް ނޭނގޭ. މީގެ ވަރަށް އާލީ ސްޓޭޖްގައި އަދި މި އުޅެނީ،" އޭނާ ބުންޏެވެ.