22 މާޗް 2019 - 07:24

އާންމު އަހްލާގީ މިންގަނޑުތަކާ ހިލާފުވި މައްސަލައެއްގެ ތަހުގީގަކަށް މީހަކު ހޯދަން އިއުލާން ކުރި އިރު، އެ މީހާގެ ކުޑައިރުގެ ފޮޓޯއެއް ޗައިނާގެ ފުލުހުން އާންމު ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ފުލުހުން އަންގާރަ ދުވަހު އާންމު ކުރި "ވޯންޓެޑް" ޕޯސްޓަރުގައި ޖަހާފައި އިނީ ނޫ ކުލައިގެ ޖެކެޓެއް ލައިގެން އިން އުމުރުން ގާތްގަނޑަކަށް އަށެއްކަ އަހަރުގެ ކުއްޖެއްގެ ފޮޓޯއެކެވެ. އެކަމަކު އެއީ މިހާރު 33 އަހަރުގެ މީހެކެވެ. ނަމަކީ ޖީ ގިންހާއީ އެވެ. އޭނާގެ އައިޑީ ނަމްބަރު ވެސް ފޯސްޓަރުގައި ހިމަނާފައިވެ އެވެ.
މިކަމާ ގުޅިގެން ފާޑުކީ ގިނަ ބަޔަކު ބުނީ 33 އަހަރުގެ މީހަކު ހޯދަން އޭނާގެ ކުޑައިރުގެ ފޮޓޯއެއް އާންމުކޮށްގެން ވާނެ ފައިދާއެއް ނެތް ކަމަށާއި އާންމުންނަށް ވެސް މިކަމުގައި އެހީތެރިކަމެއް ފޯރުކޮށް ދެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ނަމަވެސް ޔުނާން ޕްރޮވިންސްގެ ޒެންޒިއޯން ކައުންޓީ ފުލުހުން އެކަން ދިފާއުކުރަމުން ބުނީ ފޮޓޯގައި ޖީ ފެންނަން ހުރި ގޮތާއި މިހާރު އޭނާ ހުރި ގޮތާ މާ ބޮޑު ތަފާތެއް ހުންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންވެ އާންމު ކުރި ފޮޓޯއަކީ މައްސަލައެއް ނޫން ކަމަށް ބުނެފައިވެ އެވެ.
"އޭނާގެ ފަހުގެ ފޮޓޯއެއް ލިބޭނެ ގޮތެއް ނެތީމަ ކުޑައިރުގެ ފޮޓޯއެއް އާންމުކުރީ. އަހަރެމެންނަށް ލިބުނު އޭނާގެ ފަހުގެ ފޮޓޯ އިން އެއީ ކާކުކަން އެނގޭ ވަރަށް ވުރެ ނުސާފު،" މައްސަލަ ތަހުގީގު ކުރާ ފުލުސް އޮފިސަރު ލިއު ބުންޏެވެ.
ނަމަވެސް ޗައިނާގެ ސޯޝަލް މީޑިއާ ވެއިބޯގައި ފުލުހުންގެ އެ އަމަލަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ބުނެ ހުއްޓުމެއް ނެތި ފާޑުކިޔާތީ ފަހުން ވަނީ މައާފަށް އެދި ބަޔާނެއް ނެރެ، ޕޯސްޓަރުން ފޮޓޯ އުނިކޮށްފަ އެވެ.