އިންތިހާބީ ޝަކުވާ ބެލުމުގެ ގަވައިދަށް އަމަލުކުރަން ފަށައިފި
އިންތިހާބީ ޝަކުވާ ބެލުމުގެ ގަވައިދަށް އަމަލުކުރަން ފަށައިފި

އިންތިހާބުތަކާ ގުޅިގެން ހުށަހަޅާ ޝަކުވާތައް ބެލުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރާ ގަވައިދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ އާންމުކޮށްފި އެވެ.

މިއީ ކޮމްޕްލެއިން ބިއުރޯއަށް ހުށަހަޅާ މައްސަލަތައް ބަލާނެ އުސޫލުތައް ކަނޑައަޅާ ގަވާއިދެކެވެ. މި ގަވާއިދުގެ ދަށުން ކޮންމެ ދިވެއްސަކަށް އަދި ސިޔާސީ ޕާޓީތަކުގެ އިތުރުން ކެންޑިޑޭޓުންނާއި މޮނިޓަރުންނާއި އޮބްޒާވަރުން އަދި އިންތިހާބު ހިންގާ ފަރާތްތަކަށް ވެސް މައްސަލަ ހުށަހެޅޭނެ އެވެ.

މި ގަވައިދު އިއްޔެ ގެޒެޓްކުރުމާ އެކު އެއަށް ވަނީ އަމަލުކުރަން ފަށައިފަ އެވެ.

އިންތިހާބީ ކެންޑިޑޭޓުންނަށް ދީފައިވާ ހައްގަކަށް އުނިކަމެއް އައުމުންނާއި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް އިންތިހާބީ ކަންތައް ކުރިއަށްދާ ނަމަ މި ގަވާއިދުގެ ދަށުން މައްސަލަ ހުށަހެޅޭނެ އެވެ. އަދި އިންތިހާބުތަކާ ގުޅޭ އާންމު ގާނޫނާއި ގަވާއިދުތަކާއި އަދި އެކަމަށް ހާއްސަ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަންތައް ކުރިއަށްދާ ނަމަވެސް، މި ގަވާއިދުގެ ދަށުން މައްސަލަ ހުށަހެޅޭނެ އެވެ.

ޝަކުވާ ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި އިންތިހާބުގެ ކަންތައް ބަލަން ކަނޑައަޅާފައިވާ އިދާރާއަކަށެވެ. އަދި ހުށަހަޅާ މައްސަލަތައް ރަޖިސްޓްރީކުރުމަށް ފަހު އެކަމެއް ބަލާނެކަން އަންގާ ލިޔުމެއް މައްސަލަ ހުށަހަޅާ ފަރާތައް ހަވާލުކުރަން ޖެހެ އެވެ. ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ނުބެލޭނެ ކަމަށް ނިންމާ މައްސަލަތަކުގެ ދަފްތަރެއް އެކުލަވާލުމަކީ ވެސް އެ އިދާރާތަކަށް ހަވާލުކޮށްފައިވާ ޒިންމާއެކެވެ.

އެ ބިއުރޯއަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގާ ގުޅިގެން މައްސަލަ ހުށަހަޅާ ފަރާތުގެ އިތުރުން ތުހުމަތު ކުރެވޭ ފަރާތާއި ހެކިން ވެސް ހާޒިރުކުރުމުގެ ބާރު އެ ބިއުރޯއަށް އީސީން ދީފައިވެ އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން މީހުން ހާޒިރުކުރުމުގެ ބާރު ވެސް އެ ގަވައިދުގައި ބިއުރޯއަށް ދީފައި ވެ އެވެ.

މީގެ އިތުރުން ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅާ މައްސަލަތަށް ނިމުނު ގޮތުގެ ރިޕޯޓެއް ހޯދަން އެ މައްސަލަ ހުށަހެޅި ފަރާތްތަކަށް އެދެވިދާނެ އެވެ.

ގަވައިދު ގެޒެޓްކޮށްފައި ވާއިރު، އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތްތައް އީސީން އަންނަނީ ކުރަމުން ނެވެ.