ޒަވީ އާއި އަޔާލާއާ އެކު ފޮޓޯއެއް ނަގާލަން ބޭނުންތަ؟
ޒަވީ އާއި އަޔާލާއާ އެކު ފޮޓޯއެއް ނަގާލަން ބޭނުންތަ؟

އެސްއެމްއެސް އެއް ފޮނުވައިގެން ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް ޒަވީ ހެނާންޑޭޒް އަދި އާޖެންޓީނާގެ ކުރީގެ ތަރި ރޮބާޓޯ އަޔާލާއާ އެކު ފޮޓޯއެއް ނަގާލުމުގެ ފުރުސަތު އެފްއޭއެމާއި އުރީދޫ އިން ހުޅުވާލައިފި އެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ގައުމީ ޓީމު މިރޭ ކުޅޭ މެޗުގެ ޓިކެޓް ނަމްބަރާ އެކު އެސްއެމްކުރާ ފަރާތަތްތަކުގެ ތެރެއިން ހޮވޭ 10 ފަރާތަކަށް ޒަވީ އާއި އަޔާލާއާ އެކު ސެލްފީއެއް ނަގާލުމުގެ ފުރުސަތު ދޭނެ އެވެ.

މިރޭގެ މެޗުގެ ދެ ވަނަ ހާފު ފެށުމާ ހަމަޔަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވިފައިވާއިރު ފޮޓޯ ނެގުން އޮންނާނީ މެޗަށް ފަހު އެވެ.

އެސްއެމްއެސް ކުރަން ޖެހެނީ މެޗުގެ ޓިކެޓް ނަމްބަރު ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށްލުމަށް ފަހު ޒަވީ ނުވަތަ އަޔާލާ ޖެހުމަށް ފަހު 9885588 އަށެވެ. މި ފުރުސަތު އުރީދޫގެ އިތުރުން ދިރާގުގެ ކަސްޓަމަރުންނަށް ވެސް ވަނީ ހުޅުވިފަ އެވެ.

މިރޭގެ މެޗުގައި އަޔާލާ ކުޅުނު ނަމަވެސް ޒަވީ ނުކުޅޭނެ އެވެ. އެކަމަކު ޒަވީ ސަޕޯޓަރުންނާ ބައްދަލުކުރާނެ އެވެ. ސްޕެއިނާ އެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އަދި 2012 ގެ ޔޫރޯ ކާމިޔާބުކުރި ޒަވީ ވަނީ ސްޕެއިން ގައުމީ ޓީމަށް 133 މެޗު ކުޅެދީފަ އެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު އެއްބަސްވާ ޒަވީ ވަނީ ސްޕެއިނުގެ ބާސެލޯނާ އަށް 1998 އިން 2015 އަށް 505 މެޗު ކުޅެދީފަ އެވެ. އެ ކްލަބާ އެކު އޭނާ ވަނީ ސްޕެނިޝް ލީގު އަށް ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކުރި އެވެ.

އާޖެންޓީނާ ގައުމީ ޓީމަށް 1994 އިން 2007 އަށް 115 މެޗު ކުޅެދީފައިވާ އަޔާލާ ވަނީ 1998، 2002 އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅެފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އެތެންސްގައި 2004 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ރަން މެޑަލް ހޯދި އާޖެންޓީނާ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި 1996 ވަނަ އަހަރުގެ އެޓްލާންޓާ އޮލިމްޕިކްސްގައި އާޖެންޓީނާ އިން ރިހި މެޑަލް ހޯދިއިރު ވެސް އަޔާލާ ކުޅުނެވެ.