އައިއޯއައިޖީ އަށް ޓީޓީ ޓީމު ތައްޔާރުކުރުމަށް އިންޑިއާ އެކެޑެމީއެއްގެ އެހީ
އައިއޯއައިޖީ އަށް ޓީޓީ ޓީމު ތައްޔާރުކުރުމަށް އިންޑިއާ އެކެޑެމީއެއްގެ އެހީ

މި އަހަރުގެ ޖުލައި މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ގައުމީ ޓޭބަލް ޓެނިސް ޓީމު ތައްޔާރުކުރުމަށްޓަކައި އިންޑިއާގެ އެންމެ ވަރުގަދަ އެއް ޓީޓީ އެކަޑަމީ ކަމަށްވާ ޕިނޭކަލް އެކަޑަމީއާ އެކު ޓީޓީ އެސޯސިއޭޝަނުން އެއްބަސްވުމެއް ހަދައިފި އެވެ.

ހަރްޔާނާ ސްޓޭޓުގައި ހުންނަ މި އެކަޑަމީއާ އެކު ރޭ ސޮއިކުރި އެމްއޯޔޫގެ ދަށުން މައިގަނޑު ހަތަރު ކަމެއް އެ އެކަޑަމީންކޮށްދޭނެ އެވެ. އެއީ ކޯޗުން ރާއްޖެ ފޮނުވައިގެން ތަމްރީން ދިނުމާއި ކުޅުންތެރިން ފޮނުވައިގެން ތަމްރީން މެޗުތައް ކުޅުމެވެ. މީގެ އިތުރުން ރާއްޖޭގެ ކުޅުންތެރިން އިންޑިއާ އަށް ގޮސް އެތަނުގައި މެޗުތައް ކުޅުމާއި ޓްރެއިނިން ކޭމްޕެއް ހިންގުން ވެސް ހިމެނެ އެވެ. ޓެކްނިކަލް އާއި ޓެކްޓިކަލް ތަމްރީންތަކުގެ އިތުރުން ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް ވެސް އެ އެކަޑަމީން މޮނީޓާކުރަމުން އަންނާނެ އެވެ.

ޕިނޭކަލް އެކަޑަމީ އަކީ އިންޑިއާގެ އެކި ހިސާބުތަކުން މޮޅު ކުޅުންތެރިން ގޮސް ތަމްރީންވާ އެއް ސެންޓަރެވެ އަދި އިންޑިއާގެ ޖޫނިއާ ޓީމުގެ ކޯޗުކަމާއި ސީނިއާ ޓީމުގެ ވަގުތީ ކޯޗުކަން ވެސް ކުރަނީ އެ އެކަޑަމީގެ ހެޑްކޯޗެކެވެ. ދާދި ފަހުން ބޭއްވި ދެކުނު އޭޝިއާގެ ހޯޕްސް ޓީޓީ މުބާރާތް ބޭއްވީ ވެސް އެތަނުގަ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތަމްރީންތައް ހޯމަ ދުވަހުގެ ރެއިން ފެށިގެން ވަނީ ތަމްރީންތައް ފަށައިފަ އެވެ. އެކަން ބާރު ސްޕީޑުގައި ކުރިއަށް ގެންދަން ފެށީ ޗައިނާ ކުންފުންޏަކާއި ސްޕޯޓްސް މިނިސްޓްރީގެ އެހީއާ އެކު ޓީޓީ ހޯލް މަރާމާތުކުރުމާ އެކު އެވެ.

އެސޯސިއޭޝަނުން މިހާރު ތަމްރީންތައް ކުރިއަށްގެންދަނީ ފުލް ސްކޮޑާ އެކު އެވެ. މޭ މަހު ސްކޮޑުން ކުޅުންތެރިން މަދުކުރުމަށް ފަހު ފައިނަލް ސްކޮޑް އިއުލާންކުރަނީ މުބާރާތާ ކައިރިކޮށްފަ އެވެ.

ޓީޓީ އެސޯސިއޭޝަނުން މި އަހަރުގެ ގޭމްސް އިން މެޑަލް ހޯދުމަށް ވަރަށް ބޮޑަށް ވަނީ ޓާގެޓްކޮށްފަ އެވެ. މީގެ ކުރިން 2011 ވަނަ އަހަރު ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދު ވަނީ އެ ގޭމްސް އިން ރިހި މެޑެއްޔެއް ހޯދައިފަ އެވެ. އެކަމަކު މިވަގުތު އޭނާ ސްކޮޑުގައި ނުހިމެނެ އެވެ.

ރާއްޖޭގައި އެއްވެސް ކުޅިވަރެއްގައި މިވަގުތު ތިބި އެންމެ އުއްމީދީ ޖޫނިއާ ދެ ކުޅުންތެރިން ވެސް ތިބީ ޓީޓީގަ އެވެ. އެގޮތުން ސްރީ ލަންކާގައި ކުޅެ އެތައް ކާމިޔާބީތަކެއް ހޯދާފައިވާ ފާތިމަތު ދީމާ އަލީ އާއި ރަފާ ނާޒިމަކީ މި ސަހަރައްދުން ކުރިމަގުގައި މެޑަލް ހޯދާނެ ކަމަށް ބެލެވޭ ދެ ކުޅުންތެރިންނެވެ. މީގެ ތެރެއިން ދީމާ ވަނީ މިދިޔަ ޖެނުއަރީ މަހު ބޭއްވި ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައި، ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖެ އަށް އެ ކުޅިވަރުން، އެއްވެސް ކެޓަގަރީއަކުން ފުރަތަމަ ފަހަރަށް ރަން މެޑެއްޔެއް ހޯދައިދީފި އެވެ.