މޮންޗީ އާސެނަލަށް ނުދިޔައީ ކީއްވެ؟
މޮންޗީ އާސެނަލަށް ނުދިޔައީ ކީއްވެ؟

މެޑްރިޑް (މާޗް 22) - މަޝްހޫރު ޓެކްނިކަލް ޑިރެކްޓަރު މޮންޗީ މިދިޔަ މަހު ރޯމާ ދޫކޮށް އޭނާގެ ކުރީގެ ކްލަބް ކަމަށްވާ ސްޕެއިންގެ ސެވިއްޔާއާ ގުޅުމުގެ ފަހަތުގައި އޮތީ ތަފާތު އެހެން ސަބަބުތަކެއް ކަމަށް ސްޕެއިނުގެ ފުޓްބޯޅަ ތަޖުރިބާކާރު ހުއިލެމް ބަލަގޫ ބުނެފި އެވެ.

މޮންޗީ އާސެނަލަށް ނުދިޔައީ ކީއްވެ؟
މޮންޗީ އާސެނަލަށް ނުދިޔައީ ކީއްވެ؟

މޮންޗީ ހުރީ ރޯމާއާ އެކު 2020 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓްގަ އެވެ. އެކަމަކު މިހާރު މޮންޗީ ވަނީ އަލުން ސެވިއްޔާ އަށް އަންނަން ނިންމާ އެކަން އިއުލާނުކޮށްފަ އެވެ. ގިނަ ބަޔަކު ހީކުރީ އޭނާ ގުޅޭނީ އާސެނަލާ ކަމަށެވެ. ރޯމާގެ ރައީސް ޖޭމްސް ޕަލޮއްޓާ ވެސް ވަނީ މޮންޗީ ދެން ފެނުން ގާތީ އާސެނަލުން ކަމަށް ވިދާޅުވެފަ އެވެ.

ސެވިއްޔާގައި ކުރިން މޮންޗީއާ އެކު މަސައްކަތްކުރި އުނާއީ އެމެރީ އާސެނަލްގެ ކޯޗުކަމާ މި ސީޒަނުގައި ހަވާލުވި ހިސާބުން ވެސް މޮންޗީ ގެންނަ ވާހަކަތައް އޮތީ ފެށިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރޯމާއާ އެކު މޮންޗީ ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް އެއް މިލިއަން ޕައުންޑް ދައްކަން ވެސް އާސެނަލް އޮތީ ތައްޔާރުގަ އެވެ. އެކަމަކު މޮންޗީ ފަހު ވަގުތު ނިންމީ ސެވިއްޔާ އަށް ބަދަލުވާށެވެ.

މަގާމު ދޫކޮށްލިތާ ދެ އަހަރެއްހާ ދުވަސް ފަހުން އަލުން އެނބުރި ސެވިއްޔާ އަށް އައުމަށް ފަހު މޮންޗީ ބުނީ އަލުން އަންނަން ނިންމީ އެ ކްލަބްގެ ޕްރޮޖެކްޓް ކަމުދިއުމުން ކަމަށެވެ. އަދި ކުރިން ހޯދި ކާމިޔާބީ އަށް ވުރެން ރަނގަޅު ކަންތައްތަކެއް މި ފަހަރު ހާސިލްކުރަން ބޭނުންވާ ކަމަށެވެ.

ސްޕެއިނު ފުޓްބޯޅައިގެ ތަޖުރިބާކާރު ބަލަގޫ ބުނީ މޮންޗީ އަނބުރާ ގެންނަން ސެވިއްޔާ އިން ތަފާތު އުކުޅެއް ބޭނުން ކުރި ކަމަށެވެ.

"ސެވިއްޔާ އިން ފަހު ވަގުތު މޮންޗީ އަށް ގުޅީ އާސެނަލަށް އޭނާ ދާން ނިންމާފައި ވަނިކޮށް. އެ ނިންމުން މޮންޗީ އަށް ޖެހުނީ ބަދަލުކުރަން. ސަބަބަކަށްވީ މޮންޗީ އަކީ ސެވިއްޔާއާ ވަރަށް ގަޔާވާ މީހެއް. މޮންޗީ ފަހު ވަގުތު ނިންމުން ބަދަލުކުރަން ޖެހުނީ ޖަޒުބާތުގައި ޖެހިގެން. ސެވިއްޔާ އަށް އޮތް ލޯތްބެއްގެ ބޮޑުކަމުން،" ބަލަގޫ ބުންޏެވެ.

އެމެރިކާގެ ވިޔަފާރިވެރިންގެ ގްރޫޕަކަށް ސެވިއްޔާ ވިއްކާލުމުގެ މަޝްވަރާތައް ފަށާފައިވަނިކޮށް ސެވިއްޔާގެ މިހާރުގެ މެނޭޖްމަންޓުން މޮންޗީ ގެނައި ސަބަބަކީ ކްލަބް އަލުން ހަމަ މަގަށް އެޅުވުމެވެ.

"އެމެރިކާ އިންވެސްޓަރުންގެ ވާހަކަތައް މަޑު ޖައްސާލެވޭނެ ހަމައެކަނި އުކުޅަކީ މިހާރުގެ މެނޭޖްމަންޓުން ކުރިން ކްލަބްގައި ހުރި ރަނގަޅު ހިންގުންތެރިން ގެނައުން. އޭގެ ފެެށުމެއް މޮންޗީ އަކީ،" ބަލަގޫ ވިދާޅުވި އެވެ.

މޮންޗީ ޔޫރަޕްގައި މި ވަގުތު ހުރި އެންމެ ކުޅަދާނަ އެއް ޑިރެކްޓަރެވެ. ސެވިއްޔާ 2000 ވަނަ އަހަރު ރެލިގޭޓްވުމުން ކްލަބް ކޮޅަށް ޖެހުމަށްޓަކައި ޑިރެކްޓާ އޮފް ފުޓްބޯލްގެ މަގާމާ ހަވާލުވެ ކްލަބުގެ ޔޫތު ސިސްޓަމް ރަނގަޅުކޮށް ކުޅުންތެރިން ސްކައުޓް ކުރުމުގެ މަސައްކަތް ފެށި އެވެ. ސާޖިއޯ ރާމޯސް އާއި ހެސަސް ނަވާސް ފަދަ ކުޅުންތެރިން ސްކައުޓްކޮށް އަދި މުޅި ދުނިޔޭގައި 700 ސްކައުންޓުގެ ނެޓްވޯކެއް ގާއިމްކުރި އެވެ.

އެޑްރިއާނޯ، ޑެނީ އަލްވެސް، ޖޫލިއޯ ބަޕްޓިސްޓާ، ސޭޑޫ ކެއިޓާ އަދި އިވާން ރަކިޓިޗް ފަދަ ކުޅުންތެރިން ކުޑަ އަގެއްގައި ގެނެސް، ބޮޑު އަގުގައި ވިއްކާލައި އޭނާ ވަނީ ކްލަބަށް 200 މިލިއަން ޔޫރޯގެ ފައިދާއެއް ހޯދައިދީ އަދި ލީގުގެ ރަނގަޅު ހިސާބެއްގައި ކްލަބް ބާއްވައިދީފަ އެވެ. އަދި ޔޫރަޕްގައި ވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދި އެވެ. އޭގެ ތެރޭގައި ޖެހިޖެހިގެން ތިން ފަހަރު ޔޫރޮޕާ ލީގު ހޯދުން ހިމެނެ އެވެ.

އާސެނަލުން މޮންޗީ ނުލިބުމުން ދެން ފާރަލީ އެ ޓީމަށް ކުރިން ކުޅުނު އަދި މިހާރު އަޔަކްސްގައި ހުރި މާކް އޯވަމާސް ގެނައުމަށެވެ. އެކަމަކު ދާދި ފަހުން އޯވަމާސް ވަނީ 2024 އާ ހަމައަށް އަޔަކްސްގައި މަޑުކުރަން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.