ކެޓަލޯނިއާ އަށް ކުޅުންތެރިން ދޫކުރަން ދެކޮޅު ހަދައިފި
ކެޓަލޯނިއާ އަށް ކުޅުންތެރިން ދޫކުރަން ދެކޮޅު ހަދައިފި

މެޑްރިޑް، ސްޕެއިން (މާޗް 21) - ސްޕެއިނުން ވަކިވެ ވަކި ގައުމެއް ހަދަން މަސައްކަތްކުރަމުން އަންނަ ކެޓަލޯނިއާގެ ފުޓްބޯޅަ ޓީމު ވެނެޒުއޭލާއާ ދެކޮޅަށް ކުޅެން ރޭވި އެކުވެރިކަމުގެ މެޗަށް ނެގި ސްކޮޑުގެ ބައެއް ކުޅުންތެރިން ދޫކުރަން ސްޕެނިޝް ލީގުގައި ކުޅޭ ތިން ޓީމަކުން ދެކޮޅު ހަދައިފި އެވެ.

ސްޕެއިނުގެ ބާސެލޯނާ ނިސްބަތްވާ ސަރަހައްދު ކަމަށްވާ ކެޓަލޯނިއާގެ ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ދޫކުރަން ދެކޮޅު ހެދި ތިން ކްލަބަކީ ސްޕެނިޝް ލީގުގެ ރެލިގޭޝަނުގައި ވާދަކުރަމުން އަންނަ ހުއެސްކާ، ރެއާލް ވަލޮޑޮލިޑް އަދި ރަޔޯ ވަޔެކާނޯ އެވެ. އެ ތިން ކްލަބުން ވަނީ ރަސްމީކޮށް ކަޓަލޯނިއާ ޓީމަށް މި ވަގުތު ކުޅުންތެރިން ވީއްލެއް ނެތް ކަމަށް އަންގައިފަ އެވެ.

ބްރެޒިލްގެ ކުރީގެ ތަރި ލުއިޒް ރޮނާލްޑޯ ނަޒާރިއޯ ހިންގަމުން އަންނަ ރެއާލް ވަލޮޑޮލިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޓީމަށް މި ވަގުތު މުހިއްމީ އަމިއްލަ މަސްލަހަތު ކަމަށާއި އެހެންވެ ކުޅުންތެރިން ދޫކުރެވެން ނެތް ކަމަށެވެ. ކެޓަލޯނިއާ ސްކޮޑުގައި ވަލޮޑޮލިޑްގެ ދެ ކުޅުންތެރިއަކު ހިމެނެ އެވެ.

"އަހަރެމެންގެ ސްޕޯޓިން އިންޓްރެސްޓް އެންމެ ފުރަތަމަ މުހިއްމުވާނީ. އަހަރެމެން މި ތައްޔާރުވަނީ ސީޒަންގެ ފަހު 10 މެޗަށް. މިހާލަތުގައި ކުޅުންތެރިން ދޫކޮށްގެން އެ ކުޅުންތެރިންނަށް އަނިޔާތަކެއް ވާން ބޭނުމެއް ނޫން،" ރެއާލް ވަލޮޑޮލިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ތިން ކްލަބުން ޖުމްލަ ހަ ކުޅުންތެރިން ދޫކުރަން ދެކޮޅު ހެދިއިރު، ކެޓަލޯނިއާ ޓީމުގައި ނަން މަޝްހޫރު ކުޅުންތެރިން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ބާސެލޯނާގެ ޖެރާޑް ޕީކޭގެ އިތުރުން ގަތަރުގެ އަލް ސާދަށް ކުޅެމުން އަންނަ ބާސެލޯނާގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ހިމެނެ އެވެ. މި ދެ ކުޅުންތެރިންނަކީ ސްޕެއިން ގައުމީ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު ދާދި ފަހުން ސްޕެއިނުން ރިޓަޔާކުރި ކުޅުންތެރިންނެވެ.

ކެޓަލޯނިއާގެ ކޯޗު ސާޖިއޯ ގޮންޒާލޭޒް ބުނީ ކުޅުންތެރިން ދޫނުކުރަން ކްލަބްތަކުން ނިންމި ނިންމުމުުގެ ފަހަތުގައި އޮތީ ސީޔާސީ މަގުސަދެއްކަން ބުނަން ބޭނުންނުވާ ކަމަށާއި އެކަމަކު އެއީ އެ ކުޅުންތެރިންނަށް ވަރަށް ބޭއިންސާފު ނިންމުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ކެޓަލޯނިއާ އިން އަންނަނީ 1997 އަށް ފަހު އެކި ފެންވަރުގެ ބައިނަލްއަގްވާމީ މެޗުތަކެއް ކުޅެމުންނެވެ. އޭގެ ތެރޭގައި ބްރެޒިލް އާއި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗު ހިމެނެ އެވެ. އަންނަ ހޯމަ ދުވަހު ވެނެޒުއޭލާއާ ދެކޮޅަށް ކުޅެން ރޭވި މެޗަކީ ފީފާ ތާރީހެއްގައި ކެޓަލޯނިއާ އިން ކުޅޭ ފުރަތަމަ އެކުވެރިކަމުގެ މެޗެވެ.