21 މާޗް 2019 - 08:46

ޕެރިސް (މާޗް 21) - މެންޗެސްޓާ ޔުނައިޓެޑްގައި މި ވަގުތު އުފަލުން ހުރި ނަމަވެސް އެހެން ކޮންމެ ކުޅުންތެރިޔެކޭ އެއް ގޮތަށް އޭނާގެ ހުވަފެނީ ކްލަބަކީ ރެއާލް މެޑްރިޑް ކަމަށް ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.
އުމުރުން 26 އަހަރުގެ ޕޮގްބާ އަކީ ޕޮގްބާ އަކީ ޔުނައިޓެޑުގެ އެކަޑަމީން ވިދާލި ކުޅުންތެރިއެކެވެ. އެކަމަކު ސީނިއާ ޓީމުން ފުރުސަތު ނުލިބި ހުއްޓާ 2012 ވަނަ އަހަރު ޔުވެންޓަސް އިން ހިލޭ ޓްރާންސްފާއެއްގައި އޭނާ ގެންގޮސް ދުނިޔޭގެ ފެންވަރުގެ ތަރިއަކަށް ބަދަލުކުރި އެވެ. ޔުނައިޓެޑުން އޭނާ އަނބުރާ ގަތީ 2016 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 105 މިލިއަން ޔޫރޯ އަށެވެ.
އަލުން ޔުނައިޓެޑަށް ޕޮގްބާ ގެނައީ އެ ޓީމުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ. އެކަމަކު މޮރީނިއޯ އާއި ޕޮގްބާއާ ދެމެދު މައްސަލަތަކެއް ޖެހި އޭނާ ކްލަބް ދޫކޮށްލާން އުޅޭ ކަމުގެ ވާހަކަތައް މީޑިއާގައި ވެސް ދެކެވިފައި އޮއްވައި ޔުނައިޓެޑުން ވަނީ މޮރީނިއޯ ވަކިކޮށް އެ ޓީމަށް ކުރިން ކުޅުނު ނޯވޭގެ ފޯވާޑް އޮލެ ގުނަ ސޯލްޝެއާއާ އެ ޓީމު ހަވާލުކޮށްފަ އެވެ.
"އާ ކޯޗެއް މިހާރު ހުރީ. އަހަރެން މި އަންނަނީ ގަވާއިދުން ޓީމުގައި ހިމެނިގެން ކުޅެމުން. އަހަރެން ޔުނައިޓެޑުގައި މި ވަގުތު އުފަލުން މި ހުރީ. ރެއާލް މެޑްރިޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބް އަހަރެން އަބަދުވެސް ބުނަމުން މި އަންނަނީ ރެއާލް މެޑްރިޑަކީ ކޮންމެ ކުޅުންތެރިއެއްގެ ވެސް ހުވަފެނީ ކްލަބްކަމަށް. އަހަރެން ވަކި ތަފާތެއް ނުވާނެ،" ޔޫރޯ ކޮލިފައިންގައި މާދަމާރޭ މޮލްޑޯވާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮގްބާ ބުންޏެވެ.
ސޯލްޝެއާގެ ކޯޗުކަމުގައި ޕޮގްބާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ސޯލްޝެއާ ވަނީ ޕޮގްބާ އަށް ތައުރީފުކޮށް ވާހަކަ ދެއްކުމުގެ އިތުރުން ޔުނައިޓެޑްގެ ކޯޗުކަން ދާއިމީ އެއްބަސްވުމެއްގެ ދަށުން ލިބިއްޖެނަމަ ޓީމު ބައްޓަން ކުރާނީ ޕޮގްބާ އަށް އިސް ދައުރެއް ލިބޭގޮތަށް ކަމަށް ބުނެފަ އެވެ.
ޕޮގްބާ ބުނީ މިހާތަނަށް ޔުނައިޓެޑްގައި ސޯލްޝެއާ ކުރި މަސައްކަތަށް ބަލާއިރު އެ ޓީމުން އޭނާ އަށް ދާއިމީ އެއްބަސްވުމެއް ދޭން ޖެހޭ ކަމަށެވެ.
"އަހަރެމެން އެންމެން ބޭނުން އޭނަ (ސޯލްޝެއާ) މަޑުކުރަން. އޭނަ ކުޅުންތެރިންނާ ބަހައްޓާ ގާތްގުޅުމުގެ ނަތީޖާ އެ ފެންނަނީ މެޗުތަކުން ވެސް. ޔުނައިޓެޑަށް ރަނގަޅުވާނީ ސޯލްޝެއާ ހުރުން،" ޕޮގްބާ ބުންޏެވެ.
ރެއާލުގެ ކޯޗުކަމަށް ޒިނެދިން ޒިދާން އަލުން ހަވާލުވުމަށް ފަހު އަންނަ ސީޒަނަށް ޓީމަށް ގިނަ ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވެ އެވެ. ރިޕޯޓްތައް ބުނާގޮތުން ޒިދާން ޔުނައިޓެޑުން ބޭނުންވަނީ ގޯލްކީޕަރު ޑޭވިޑް ޑެހެއާގެ އިތުރުން ޕޮގްބާ އެވެ.