ސިފަ ތަފާތަސް އީތާން ޖެހިލުމެއް ނުވޭ
ސިފަ ތަފާތަސް އީތާން ޖެހިލުމެއް ނުވޭ

އީތާން ޒެވީގް އަކީ އާދައިގެ ކުއްޖެއް ނޫނެވެ. އޭނާގެ މޫނުމަތީގައި ބޮޑު އައިބެއް އެބަހުއްޓެވެ. އެ އައިބުތަކުގެ ބޮޑުކަމުން، އުފަންވުމާ އެކު ވެސް ޑޮކްޓަރުން ވަރަށް ބޮޑު ފަސް ސާޖަރީއެއް ހެދި އެވެ. އޭނާގެ ވާތު ލޯ ސަލާމަތްކުރުމަށާއި ބެދިފައިވާ ނޭފަތް ހުޅުވުމަށެވެ.

ސިފަ ތަފާތަސް އީތާން ޖެހިލުމެއް ނުވޭ
ސިފަ ތަފާތަސް އީތާން ޖެހިލުމެއް ނުވޭ

އޭނާއާ ދިމާލަށް އެހެން ކުދިން އިނގިލި ދިއްކޮށް ބަލާކަން މިހާރު އުމުރުން ފަސް އަހަރު ފުރިފައިވާ އީތާން އަށް އެނގެ އެވެ. ނަމަވެސް އެފަދަ ކުދިންނަށް އޭނާ އިޖާބަދޭ ގޮތުން އޭނާގެ މަންމަ އެނީ ވެސް ހައިރާންވެ އެވެ. އޭނާ ހަދާ ގޮތަކީ ބަލާ ކުއްޖާގެ ކައިރިއަށް ގޮސް އަމިއްލައަށް ތައާރަފްވަނީ އެވެ.

ސިފަ ތަފާތަސް އީތާން ޖެހިލުމެއް ނުވޭ
ސިފަ ތަފާތަސް އީތާން ޖެހިލުމެއް ނުވޭ

ޑެއިލީ މެއިލްގައި އީތާންއާ ބެހޭގޮތުން ލިޔެފައިވާ ގޮތުގައި ކެލިފޯނިއާގެ ލޮސް އެންޖަލިސްގެ އާ ސްކޫލަކަށް ދާން އީތަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އީތާންއާ ދޭތެރޭ މަންމަގެ ހިތުގައި އޮންނަ ކަންބޮޑުވުމަށް ކުޑަވެސް ހިތްހަމަޖެހުމެއް ލިބުނީ އީތާން އަށް ލިބިފައިވާ އަމިއްލަ ނަފްސަށް އިތުބާރު ކުރުމުގެ ސިފައިގެ ސަބަބުންނެވެ.

ބޭރަށް ނުކުތުމާ އެކު މީހުން އޭނާއާ ދިމާލަށް ބަލާކަން އީތާން އަށް އެނގެ އެވެ. އެހެން މީހަކު އެކަންތައް ހައްލުކޮށްދިނުމުގެ ބަދަލުގައި އީތާން ބޭނުންވަނީ އަމިއްލައަށް އެކަމާ ކުރިމަތިލާށެވެ. އެހެން މީހުންގެ އެހީތެރިކަމެއް އޭނާ ބޭނުމެއް ނުވެ އެވެ.

އީތާން ބޭރަށް ނުކުންނަ ނަމަ އޭނާގެ މަންމަގެ ދަބަހުގައި ކުޅޭ އެއްޗެއް އޮވޭތޯ ބަލަ އެވެ. އަދި ކުދިން ބަލަން ފެށުމުން އެކުދިން ކައިރިއަށް ގޮސް އަމިއްލައަށް ތައާރަފްވެ ކުޅޭ އެއްޗެހި ދީ ކުދިންނާ ވާހަކަ ދައްކަން މަސައްކަތް ކުރެ އެވެ. އޭނާގެ މަންމަ ބުނި ގޮތުގައި ގިނަ ފަހަރަށް އީތާން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއެއް ނުކުމެ އެވެ.

އީތާންގެ އެއް ލޯ މިހާރުވެސް ވަނީ އެއްކޮށް އަނދިރިވެފަ އެވެ. އަދި އަނެއް ލޯ ސަލާމަތްކުރުމަށް ދޭތެރެދޭތެރެއިން ސާޖަރީ ހަދަން ޖެހެ އެވެ.

މޫނުގެ ސޮފްޓް ޓިޝޫތަކަކާއި ކަށިގަނޑެއް ދެބައިވެގެން އީތާންގެ މޫނުގައި ބޮޑު ބާގަނޑެއް ހެދިފައިވެ އެވެ.
އާއްމުކޮށް މިގޮތަށް މޫނުން ފަޅައިގެން ގޮސްފައި ހުންނާތީ ފެންނަނީ ތުންފަތާއި މަތީ ތައްޔެވެ. ނަމަވެސް އީތާން ގޮތަށް ބައެއް މީހުންގެ މޫނުގެ ބޮޑު ބައެއް މިގޮތަށް ފަޅައިގެން ގޮސްފައި ހުރެ އެވެ.

މިގޮތަށް މޫނުން ތަނެއް ފަޅައިގެން ގޮސް ހުންނަ ސަބަބު ހޯދަން ސައިންސްވެރިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އާއިލާގައި ޖެނެޓިކްސް މައްސަލަ ހުރި މީހުން ތިބި ނަމަ އުފަންވާ ކުދިންނަށް މި މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ހަށިގަނޑުގައި ވިހަ މާއްދާ ހުރުމާއި ފޮލިކް އެސިޑްގެ ސަބަބުން ވެސް މިފަދަ އައިބުތައް ކުދިންގެ ގައިގައި ހުންނަން މެދުވެރިވެ އެވެ.

އީތާންގެ މަންމަ ބުނި ގޮތުގައި އީތާން އާ ސްކޫލަކަށް ފޮނުވާ ދުވަސް ކައިރިވަމުންދާ ވަރަކަށް އޭނާގެ ކަންބޮޑުވުން އިތުރުވަމުން ދެ އެވެ. ނަމަވެސް އެއީ މާބޮޑު ކަމަކަށް ނުހަދަން އޭނާ ވަރަށް މަސައްކަތް ކުރެ އެވެ.

"އަހަރެން ވަރަށް ހާސްވެ ކަންބޮޑުވޭ. އަހަރެން ދެރަވަނީ މީހުން އީތަން އާ ދިމާލަށް ބަލާވަރުން އަދި ލޮލަށް ވެފަ ތިހިރީ ކިހިނެއްހޭ ކުޑަކުދިން އީތާންއާ ސުވާލު ކުރާވަރުން،" އެނީ ބުންޏެވެ.

އީތަން އަކީ އެހެން ކުދިންނާ ތަފާތު ކުއްޖެއްކަމުގެ އިހްސާސް އީތަން އަށް ކުރެވި ބާކީވާކަށް އެނީ ބޭނުމެއް ނޫނެވެ.

"ބައެއް ފަހަރު މާޔޫސްވެގެން ގޮސް ރޮވޭ. ނަމަވެސް އީތާން އަކަށް އެތަނެއް ނުދައްކަން،" އެނީ ބުންޏެވެ.

އީތާންގެ ކާފަ ބުނި ގޮތުގައި އީތާން އަކީ ވަރަށް އުފާވެރި މިޒާޖެއްގެ އެހާމެ ސްމާޓް ކުއްޖެކެވެ. އަމިއްލައަށް މީހުންނާ ކުރިމަތިލާން އީތަން އަށް އެނގެ އެވެ.

"މީހަކު އީތަންއާ ދިމާލަށް ބަލާ ނަމަ އޭނާގެ ކުރިމައްޗަށް އަރައި ފޮރުވަން އަހަރެން މަސައްކަތް ކުރަން. ނަމަވެސް އީތަން ބުނާނެ އޭނައަށް އެނގެޔޭ މީހުން ބަލާކަމާއި އެ ބަލާ ސަބަބު. ވަގުތުން އޭނާ ގޮސް އެމީހަކާ ބައްދަލުކޮށް އަމިއްލައަށް ތައާރަފްވޭ. އޭނަ ބުނަނީ އެމީހާއަށް އޭނާ އަކީ ކާކުކަން އެނގެން ޖެހޭނެ ނޫންހޭ،" އީތާންގެ ކާފަ ބުނެފައިވެ އެވެ.

އެހެން ކުދިން ފަދައިން ސްކޫލާއި ކޮލެޖަށް ގޮސް ކިޔަވައިގެން ވަޒީފާ ހޯދައިގެން މިނިވަންކަމާ އެކު މުޖުތަމައުގައި އުފާވެރިކަމާ އެކު ދިރިއުޅޭ ކުއްޖަކަށް އީތާން ވުމަކީ އޭނާގެ އާއިލާގެ އުންމީދެވެ.

ހަޔާތުގައި ދިމާވެފައިވާ ގޮންޖެހުންތަކާ ހެދި އީތާންގެ ޝަހްސިއްޔަތަށް ބަދަލެއް އަންނާކަށް އޭނާގެ މަންމަ ބޭނުމެއް ނޫނެވެ. ހަމައެކަނި މޫނުގައި ހުރި އައިބަކާ ހެދި އީތާންގެ ދިރިއުޅުން ބަރުބާދުވާން ޖެހޭ ކަމަކަށް އެމީހުން ގަބޫލެއް ނުކުރެ އެވެ.

މޫނުގައި ހުރި ބޮޑު އައިބުގެ ސަބަބުން ކެއުމަކީ އީތާން އަށް ވަރަށް އުނދަގޫ ކަމެކެވެ. އެހެން މީހުންނަށް ފެންނަ ގޮތަކަށް އީތާން އަކަށް ދުވަހަކު ވެސް ނުފެންނާނެ އެވެ.

"އީތާން އަށް އަހަރެން އެ ވާހަކަތައް ވަރަށް ރީތިކޮށް ކިޔައިދެން. ކޮންމެ ސާޖަރީއެއް ހަދާ ދުވަހެއްގެ ވެސް ކުރީ ދުވަހު އެ ސާޖަރީއަކާ ބެހޭ ގޮތުން ވެސް ކިޔައިދެން. އޭނާ ވަރަށް ހިތްވަރުގަދަވާނެ. ބުނާނެ ކުޑަކުޑަކޮށް ބިރުގަނެއޭ. އެކަމަކު އޮޕަރޭޝަންގެ ފަހުން ކޮންމެވެސް ވައްތަރެއްގެ ކުޅޭ އެއްޗެއްގެ ނަން ބުނެފަ ބުނާނެ އެ ހޯދާދޭން ވާނޭ،" އީތާންގެ މަންމަ ބުންޏެވެ.

އީތާންގެ އައިބުތަކާ އެކު ވެސް އެނީ އުފާވާ ކަމަކީ އޭނާއަކީ ވަރަށް ރަނގަޅު ކުއްޖަކަށް ވާތީ އެވެ. އަދި އޭނާއާ ބައްދަލުވާ ކޮންމެ މީހަކު ވެސް އޭނާ ދެކެ ލޯބިވާތީ އެވެ.