21 މާޗް 2019 - 10:23

ސިންގަޕޫރު (މާޗް 21) - ސްރީ ލަންކާގެ ސެންޓްރަލް ބޭންކުގައި ހިންގި ބޮޑު ކޮރަޕްޝަނުގެ ފަހަތުގައި ހުންނެވި އެ ބޭންކުގެ ކުރީގެ ގަވަރުނަރު އަރުޖުނާ މަހެންދުރަން އަށް ސިންގަޕޫރުން ހިމާޔަތް ދޭ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ކުރެއްވި ތުހުމަތު އެ ގައުމުން ދޮގުކޮށްފި އެވެ.
ސިރިސޭނާ ހޯމަ ދުވަހު ވިދާޅުވެފައި ވަނީ ސެންޓްރަލް ބޭންކުގެ 74 މިލިއަން ޑޮލަރުގެ ކޮރަޕްޝަނުގައި ހިމެނޭ މަހެންދުރަން ސްރީ ލަންކާއާ ހަވާލުނުކޮށް ސިންގަޕޫރުން އޭނާ އަށް ހިމާޔަތް ދޭ ކަމަށެވެ. އަދި އޭނާ ލަންކާއާ ހަވާލު ކުރަން ބޮޑު ވަޒީރު ލީ ސިއެން ލޫންގް އަރިހު ޖެނުއަރީ މަހު ދަންނަވާފައިވާނެ ކަމަށާއި މިހާތަނަށް އައިއިރު އެއްކަމެއް ވެސް ކުރައްވާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
މަހެންދުރަން އަކީ ސްރީ ލަންކާ ދަރިކޮޅު ސިންގަޕޫރު މީހެކެވެ. ސެންޓްރަލް ބޭންކުން ބޮންޑު ވިއްކުމުގައި އޭނާ ކޮރަޕްޝަން ހިންގީ ބޭންކުގެ ގަވަރުނަރަކަށް 2015 ވަނަ އަހަރު ހުންނެވި ދުވަސްވަރު އެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލާގައި ޖެނުއަރީ މަހުން ފެށިގެން ލަންކާ ސަރުކާރަށް އެއްބާރުލުން ދެމުންދާ ކަމަށެވެ. ނަމަވެސް މަހެންދުރަން ލަންކާއާ ހަވާލު ކުރުމާ ގުޅޭ ގޮތުން ސިންގަޕޫރުގެ ގާނޫނުގައިވާ ގޮތުގެ މަތިން ބައެއް މައުލޫމާތު މަދު ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިންގަޕޫރުން ބޭނުންވާ މައުލޫމާތު ލަންކާ އިން ފޮނުވާނެ ކަމަށް އުއްމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.