އެމްއެމްޕީއާރުސީގެ މައްސަލާގައި ސިފައިންގެ ދެ އޮފިސަރަކު ސަސްޕެންޑްކޮށްފި
އެމްއެމްޕީއާރުސީގެ މައްސަލާގައި ސިފައިންގެ ދެ އޮފިސަރަކު ސަސްޕެންޑްކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލަ ތަހުގީގުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ނެރުނު ރިޕޯޓާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން ފައިސާ ޖަމާކުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރިޕޯޓުގައި ބުނާ ސިފައިންގެ ދެ އޮފިސަރުންގެ ތެރޭގައި މޭޖާ އިބްރާހިމް ނަވީން ޒުބައިރު ހިމެނެ އެވެ. އޭނާ ރާއްޖެ އައުމުން ފިޔަވަޅު އަޅާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ކުރިން ވަނީ ވިދާޅުވެފަ އެވެ.

"މިހާރު" ން ކުރި ސުވާލަކާ ގުޅިގެން އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން އިބްރާހިމް އާޒިމް މިރޭ ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލާގައި ގޭގައި މަޑުކުރަން އެންގީ މޭޖަ ނަވީނާއި ސާޖެންޓް އިސްމާއިލް ޝަކީބް ކަމަށެވެ. އެ ދެ އޮފިސަރުން ވެސް ސަސްޕެންޑްކުރީ ޚިޔާނާތުގެ ރިޕޯޓާ ގުޅިގެން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް އާޒިމް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އެންގިއިރު، ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވެސް އެ މައްސަލާގައި ގޭގައި މަޑުކުރަން ކުރިން އޮތީ އަންގަވައިފަ އެވެ.

މަހްލޫފްގެ އެކައުންޓަށް އެސްއޯއެފުން ގިނަ އަދަދެއްގެ ޑޮލަރު ޖަމާކުރި ކަން އޭސީސީގެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ. އެކަމަކު މަހްލޫފް ވިދާޅުވާ ގޮތުން އެއީ އެސްއޯއެފުން ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެކެވެ.

މަހްލޫފްގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމް ވެސް އެ މައްސަލާގައި ގޭގައި މަޑުކުރަން އޮތީ އަންގައިފަ އެވެ.