ކަލަންޑަރަށް ކްލަބްތަކުގެ ހިޔާލު ލިބިއްޖެ، މިމަހު ފައިނަލްވާނެ
ކަލަންޑަރަށް ކްލަބްތަކުގެ ހިޔާލު ލިބިއްޖެ، މިމަހު ފައިނަލްވާނެ

މި އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ކަލަންޑަރު ހެދުމާ ގުޅޭ ގޮތުން ކްލަބްތަކާ އަލުން މަޝްވަރާކޮށްފައިވާ ކަމަށާއި ލިބުނު ހިޔާލުތަކާ އެކު، މި މަހުގެ ނިޔަލަށް ކަލަންޑަރު ހަދައި އިއުލާންކުރާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ޖޫން މަހު ފަށަން ނިންމާފައިވާ ސީޒަނަށް ތައްޔާރުވުމަށް ބައެއް ކްލަބްތަކުން ކުޅުންތެރިން ހޯދަން ވަނީ ފަށައިފަ އެވެ. އެކަމަކު ޕްރެކްޓިސް ފަށާނެ ތާރީހަކާއި އެހެނިހެން ތައްޔާރީތައް ފައިނަލްކުރެވޭނީ ކަލަންޑަރު ލިބުމުން ކަމަށް ކްލަބްތަކުން ބުނެ އެވެ.

އެފްއޭއެމުން ޖޫން މަހު ސީޒަން ފަށާ ގޮތަށް ނިންމީ ވެސް ކްލަބްތަކާ މަޝްވަރާކުރުމަށް ފަހު އެވެ. އަދި ކަލަންޑަރު އެކުލަވާލާނީ ވެސް ކްލަބްތަކާ މަޝްވަރާކުރުމަށް ފަހު ކަމަށް ދާދި ފަހުން ބުނެފައިވެ އެވެ. އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް މިއަދު ވިދާޅުވީ ސައުތު އޭޝިއަން ގޭމްސް ކުރިން އޮގަސްޓުގައި ބާއްވާ ގޮތަށް އޮތް ނަމަވެސް މިހާރު އެ ގޭމްސް ފަސްވުމާ އެކު، އަދި ކްލަބްތަކުގެ އިތުރު ހިޔާލުތައް ހުރުމާ އެކު އެއަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"ކްލަބްތަކާ މަޝްވަރާކޮށްފިން. އަދި ސައުތު އޭޝިއަން ގޭމްސްގެ ތާރީހު ވެސް މިހާރު ލިބިއްޖެ. އެހެންވެ ކްލަބްތަކުގެ އެބަހުރި ބައެއް ފީޑްބެކް. ބައެއް މުބާރާތް އިސްފަސްކުރުން ފަދަ. އެ ހިޔާލުތަކާ އެކު އާ ކަލަންޑަރަށް މިހާރު މަސައްކަތްކުރަމުން މި އަންނަނީ. ކޮންގްރެސް އަށް ފަހު މި މަހުގެ ފަހުކޮޅު ކަލަންޑަރު އިއުލާކުރާނަން،" ހޯމަ ދުވަހު ބާއްވާ ކޮންގްރެސް އަށް އިޝާރާތްކުރައްވައި ޖަވާޒް ވިދާޅުވި އެވެ.

ސީޒަން ފަށާނީ މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ތ. ތިމަރަފުށްޓާ ދެމެދު ދެ ލެގުގެ އުސޫލުން ކުޅޭ މެޗުންނެވެ. އެކަމަކު ތިމަރަފުށީގެ ދަނޑު އެކަށީގެންވާ ފެންވަރެއްގައި ނެތުމުން އެ ރަށުގައި ކުޅެން ޖެހޭ ލެގު އެ ރަށުގައި ބޭއްވިދާނެ ކަމާ މެދު ސުވާލުތައް ވަނީ އުފެދިފަ އެވެ.

އެފްއޭއެމުން ކުރިން ވިސްނައިގެން ތިބީ ފީފާ ޕްރޮޖެކްޓުގެ ދަށުން އެ ރަށުގައި ވިނަ ދަނޑެއް އެހާތަނަށް ތަރައްގީކުރެވޭނެ ކަމަށެވެ. އެކަމަކު ސަރުކާރާއި އެފްއޭއެމާ ދެމެދު އުފެދުނު މައްސަލަތަކާ އެކު، އިދާރީ ކަންކަން ފުރިހަމަނުވެ ދަނޑުތަކުގެ މަސައްކަތް އަދި ނުފެށެ އެވެ.

ޖަވާޒް ވިދާޅުވީ ތިމަރަފުށްޓަށް ތައްޔާރުވެވިއްޖެ ނަމަ އެ ލެގު އޮންނާނީ އެ ރަށުގައި ކަމަށާއި އެކަމާ ސުވާލެއް ނެތް ކަމަށެވެ. އަދި ފައިނަލް ގޮތެއް ނިންމާނީ ކޮންގްރެސް އަށް ފަހު ބާއްވާ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަހަރުގެ މެދުތެރެއިން ފަށާ ފުރަތަމަ ފަހަރެވެ. މާލީ ގޮތުން ރާއްޖޭގެ ގިނަ ކްލަބްތައް އަޑިއަޅާލާފައި އޮތްއިރު ކްލަބްތައް ކަންތައްތައް ހަމަޖައްސަން ވަގުތު ބޭނުންވާތީ ކްލަބްތަކުން ޖޫންގައި ސީޒަން ފަށަން ތާއީދުކުރީ އެވެ.

މާލީ ގޮތުން އަދިވެސް ކްލަބްތައް ހަމަޔަކަށް ނޭޅެ އެވެ. ކުންފުނިތައް މެދުވެރިކޮށް ކުރީ ސަރުކާރުން ދޭން ފެށި އެސްއޯއީ އެހީތެރިކަން މި އަހަރު ވެސް ލިބޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެކަމުގެ ޔަގީންކަން ފަހުން ނެތުމުން އެފްއޭއެމުން އަމިއްލަ އަށް އެ ފައިސާ ދޭން ވަނީ ނިންމައިފަ އެވެ. އެފްއޭއެމުން ކުރިން ނިންމާފައި އޮތީ ވެސް އަންނަ އަހަރުން ފެށިގެން އަމިއްލަ އަށް ދޭގޮތަށެވެ.

އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެސްއޯއީގެ ދަށުން ކްލަބްތަކަށް ވެސް އަދި އެފްއޭއެމް އަށް ވެސް މިނިސްޓްރީގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެތޯ ނުވަތަ ނޫންތޯއާ މެދު މިވަގުތު އެއްޗެއް ބުނެވެން ނެތް ކަމަށެވެ. ސަބަބަކީ ސަރުކާރުން ކޮރަޕްޝަނަށް ދެނީ ޒީރޯ ޓޮލެރަންސް ކަމަށްވެފައި، ސަރުކާރުން ދޫކުރި ފައިސާ އަށް ވީގޮތް ނޭގި އަލުން ފައިސާ ދޭން ބޭނުންނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.