20 މާޗް 2019 - 12:52

އަސްތާނާ (މާޗް 20) - ވެރިކަމުގައި 30 އަހަރު ހޭދަކުރެއްވުމަށް ފަހު ކަޒަކްސްތާނުގެ ރައީސް ނޫރްސުލްތާން ނަޒަބަޔާފް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި އެވެ.

"މަގާމުން އިސްތިއުފާ ދެއްވަން އަޅުގަނޑު ނިންމައިފިން،" ގައުމީ ޓީވީ މެދުވެރި ކުރައްވައި ދެއްވި ތަގްރީރުގައި 78 އަހަރުގެ ނަޒަބަޔާފް ވިދާޅުވި އެވެ.
ތެލުގެ މުއްސަނދިކަން ލިބިފައިވާ ކަޒަކްސްތާނުގެ ވެރިކަމަށް ނަޒަބަޔާފް ވަޑައިގެންނެވީ ސޯވިއެޓް ޔޫނިއަން އިން އެ ގައުމު ވަކިވިތަނާ އެވެ. އެހާ ގިނަ ދުވަހު ވެރިކަން ކުރެއްވިއިރު ވެސް އޭނާގެ ފަހުން ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅެއް ނަޒަބަޔާފް ދައްކަވައިފައެއް ނުވެ އެވެ.
"އަޅުގަނޑުގެ ރިޔާސީ ދައުރުގެ ބާކީ ބައި ހަވާލު ކުރާނީ ސެނެޓުގެ ޗެއާމަންއާ،" ގާނޫނު އަސާސީ އަށް އިޝާރާތް ކުރައްވައި ނަޒަބަޔާފް ވިދާޅުވި އެވެ.
ސެނެޓުގެ ޗެއާމަން އަކީ ނަޒަބަޔާފް އަށް ވަފާތެރި ގާސިމް ޖޮމާތު ޓޮކަޔޭފް، 65، އެވެ. ނަޒަބަޔާފްގެ ރިޔާސީ ދައުރު ނިމޭނީ 2020 ވަނަ އަހަރު އެވެ.
ދެހާސް ފަނަރަވަނަ އަހަރު ބޭއްވި އިންތިޚާބު ނަޒަބަޔާފް ކާމިޔާބު ކުރެއްވީ 98 ޕަސެންޓް ވޯޓާ އެކު އެވެ.