ރާއްޖެއާ ދެކޮޅަށް ބަންގްލަދޭޝް ކެޕްޓަނަށް ނުކުޅެވޭނެ
ރާއްޖެއާ ދެކޮޅަށް ބަންގްލަދޭޝް ކެޕްޓަނަށް ނުކުޅެވޭނެ

ރާއްޖެ އާއި ބަންގްލަދޭޝް އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ބަންގްލަދޭޝްގެ ކެޕްޓަން މަމްނުލް އިސްލާމަށް ނުކުޅޭއިރު ސްކޮޑުން ބައެއް އާ ކުޅުންތެރިންނަށް ބަންގްލަދޭޝް ކޯޗު ޓޮމް ސެއިންފީޓް ފުރުސަތު ދީފި އެވެ.

އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމަށް ކުޅޭ މި މެޗުގައި މަމްނުލް އަށް ނުކުޅެވެނީ ވާތު ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެންނެވެ. މި މަހުގެ 22 ވަނަ ދުވަހު ލިބުނު އަނިޔާއަށް ފަހު ހަފުތާއެއްހާ ދުވަސް އަރާމުކުރުމަށް ފަހު އޭނާ މިހާރު ވަނީ ފަރުވާ ފަށައިފަ އެވެ.

"މިހާރު ތަދު ކަނޑައިގެން ގޮސްފި. (ފަލަމަސްގަނޑުގައި) ވަރުޖެއްސުމަށް އޭނާ މިހާރު އަންނަނީ ޖިމް ޓްރެއިނިން ހަދަމުން. ބޫޓާން މެޗު އޮތުމުން އެއްވެސް ރިސްކެއް ނުނެގުމަށް އަހަރެން ވާނީ މެނޭޖްމަންޓުގައި އެދިފައި،" ބަންގްލަދޭޝްގެ ޑެއިލީ ސްޓާއާ ވާހަކަދައްކަމުން އެ ޓީމުގެ ފިޒިއޯ ސާޖިބް ޝާމްސް ބަކްޝީ ބުންޏެވެ.

ބަންގްލަދޭޝް ޓީމުގެ މެނޭޖަރު އިގްބާލް ހުސެއިން ވަނީ ޓީމާ އެކު މަމްނުލް ރާއްޖެ ނުދާނެކަން ކަށަވަރުކޮށްދީފަ އެވެ.

ބަންގްލަދޭޝްގެ ޗިޓަގޮން އަމްބާނީ ލިމިޓެޑަށް ކުޅޭ އުމުރުން 27 އަހަރުގެ މަމްނުލް އަކީ މެދުތެރޭގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކުޅުންތެރިއެކެވެ. އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕުގައި ވެސް މޮޅު ކުޅުމެއް ދެއްކި މަމްނުލް ގެންނަން ރާއްޖޭގެ ނިއު ރޭޑިއަންޓުން ވެސް މީގެ ކުރިން ވަނީ މަސައްކަތްކޮށްފަ އެވެ.

އިންޑިއަން ސުޕަ ލީގުގެ އެތުލެޓިކޯ ޑި ކޮލްކަޓާ އަށް 2014 ވަނަ އަހަރު ކުޅުނު މަމްނުލް އަކީ، އެ ފަހަރުގެ މުބާރާތުގައި ކުޅުނު އިންޑިއާއަށް ނިސްބަތްނުވާ ދެކުނު އޭޝިއާގެ ހަމައެކަނި ކުޅުންތެރިޔާ އެވެ.

ރާއްޖެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ ދެ މެޗަށް ބަންގްލަދޭޝް އިން އެކުލަވާލި 33 ކުޅުންތެރިންގެ ސްކޮޑުގައި މުޅިން އާ އަށް ކުޅުންތެރިޔަކު ވަނީ ހިމަނައިފަ އެވެ. މާދަމާ ރާއްޖެ އައުމަށް ފުރުމުގެ ކުރިން މިއަދުގެ ވަގުތެއްގައި ބަންގްލަދޭޝްގެ ސްކޮޑް ފައިނަލްކުރާނެ އެވެ.

"ސިލެކްޝަން ހަދާފައިވަނީ ލީގުގައި ކުޅޭ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންނާ އެކު. އެހެންވެ މިއީ ހުރިހާ ރަހައެއް ހިމެނޭނެ ޓީމެއް. ރާއްޖެ އާއި ބޫޓާން އަތުން މޮޅުވެވޭ ވަރުގެ ޓީމެއް މިއެކުލަވާލަނީ،" ދެ މަސް ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ބަންގްލަދޭޝްއާ ހަވާލުވެފައިވާ ބެލްޖިއަމް ކޯޗު ބުންޏެވެ.