28 މެއި 2016 - 10:56

ޝާހްރުކް ޚާންގެ އެންމެ ހަގު ދަރިފުޅު އަބްރާމް ޚާން އަށް އިއްޔެ ވަނީ ތިން އަހަރު ފުރިފަ އެވެ. މި ޚާއްސަ ދުވަސް ޝާހްރުކް އާއި އާއިލާއިން ފާހަގަކޮށްފައި ވަނީ ވައިގެ ތެރޭގައި 30،000 ފޫޓު އުހުގައި ތަފާތު ގޮތަކަށެވެ.

އަބްރާމްގެ އުފަން ދުވަސް ފާހަގަކުރީ ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ އުފަން ދުވަސް ފާހަގަކުރުމަށް ލަންޑަނަށް ދިއުމަށްފަހު ޝާހްރުކް އާއި އަންހެންދަރިފުޅު ސުހާނާ އަދި އަބްރާމް އެނބުރި އިންޑިޔާއަށް އައި މަތިންދާބޯޓުގަ އެވެ.
ޝާހްރުކް އިންސްޓަގްރާމް ކޮށްފައިވާ ފޮޓޯގައި ފެންނަނީ އަބްރާމް އޭނާގެ ސީޓުގައި ޗިޕްސް ޕެކެޓެއް ކާލަކާލަ އޭނާގެ ކޯލްޑް ޑްރިންކަށާއި ކޭކަށް އިންތިޒާރު ކުރަން އިންދަ އެވެ. އަބްރާމް އިންނަނީ ދުރުގައި ފޯނާ ކުޅެން އިން އޭނާގެ ދައްތަ އަށް ބަލަހައްޓައިގެންނެވެ.
"އުފަން ދުވަސް ފާހަގަކުރުން ބިމާ 30،000 ފޫޓު މަތީގައި. ޗިޕްސް އަތުވެއްޖެ. ކޯލާ އާއި ކޭކަށް އިންތިޒާރުކުރަނީ،" ޝާހްރުކް އިންސްޓަގްރާމް ކޮށްފައިވާ ފޮޓޯގެ ތިރީގައި ލިޔެފައިވެ އެވެ.
އަބްރާމްގެ މަންމަ ގޯރީ ވެސް ވަނީ އިންސްޓަގްރާމްގައި، އޭނާގެ ކުޅޭ އެއްޗެތީގެ ފޮޓޯއަކާއެކު އަބްރާމް އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފަ އެވެ.
ދަރިންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުނުކުރަން ޝާހްރުކްގެ ކިބައިން އަންހެނުން ގޯރީ އެދެމުން ދިޔަ ނަމަވެސް ދަރިންގެ ފޮޓޯތައް ޝާހްރުކް ވަރަށް ގިނައިން ފޭނުންނާ ހިއްސާ ކުރެ އެވެ.
އަބްރާމް އަކީ އެންމެ ހަގު ދަރިފުޅު ކަމަށްވާތީ އޭނާ ދާ ކޮންމެ ތަނަކަށް ވެސް އަބްރާމް ގޮވައިގެން ދިއުމަކީ ޝާހްރުކްގެ އާދައެކެވެ. އެގޮތުން އެ އާއިލާއިން އެންމެ ފަހުން ލަންޑަނަށް ކުރި ދަތުރުގައި ވެސް އަބްރާމް އާއި އެހެން ދަރިން ބައިވެރިވި އެވެ.
މިފަހަރު ލަންޑަން ދަތުރުގައި ޝާހްރުކް އާއި އާއިލާ ވަނީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަންގެ ގްރެޖުއޭޝަން ސެރެމަނީގައި ވެސް ބައިވެރިވެފަ އެވެ.
ފިލްމީ ރޮނގުން ޝާހްރުކްގެ މަސައްކަތަށް ބަލާއިރު އެންމެ ފަހުން ކުޅުނު ފިލްމު "ފޭން" ވަނީ ރިލީޒްވެފަ އެވެ. ނަމަވެސް އުންމީދުކުރި ވަރުގެ ބޮޑު ކާމިޔާބެއް އެ ފިލްމަކަށް ނުލިބެ އެވެ.
ޝާހްރުކް މިހާރު ދަނީ އޭނާގެ އާ ފިލްމު "ރައީސް" ރިލީޒްކުރުމުގެ މަސައްކަތަށް ތައްޔާރުވަމުންނެވެ. އަދި އާލިއާ ބަޓް އާއެކު އޭނާ ކުޅުނު ޑައިރެކްޓްރު ގޯރީ ޝިންޑޭގެ ފިލްމުގެ ޝޫޓީންގް ވެސް ވަނީ ނިމިފަ އެވެ.