19 މާޗް 2019 - 23:51

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު މިއަދުން ފެށިގެން ދެން ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެ ކޮމިޝަނުން މިރޭ ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ބަންދުވީ އިންތިޚާބުގައި ބޭނުން ކުރާ ވޯޓު ކަރުދާސް ޗާޕް ކުރަން ބަޔަކާ ހަވާލު ކުރުމުން ކަމަށެވެ. އެކަމަކު، ވޯޓު ކަރުދާސް ޗާޕް ކުރަން ހަވާލު ކުރި ބަޔަކު އިލެކްޝަންސް ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.
ވޯޓު ކަރުދާސް ޗާޕް ކުރާނެ ބަޔަކު ހޯދުމަށް އެ ކޮމިޝަނުން ހުޅުވައިލި ފުރުސަތުގައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ބީލަން ހުށަހެޅީ އެމް7 އާއި ނޮވެލްޓީންނެވެ. މިއީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ވޯޓު ކަރުދާސް ޗާޕް ކުރަން ޝައުގުވެރި ދެ ކުންފުންޏެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕް ކުރަން ހަވާލުކުރީ އެމް7 އާ އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ އާންމު އިންތިޚާބު ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންގޮސްފައި ވަނީ ތިން ކެންޑިޑޭޓެކެވެ. އެއީ، ހިތަދޫ މެދު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރެއްވި ޒާހިދު ރަމީޒާއި ގެމަނަފުށީ ދާއިރާ އަށް ލޭބާ ޕާޓީން ވާދަކުރައްވާ މުހައްމަދު އިލްހާމާއި މަހިބަދޫ ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ނުކުންނެވި ކެންޑިޑޭޓް އަލީ އަހުމަދެވެ.
ތިން ކެންޑިޑޭޓުންގެ ނަން އަނބުރާ ނަގާފައިވާތީ އިންތިޚާބުގައި މިހާރު ވާދަކުރައްވަނީ 387 ކެންޑިޑޭޓުންނެވެ.