މިއީ ވަކި ބައެއްގެ ސަރުކާރެއް ނޫން: އަމީން
މިއީ ވަކި ބައެއްގެ ސަރުކާރެއް ނޫން: އަމީން

މިއީ އެންމެ ޕާޓީއެއް ލީޑު ކުރާ ސަރުކާރެއް ނޫން ކަމަށާއި ވަކި މީހަކު ނުކުމެ، މިއީ އެއްބައެއްގެ ސަރުކާރެއް ކަން ދައްކަން ކުރާ މަސައްކަތް ގަބޫލު ނުކުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ 'ފަސްމަންޒަރު' ޕްރޮގްރާމްގައި އަމީން އެހެން ވިދާޅުވިއިރު، މިއީ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސަރުކާރެއްކަން ދެއްކުމަށް އެ ޕާޓީގެ ބައެއް އިސްވެރިންނާއި އެކި ފެންވަރުގެ ބޭފުޅުން މަސައްކަތް ކުރައްވާ ކަމަށް ބުނެ އެ ކޯލިޝަންގެ އެހެން ޕާޓީތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އަމީން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ބަލިކަށި ކުރަން ނުވަތަ ވައްޓާލުމުގެ ނިޔަތުގައި ޕާޓީގެ އެތެރެއިން ކަމެއް ކުރާ ނަމަ އޭގެ ވަސް ދުވާނީ ޕާޓީގެ މީހުންނަށް ކަމަށެވެ. އަދި އެ ވާހަކަ ދައްކަން ވެސް ފަސޭހަ ވާނީ އެ ބަޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު އެގޮތަށް ވާހަކަ ދެއްކެވޭ ނަމަ ދިވެހި ރައްޔިތުންނަށް ނެތް ސަލާމަތެއް. އެމްޑީޕީ އަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ މި ބުނަނީ ބަޣާވާތް ކުރާނެއޭ. [މެޖޯރިޓީ] ދީފިނަމަ މި ބުނަނީ އެޖެންޑާ 19އިގެ ދަށުން ވެރިކަމުގެ ނިޒާމު ބަދަލު ކުރާނެއޭ. ހެޔޮ އެއްވެސް ގޮތެއް ނެތް،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ހުރިހާ ޕާޓީތައް އެކުގައި މަސައްކަތް ކުރުމެވެ. އަދި ކޮންމެ ޕާޓީއެއް ވިޔަސް އަމިއްލަ އެދުން މާބޮޑުވެއްޖެ ނަމަ ވާނީ ނާކާމިޔާބު ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ގާއިމްވެފައި އޮތީ ވަރަށް ގިނަ ބަޔަކު އެކަމަށް ގުރުބާނީތަކެއް ވެގެން ކަމަށާއި މިއީ އެންމެ މީހެއްގެ މަސައްކަތް ނޫން ކަމަށެވެ. އަދި މި ވެރިކަން ގާއިމު ކުރަން ރައްޔިތުން ވޯޓުދިނީ، ކުރިއަށް އޮތް ފަސް އަހަރު، އަމާންކަމާއި ސުލްހަ މަސަލަސްކަމާ އެކު ހުރިހާ ޕާޓީތައް އެކުގައި މަސައްކަތް ކުރާނެ ކަމުގެ ވައުދަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ހަތަރު ލީޑަރުން އެކުގައި މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށް އަމީން ވިދާޅުވި އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ އާއްމު އިންތިޚާބުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ މީހުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއް އެކުލަވާލާފައިވީ ނަމަވެސް ޖުމްހޫރީ ޕާޓީ ދޫކޮށްލައި "ބަޔަކު ގޮނޑި އިތުރުކުރަން" މަސައްކަތް ކުރަމުންދާކަން އަމީން ފާހަގަ ކުރެއްވި އެވެ. އެކަމަކު އެއީ ސިޔާސީ މައިދާނުގައި ތޮބީއީ ކަމެއް ކަމަށާއި ގޯހީ އެކަމުގެ ތެރޭގައި ދައްކާ ވާހަކަތައް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދޭ ކަމަށާއި ސިޔާސީ މަސައްކަތުގައި އުޅެން ޖެހޭނީ ވަރަށް ފަރުވާތެރިވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ މި ކަންކަމުގައި އަމިއްލަ އެދުން މާބޮޑު ކޮށްލައިފި ނަމަ އާޚިރު ނަތީޖާ އަކަށް ވާނީ ނާކާމިޔާބުވުމޭ،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރެއްވި އަމީން ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ބޭނުންވާ ކަމަށް އެމްޑީޕީން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެކަމަކު އަމީން އެމްޑީޕީގެ އެ ވިސްނުމާއި ފިކުރު ވެސް ގަބޫލެއް ނުކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ވައުދުތައް ވީ އެމްޑީޕީއަކުން އެކަންޏެއް ނޫނެވެ. ސަރުކާރުގައި އެހެން ޕާޓީތައް ވެސް ހިމެނޭއިރު، އެ ވައުދުތައް ވީ އެންމެން އެކުގައި ކަމަށާއި އެހެންވެ، ވައުދުތައް ފުއްދުމަށް މަޖިލީހުގައި ވަކި ޕާޓީ އަކަށް އަޣުލަބިއްޔަތު ބޭނުން ނުވާ ކަމަށް އަމީން ވިދާޅުވި އެވެ. އަދި މަޖިލިސް އިންތިޚާބު ވެސް ކާމިޔާބު ކުރަން ޖެހޭނީ، ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް އެއް ޓީމެއްގެ ގޮތުގައި ކަމަށް އަމީން ވިދާޅުވި އެވެ.

އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ ބަޣާވާތަކާ ދިމާއަށް ހިނގައިނދާނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އަދި ކުރީގެ ރައީސް ނަޝީދު ވެސް ވަނީ އެހެން ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ބިރު ދައްކައިގެން ނޫނީ ކަންބޮޑުވުން އުފައްދައިގެން މަސައްކަތް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ބަޣާވާތްކޮށްގެން ވެރިކަން ވައްޓާލާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެމްޑީޕީ އަށް މަޖިލިހުގެ އަޣުލަބިއްޔަތު ދިނުމާ އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅު ހައްދަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމެވެ.

އެމަނިކުފާނު ވިދާޅުވަނީ ވަކި ޕާޓީ އަކަށް މަޖިލިހުގެ އަޣުލަބިއްޔަތު ދީފި ނަމަ، ގައުމުގެ ކަންކަން ބޭނުން ގޮތަކަށް ގެންގޮސް ބޮއްސުންލާނެ ކަމަށެވެ. އަދި ގާސިމް ވަނީ ސަރުކާރު ހިންގާ އިއްތިހާދަށް މަޖިލިހުގެ އަޣުލަބިއްޔަތު ލިބުމުގެ އިތުރުން ސަރުކާރު ޒިންމާދާރު ކުރެވޭ ވަރަށް އިދިކޮޅު މެމްބަރުން އިންތިޚާބުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.