މައިގްރެއިންގެ ވޭން ކުޑަކުރަން މެގްނީޒިއަމް
މައިގްރެއިންގެ ވޭން ކުޑަކުރަން މެގްނީޒިއަމް

މެގްނީޒިއަމް އަކީ ހަށިގަނޑަށް ބޭނުންވާ އެތައް ސަތޭކަ ބަޔޯކެމިކަލް ރިއެކްޝަނަކަށް ބޭނުންވާ ވަރަށް މުހިންމު މިނެރަލްއެކެވެ. އޭގެ މައިގަނޑު ވަޒީފާ އަކީ ނާރުތަކާއި މަސްތަކަށް އެހީތެރިވުމެވެ. އެކަމަކު މިއީ ދިފާއީ ނިޒާމާއި ކަށިތައް ވަރުގަދަކޮށް އަދި ލޭގައި ހިމެނޭ ހަކުރު ކޮންޓްރޯލްކޮށް ހަށިގަނޑަށް ހަކަތަ ލިއްބައިދިނުމުގައި ވެސް އެހީވާ މާއްދާއެކެވެ.

މެގްނީޒިއަމް މަދުވެއްޖެ ނަމަ މި ފާހަގަކުރި ހުރިހާ ކަމަކާ ގުޅުން ހުރި ކަންކަމުގައި މައްސަލަތައް ދިމާވާން ފަށާނެ އެވެ.

އަލްބަޓް އެއިންސްޓެން ކޮލެޖް އޮފް މެޑިސިންގެ ވައިސް ޗެއާ އޮފް ނިއުރޮލޮޖީ އަދި އެމެރިކަން މައިގްރެއިން ފައުންޑޭޝަންގެ ނިއުރޮލޮޖިސްޓް ރިޗަޑް ލިޕްޓަން "ސެލްފް" މަޖައްލާ އަށް ވިދާޅުވެފައިވާ ގޮތުގައި، މައިގްރެއިން އަކީ އެކި ހާލަތްތަކަށް ސިކުނޑި އިޖާބަދިނުމުގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ދިމާވާ ކަމެއްގެ ގޮތުގައި އޮންނަނީ ގަބޫލުކުރެވިފަ އެވެ. އެހެންވެ، ނިދި މަދުވުމާއި ބައެއް ބާވަތުގެ ކާނާ ބޭނުންކުރުމުން އަދި އަންހެނުން މައްސަރު ކަންތައް ޖެހޭ ދުވަސްވަރު މައިގްރެއިންގެ އުނދަގޫ ބޮޑުވެ އެވެ.

ލިޕްޓަން ވިދާޅުވެފައި ވަނީ އެކި ހާލަތުގައި ސިކުނޑި އިޖާބަ ދޭ ގޮތް ބައްޓަންވުމުގައި މެގްނީޒިއަމް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

"ނާވް ސެލް މުއާމަލާތުކުރަނީ ނިއުރޯޓްރާންސްމިޓާސްގެ ނަން ދީފައިވާ ކެމިކަލް އެއް ފޮނުވައިގެން. މީގެ ތެރެއިން ބައެއް ނިއުރޯޓްރާންސްމިޓާސް ބްލޮކް ކުރުމުގައި މެގްނީޒިއަމް މުހިންމު ދައުރެއް އަދާކުރާކަން އެނގޭ. އޭގެ ތެރޭގައި، ހަކަތަ ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ގްލޫޓަމޭޓް ވެސް ހިމެނޭ،" ލިޕްޓަން ވިދާޅުވެފައިވެ އެވެ.

ދިރާސާތަކުން ދައްކާފައިވާ ގޮތުގައި މައިގްރެއިންގެ އުނދަގުލާ ކުރިމަތިވެގެން އުޅޭ ދުވަސްވަރު ލެޔާއި ސިކުނޑީގައި ވެސް މެގްނީޒިއަމް މަދުކަން ފާހަގަވެފަ އެވެ.

"ބެލެވެނީ މެގްނީސިއަމް މަދުވުމުން، ގްލޫޓަމޭޓް ފަދަ، ހަރަކާތްތެރިކަން ބޮޑު ކެމިކަލްތައް ރިލީޒްކުރުން އިތުރުވެގެންދާ ކަމަށް،" ލިޕްޓަން ވިދާޅުވެފައިވެ އެވެ.

މެގްނީޒިއަމް އިތުރުވުމުން މިފަދަ ކެމިކަލްތަކުގެ ސަބަބުން ކުރިމަތިވާ އުނދަގޫތައް ކުޑަކޮށްދޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ތަޖުރިބާކާރުން ލަފާ ދެނީ ދުވާލަކު 200-250 މިލިގްރާމްގެ މެގްނީޒިއަމް ދެ ފަހަރު ނުވަތަ 500 މިލިގްރާމްގެ މެގްނީސިއަމް އެއްފަހަރާ ބޭނުންކުރުމަށެވެ. ލިޕްޓަން ވިދާޅުވަނީ މެގްނީސިއަމް ބޭނުންކުރަން ފެށުމުން ހަށިގަނޑުގައި ކުއްލިއަކަށް މެގްނީސިއަމް އިތުރުވެގެން ނުދާނެ ކަމަށާއި އެކަމަށް ދުވަސްކޮޅެއް ހޭދަވާނެ ކަމަށެވެ. މެގްނީސިއަމް ހުންނަ ކާނާ ކެއުމަކީ ވެސް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަމެކެވެ. މެގްނީސިއަމް ގިނައިން ހުންނަ ކާނާގެ ތެރޭގައި ފެހިކުލަ ގަދަ ފަތް، ބަރަބޯ އޮށް، އާމަންޑް، އެވޮކާޑޯ އަދި ތީނި ހިމެނެ އެވެ.