19 މާޗް 2019 - 20:26

ހިޖުރަކުރާ ދިރުންތަކާއި އެތަކެތީގެ މާހައުލު ހިމާޔަތްކޮށް ރައްކާތެރިކުރުމާ ގުޅޭ މުއާހަދާއެއްގައި ބައިވެރިވުމަށް ކެބިނެޓުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ "ކޮންވެންޝަން އޮން ދަ ކޮންޒަވޭޝަން އޮފް މައިގްރޭޓަރީ ސްޕީސިސް އޮފް ވައިލްޑް އެނިމަލްސް، (ސީއެމްއެސް)" ގައި ރާއްޖެ އިން ބައިވެރިވުމާ މެދު ރައްޔިތުންގެ މަަޖިލިހުން ރުހުން ހޯއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ގޮތަށް ރައީސް ނިންމެވީ އެންވަޔަރަމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
މި މުއާހަދާގައި 127 ގައުމަކުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.
ސީއެމްއެސްގެ ދަށުން ބަލަހައްޓާ ދިރުންތަކުގެ ތެރޭގައި އެކި ބާވަތްތަކުގެ މިޔަރާއި، ވެލާކަހަނބާއި، ދޫންޏާއި، ކޯމަހާއި، ބޮޑުމަހާއި، މަޑީގެ ބާވަތްތައް ހިމެނެ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި މުއާހަދާގައި ރާއްޖެ އިން ބައިވެރިވެއްޖެނަމަ، ގިނަ ފައިދާތަކެއް ކުރާނެ އެވެ.
އެގޮތުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ފެނު އަޑީގެ ދިރުމާއި އެއްގަމުގެ ދިރުމާ ގުޅޭ ފައިދާތައް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދިރުންތައް ހިމާޔަތްކުރުމުގެ ސަބަބުން ރާއްޖޭގެ މައިގަނޑު އިގްތިސާދީ ސިނާއަތްތައް ކަމަށްވާ ޓޫރިޒަމާއި މަސްވެރިކަމަށް ވެސް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.