20 މާޗް 2019 - 11:39

މުމްބާއީ (މާޗް 20) - އިންޑިއާގެ އަމްބާނީ އާއިލާގެ ދެބެއިންގެ މެދުގައި ކިތަންމެ ބޮޑު ދެކޮޅުވެރިކަމެއް އޮތް ނަމަވެސް ކޮއްކޮ އަށް ދެރަގޮތެއް މެދުވެރިވި ވަގުތު ބޭބެ މިވަނީ އެހީވެ ކޮއްކޮ ޖަލުން ސަލާމަތްކޮށްދީފަ އެވެ.

އާއިލީ ވިޔަފާރީގައި މައްސަލަ ޖެހި ދެބެން ވަކިން ވިޔަފާރި ކުރަމުން ގޮސް ކޮއްކޮ އަނިލް އަމްބާނީ ދަރަނިވެރިވެ، ކޯޓުން ދިން މުހުލަތެއްގައި އެ ދަރަނި ނުދައްކައިފި ނަމަ ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް އޭނާގެ ބޭބެ އަދި އޭޝިއާގެ އެންމެ މުއްސަނދި މީހާ މުކޭޝް އަމްބާނީ ވަނީ ދަރަނި ދެއްކުމަށް ފަހު ކޮއްކޮ ސަލާމަތް ކޮށްފަ އެވެ.

މުކޭޝް އާއި އަނިލްއާ ދެމެދު މައްސަލަ ޖެހުނީ އެ މީހުންގެ މުއްސަނދި ބައްޕަ 2002 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެންނެވެ. ބައްޕަ އަވަހާރަވުމުގެ ކުރިން ވިޔަފާރި ބަހާނެ ގޮތުގެ އެއްވެސް ވަސިއްޔަތެއް ނެތެވެ. އެހެންވެ ދެބެން ވެސް ދިޔައީ އާއިލީ ވިޔަފާރި ރިލަޔަންސް އިންޑަސްޓްރީގެ ކޮންޓްރޯލް ހޯދުމަށް "ތަޅާފޮޅަމުން"ނެވެ.
ދެ މީހުންގެ މަންމަ ސުލްހައިގެ މެދުވެރިއަކަށް ވެގެން އެންމެ ފަހުން އެއްބަސްވެފައި ވަނީ އިންޑިއާގެ އެންމެ އަގުބޮޑު ލިސްޓެޑް ކުންފުނި ރިލަޔަންސް ބައިކުރުމަށެވެ. ކުންފުނި ބަހާފައި ވަނީ 2005 ވަނަ އަހަރު އެވެ.
ވިޔަފާރީގައި މުކޭޝް، 61، ކުރިއަރައި ގޮސް އޭޝިއާގެ އެންމެ ބޮޑު ބިލިއަނަރުގެ މަގާމަށް ވަޑައިގެންނެވި އިރު މިލްކިއްޔާތުގެ އަގު 54.3 ބިލިއަން ޑޮލަރަށް އަރަ އެވެ. ނަމަވެސް އަނިލް، 59، ގެ ވިޔަފާރި ވަނީ އަޑިއަޅާލައި ދަރަނިވެރިވެފަ އެވެ.
މުކޭޝްގެ އާއިލާ މުމްބާއީގައި ދިރިއުޅޭ 27 ބުރީގެ އަގު ބޮޑު ގޭގެ އަގު އެއް ބިލިއަން ޑޮލަރަށް އަރަ އެވެ. ބެލެވޭ ގޮތުގައި މިއީ ދުނިޔޭގެ އެންމެ އަގު ބޮޑު ގެ އެވެ. މުކޭޝްގެ އަންހެން ދަރިކަނބަލުން އިޝާ އަމްބާނީގެ ކައިވެންޏަށް ވެސް މިދިޔަ އަހަރުވަނީ ބޮޑު ހޭދައެއް ކޮށްފަ އެވެ. ކައިވެނީގެ ހަފުލާގައި ވަނީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިއޯންސޭ ޕާފޯމްކޮށްފަ އެވެ.
މުކޭޝް އަމްބާނީގެ ފިރިހެން ދަރިކަލުން އަކާޝް (ވ) އާއި ސްލޮކާ މެހެތާގެ އަގު ބޮޑު ކައިވެނީގެ ރަސްމިއްޔާތު މި މަހު 10 ވަނަ ދުވަހު މުމްބާއީގައި ވަނީ ބައްވައިފަ އެވެ.
އަނިލްގެ ރިލަޔަންސް ކޮމިއުނިކޭޝަންގެ ދަރަނި ހަތަރު ބިލިއަން ޑޮލަރަށް އަރާ ކަމަށްވެ އެވެ. އަދި ދަރަނި ވެސް ނުދެއްކޭ ހިސާބަށް ގޮސްފައި ވަނިކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން "ރިހައި ފައި މައްޗަށް ފޮއި ވެއްޓުނެ"ވެ. ސްވިޑަންގެ އެރިކްސަން ކުންފުންޏަށް ދައްކަން ޖެހޭ 5.5 ބިލިއަން ރުޕީސް (77 މިލިއަން ޑޮލަރު) މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ނުދައްކައިފި ނަމަ އަނިލް ޖަލަށްލާނެ ކަމަށް އިންޑިއާގެ އެންމެ މަތީ ކޯޓުން އޮތީ އަންގައިފަ އެވެ.
ސުޕްރީމް ކޯޓުން ފުރަތަމަ އެންގީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ގެ ކުރިން ފައިސާ ދެއްކުމަށެވެ. އެ މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ފައިސާ ދެއްކުމަށް އިތުރު ހަތަރު ހަފުތާ ވަނީ ދީފަ އެވެ. އެ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ އަނިލް ޖަލަށްލާނެ ކަމަށް ވަނީ އަންގައިފަ އެވެ.
އަނިލްގެ ބޭބެ އެ ފައިސާ ދައްކައިދީ، ކޮއްކޮ ޖަލުން ސަލާމަތްކޮށްފައިވާ ކަމަށް ރިލަޔަންސް ކޮމިއުނިކޭޝަނުން ހޯމަ ދުވަހު ވަނީ އިއުލާންކޮށްފަ އެވެ.
"އަޅުގަނޑުގެ ހަޔާތުގައި އެންމެ އުނދަގޫވި ވަގުތު އެހީވެދިން ކަމަށްޓަކައި ހިތުގެ އެންމެ ފުންމިނުން ބޭބެ (އަށާއި ފަހަރި ނިޓާ)އަށް ޝުކުރު އަދާކުރަން. މިއީ އާއިލީ ގުޅުމުގެ މުހިންމުކަން އަންގައިދޭ ކަމެއް،" އަނިލް ވިދާޅުވި އެވެ.
އަނިލްގެ ދަރަނި ދައްކައިދިނީ ހިލޭ އެހީއެއްގެ ގޮތުގައި ނުވަތަ ލޯނެއްގެ ގޮތުގައި ކަމެއް އަދި ނޭނގެ އެވެ.