އަމާޒަކީ ސީދާ މަޖިލީހުގެ ރައީސްކަން: ޖާބިރު
އަމާޒަކީ ސީދާ މަޖިލީހުގެ ރައީސްކަން: ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާނެ ކަމަށާއި އޭގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުން ކަމަށް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

އަމާޒަކީ ސީދާ މަޖިލީހުގެ ރައީސްކަން: ޖާބިރު
އަމާޒަކީ ސީދާ މަޖިލީހުގެ ރައީސްކަން: ޖާބިރު

"އަޅުގަނޑު ދުނިޔޭގައި ހުރިއްޔާ، އަޅުގަނޑު ސަލާމަތުން ހުރިއްޔާ އިރާދަކުރެއްވިއްޔާ ކާށިދޫ ދާއިރާގެ މެމްބަރު ކަމުގެ ހުވާ ކުރާނަން،" މިހާރު އަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ހޮނިހިރު ދުވަހު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބު ވެވަޑައިގަތް ޖާބިރަށް އާންމު އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތީ ޕްރައިމަރީގައި ނާކާމިޔާބުވިޔަސް ކުރިމަތިލެވޭ ގޮތަށް ހެދުމަށް އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އޭނާގެ ކޮޅަށް ނިންމުމާ ގުޅިގެންނެވެ. އެ ހިސާބުން ފެށިގެން ޖާބިރު ގެންދަވަނީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ކާށިދޫ ދާއިރާގެ ކެމްޕޭން ކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ، އެއްވެސް ޕާޓީއެއްގެ ތާއީދު އޭނާ އަށް ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ހަމައެކަނި ކާށިދޫ ދާއިރާގެ ރައްޔިތުންގެ ތާއީދު ކަމަށެވެ.

"އަޅުގަނޑު މި ކުރިމަތިލަނީ ކާށިދޫ ދާއިރާ އަށް. އަޅުގަނޑު ބޭނުން ވަނީ އެ ބޭފުޅުންގެ ތާއީދު. އެހެން އެއްވެސް ބައެއްގެ ތާއީދެއް ސަޕޯޓެއް އަޅުގަނޑު ބޭނުމެއް ނޫން."

ޖާބިރު ވަނީ ސަރުކާރާއި މަޖިލީހުން މިހާރު ކަންތައްތައް ކުރަމުން ގެންދާ ގޮތާއި އޭނާއާ ދޭތެރޭ ސަރުކާރުން ކަންތައްތައް ކުރަމުން ގެންދާ ގޮތާ ދޭތެރޭ ވަރަށް ބޮޑެތި ހިތްހަމަނުޖެހުންތައް ފާޅުކުރައްވައިފަ އެވެ. އޭގެ ތެރެއިން ބަހުގެ ހަމަލާތައް ފޮނުއްވާލެއްވި އެއް ބޭފުޅަކީ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

"ގާސިމަކީ އަބަދުވެސް ގައުމުގެ ހަޒާނާ އަށް އަތްބާނައިގެން ނޫން ގޮތަކަށް ވިޔަފާރިކުރަން އެނގޭ ބޭފުޅެއް ނޫން،" ޓޫރިޒަމް ދާއިރާގައި ވިޔަފާރި ކުރާ ޔޮޓް ޓުއާސްގެ ޗެއާމަން ވިދާޅުވި އެވެ. "ބައްލަވާ އޭނާގެ މަސް ކުންފުންޏަށް ވެފައި އޮތް ގޮތް. ރިސޯޓުތަކަށް ވެފައި ހުރި ގޮތް. އަތްޕުޅުގައި ހުރި މުދަލަށް ބަލާއިރު ދައުލަތުން ނަގާފައި ހުރި މުދާ އެހުރީ. ދައުލަތުގެ ހަޒާނާ އަށް އަތް ނުބާނައި ގާސިމަށް ވިޔަފާރި ކުރަން މިހާރު އެނގެން ޖެހޭ."

"ގާސިމްގެ ސަބަބުން މަސްވެރިކަން ކުރެވޭކަށް ނެތް. ޓޫރިޒަމް ކުރިއަށް ގެންދެވޭކަށް ނެތް. އޭނާގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގެ ޗެއާ ވެސް ކުރެވޭކަށް ނެތް. ޝަރީއަތް ކުރާ ކޮޓަރީގައި އޭނާ އިންނަވަން ޖެހޭ. ޖުޑީޝަލް ކޮމިޝަންގައި އޭނާ އިންނަވަން ޖެހޭ."

މި ސަރުކާރު އައީ އަމިއްލަ އަށް ބޮޑު ޚަރަދުތަކެއް ކުރައްވައިގެން ކަމަށް ވިދާޅުވެ، ޖާބިރު ވަނީ ކޯލިޝަންގެ ތެރެއިން އޭނާ ބާކީ ކޮށްލި ކޮށްލުންް ވެސް ކުށްވެރިކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ "ހިތުހުރިހާ އެއްޗެއް ހެދިޔަސް ޖާބިރު މަޑަކުން ނުހުންނާނެ" ކަމަށެވެ.

"އަޅުގަނޑުމެން ކުރި މަސައްކަތުން އައި ސަރުކާރަކުން އަޅުގަނޑު ހޭއަރުވާލަން މި އުޅެނީ ކީއްވެގެންތޯ؟ ސަބަބަކީ އަޅުގަނޑު ފާޅުގައި ވާހަކަ ދައްކާތީ ހަޖަމް ނުކުރެވެނީ. އައްޑު އަތޮޅުން ހުވަދު އަތޮޅުން މާލެ އައި މީހެއް އަޅުގަނޑަކީ. އައިސް މާލޭގައި އަޅުގަނޑު ލޮލީ ޑެލިވަރީ ކުރަން އުޅުނު އިރު އޭރު ވެސް މި ބޭފުޅުން ތިއްބެވީ ޔުނީފޯމް ލައްވައިގެން،" ކުރީގެ ރައީސް މައުމޫނަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ. "މިއަދު އަޅުގަނޑު މާލޭ ރައްޔިތަަކަށްވެ، މާލެއިން އަގުބޮޑު ބިންތައް ގަނެ، މާލެ އަތޮޅު ވަށައިގެން އަގުބޮޑު ރިސޯޓްތައް މި ހެދީ ކީއްވެތޯ؟ އަޅުގަނޑުތޯ ނުކިޔަވާ ހުރީ. އަޅުގަނޑު ދަންނަވާނީ ތި ބޭފުޅުން އަލުން ކިޔަވާ ވިދާޅުވާށޭ."

އޭނާ ވިދާޅުވީ ވިޔަފާރިވެރިން ރައްޔިތުންގެ މަޖިލީހަށް ނުވައްދާށޭ ކިޔައިފައި ރައްޔިތުންގެ ބޮލަށް ވަންނަން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، ވިޔަފާރިވެރިން މަޖިލީހަށް އައުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށް ޖާބިރު ވިދާޅުވި އެވެ.

"ރައްޔިތުން އަޅުވެތިކުރަން ވެގެން އެ ވާހަކަ އެ ދައްކަނީ. ވިޔަފާރިވެރިންނޭ ކިޔައިގެން ވާހަކަ ދައްކަނީ ފަގީރު، މަސައްކަތެއް ނުކޮށް ގޭގައި ނުކައި ނުބޮއި ކަންނެތްވެގެން ތިބި މީހުން ރައްޔިތުންގެ މަޖިލީހަށް އައިސް ވައްކަން ކުރަން ވެގެން. ވިޔަފާރިވެރިން ވައްކަމެއް ނުކުރާނެ،" 2004 ގައި ހުވަދު އަތޮޅު އުތުރުބުރީގެ މެމްބަރު ކަމަށް ހޮވި ވަޑައިގެން، އޭގެ ފަހުން ކާށިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ވިޔަފާރިވެރިޔާ ވިދާޅުވި އެވެ. "އެންމެ ފުރަތަމަ ވެސް އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް އައީ ބީއެމްޑަބްލިޔު ސެވެން ސީރީސް ކާރުގައި. އަޅުގަނޑު މިހާރު މަޖިލީހަށް ދާނީ އަޅުގަނޑުގެ 'އަޒިމުތު'ގައި. އަޅުގަނޑުގެ ޕްރައިވެޓް ޔޮޓް އެއީ. އަޅުގަނޑުގެ އަތުގައި އޮތް ގަޑި އެއީ އަޅުގަނޑުގެ އަމިއްލަ ލާރިން ގަނެފައިވާ ގަޑިއެއް. ރައްޔިތުންގެ މަޖިލީހަށް ދާ ފަގީރު މީހާ ދަނީ އެހެން މީހެއްގެ ކޯޓެއް ލައިގެން، މަޖިލީހަށް އައިސް އެ މީހާ ކޯޓު މި ގަންނަނީ ވޯޓު ވިއްކައިގެން. އެހެންވީމާ ފަގީރުން ރައްޔިތުންގެ މަޖިލީހަށް ހޮވައިގެން ނުވާނީ. ރައްޔިތުންގެ މަޖިލީހަށް ކީއްކުރަންތޯ ފަގީރުން ހޮވަންވީ. މަސައްކަތް ކުރާ މީހާ ފަގީރެއް ނުވާނެ. މިއީ ގާނޫނު ހަދާ މަޖިލިސް. ތިބުނާ މުއްސަނދިން ކަޓުވާލައިފައި މަޖިލިހަށް އައިސް ގޯނިގޯންޏަށް އަޅައިގެން ފައިސާ ބެހުމާއި ވައްކަން ކުރުމާއި ވޯޓު ވިއްކުމާއި ގާނޫނުއަސާސީ ވިއްކާލީ."

ޖާބިރު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޒިންމާދާރު ކުރުވުމާއި ރައީސުލްޖުމްހޫރިއްޔާ އަށް ސަނާ ކިޔުން ހުއްޓުވުމާއި ވަކި އާއިލާތަކެއްގެ ވަކިތަކުގެ ދަށުގައި މުޅި ދައުލަތް އޮތުމުގެ ސަގާފަތަށް ނިމުމެއް އެބަ ގެންނަން އެބަޖެހެ އެވެ. ބުރަ މަސައްކަތްތަކަކަށް ފަހު، މަޖިލީހަށް ކުރިމަތިލައްވަނީ ވެސް ކަންކަން އިސްލާހު ކުރެއްވުމަށް ކަމަށް ޖާބިރު ވިދާޅުވި އެވެ.

"މި ރާއްޖޭގެ ކަންކަން އަލުން ރަނގަޅުކުރަން ޖެހޭތީ މަޖިލީހަށް ދާން މި އުޅެނީ. މަޖިލީހުގެ މެމްބަރަކަށް އަޅުގަނޑު ދާން ޖެހެނީ ވައްކަން ކުރުމާއި ތިމާ ގެދޮރު އެޅުމާއި ތިމާގެ އައުލާދުން މެމްބަރު ކަމަށް ގެނައުމާއި ތިމާގެ ރައްޓެހިން މެމްބަރު ކަމަށް ގެނައުމާއި ސަރުކާރުގެ މެޝިނަރީ ބޭނުންކޮށްގެން މަސައްކަތް ކުރުމާއި މިކަންކަން ހުއްޓުވަން. ޑިމޮކްރަސީ ގެންނާނަމޭ ކިޔައިގެން ދޮގު ހަދައިގެން އޮޅުވާލައިގެން ސިސްޓަމް ބާތިލް ކުރުން މިކުރާ ކަމަކީ،" އޭނާ ވިދާޅުވި އެވެ. "ރައީސުލްޖުމްހޫރިއްޔާ ހުންނަން ޖެހޭނީ އޭނާގެ އޮފީހުގައި މަސައްކަތް ކުރަން. ރައްޔިތުންގެ މަޖިލީހުގައި އޭނާގެ ގޮނޑިކޮއްކޮއެއް ނުތިބޭނެ. ފަނޑިޔާރުގެ ހުންނަން ޖެހޭނީ އެ މީހުންގެ ނަޒާހަތްތެރިކަމުގައި. ރައީސް ގުޅާފައި ވަކި ގޮތަކަށް ހުކުމް ކުރާށޭ ބުނެގެން ނުވާނެ. ރައީސްގެ ތިމާގެ މީހުން ފުލުސް އޮފީހުގައި ތިބެގެން ނުވާނެ. ރައީސްކަމުގެ މަގާމު ދިނުމަކީ އޭނާގެ އައުލާދުންނަށް އަންބާ ކިޔާއިގެން ބެހުމެއް ނޫން. މިއީ މަހަށް ގޮސްގެން ބޭނި މަހެއް ނޫން. ނަޒާހަތްތެރި ރާއްޖެއެއް އޮންނަން ޖެހޭނެ."