ރެއާލް މެޑްރިޑުން މާނޭ އަށް ވެސް ޝައުގުވެރިވޭ
ރެއާލް މެޑްރިޑުން މާނޭ އަށް ވެސް ޝައުގުވެރިވޭ

މެޑްރިޑް (މާޗް 19) – ރެއާލް މެޑްރިޑުގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން އަލުން ހަވާލުވެ އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރަން ކުރާ މަސައްކަތުގައި ލިވަޕޫލުގެ ސެނެގާލް ފޯވާޑް ސަޑިއޯ މާނޭ ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސައުތުހެމްޓަން އިން 2016 ވަނަ އަހަރު ލިވަޕޫލާ ގުޅި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 26 އަހަރުގެ ފޯވާޑަކީ ޒިދާން ވަރަށް ގަޔާވާ ކުޅުންތެރިޔެކެވެ. މި ސީޒަނުގައި 17 ލަނޑު ޖަހާފައިވާ ފޯވާޑް ހޯދަން ޒިދާން މިދިޔަ ސީޒަނުގައި ވެސް މަސައްކަތްކުރި ކަމަށްވެ އެވެ.

އާ ޓީމެއް ބިނާކުރަން ކުރާ މަސައްކަތުގައި މެޑްރިޑުން ގެންނާނެކަން ވަރަށް ބޮޑަށް ކަށަވަރުވެފައިވާ ކުޅުންތެރިޔަކީ ޗެލްސީގެ ޕްލޭމޭކަރު އެޑެން ހަޒާޑެވެ. މީގެ އިތުރުން ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އަކީ ވެސް ޒިދާންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެއް ކަމަށްވެ އެވެ. ލެސްޓާ ސިޓީއާ އެކު 2016 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށް ޖެހިގެން އައި ސީޒަނުގައި ޗެލްސީއާ ގުޅި އެ ޓީމާ އެކު ވެސް ލީގު ކާމިޔާބުކުރި ކާންޓޭ އަށް އަސްލު މަގާމުގައި މި ސީޒަނުގައި ކުޅެވޭ ގޮތެއް ނުވެ އެވެ. އެއީ ޖޯޖީނިއޯ އަށް ފުރުސަތު ދޭން ވެގެން ކޯޗު މައުރީޒިއޯ ސާރީ ގެނައި ބަދަލުތަކުގެ ސަބަބުންނެވެ.

އެކަމަކު ޗެލްސީ އަށް ކުރިއަށް އޮތް ދެ ޓްރާންސްފާގައި ވެސް ކުޅުންތެރިޔަކު ނުގެނެވޭ ގޮތަށް އަދަބުދީފައި އޮތުމުން، އެ ޓީމުން އިތުރު ކުޅުންތެރިޔަކު ވިއްކާލަފާނެ ކަމަށް ނުބެލެވެ އެވެ.

މެޑްރިޑުން ގެންނަން މަސައްކަތްކުރާ އަނެއް ކުޅުންތެރިޔަކީ މެންޗެސްޓާ ޔުނައިޓެޑުގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ އެވެ.

މިދިޔަ ތިން ސީޒަނުގައި ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޒިދާން އެ ކްލަބް ދޫކޮށްދިއުމުން މި ސީޒަނުގައި ނަތީޖާތައް ވަރަށް ދަށްވި އެވެ. އެހެންވެ އޭނާ އަލުން ގެނެސް، މެޑްރިޑުން ވަނީ އަންނަ ސީޒަނަށް ވަރުގަދަ ކުރުމަށް ޓްރާންސްފާގެ ހުރިހާ ބާރުތަކެއް ވެސް އޭނާ އަށް ދީފަ އެވެ.