ދެން ކޮރަޕްޝަނަށް ހޭލަމާ، "ބިތުފަންގި 2"ގެ ނިމުން ފާހަގަކޮށްފި
ދެން ކޮރަޕްޝަނަށް ހޭލަމާ، "ބިތުފަންގި 2"ގެ ނިމުން ފާހަގަކޮށްފި

ކޮރަޕްޝަނާއި ފަސާދަ އަށް އާންމުން ހޭލުންތެރި ކުރުވަން ތައްޔާރުކޮށް ގެނެސްދިން ޑްރާމާ "ބިތުފަންގި" ސީޒަން ދޭއްގެ ނިމުން ރޭ ފާހަގަކޮށްފި އެވެ.

ދެން ކޮރަޕްޝަނަށް ހޭލަމާ، "ބިތުފަންގި 2"ގެ ނިމުން ފާހަގަކޮށްފި
ދެން ކޮރަޕްޝަނަށް ހޭލަމާ، "ބިތުފަންގި 2"ގެ ނިމުން ފާހަގަކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެޓާނަލް ޕިކްޗާސް އާ ހަވާލުކޮށްގެން ތައްޔާރު ކުރި 13 އެޕިސޯޑްގެ "ބިތުފަންގި 2" ރާއްޖޭގެ ގިނަ ޓީވީ ޗެނަލްތަކުން ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވެ އެވެ.

ޗެނަލްތަކުން މިހާރު ވަނީ މި ޑްރާމާ ދައްކައި ނިންމާލައިފަ އެވެ. "ބިތުފަންގި 2" ޕްރިމިއާ ކުރީ ފެބްރުއަރީ 22 ގަ އެވެ.

މި ޑްރާމާ ލިޔެ ޑައިރެކްޓްކޮށްފައި ވަނީ މުހައްމަދު ނިޔާޒް (ޓެޑްރީ) އެވެ.

ޑްރާމާގެ ނިމުން ފާހަގަކުރަން ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ހަފުލާގައި ޑްރާމާގެ ޓެކްނިކަލް ކްރޫ އާއި ކާސްޓުން ކޮށްދިން މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެ މީހުންނަށް އޭސީސީން ވަނީ ހަނދާނީ ލިޔުން ވެސް ދީފަ އެވެ.

ޓެޑްރީ ބުނީ "ބިތުފަންގި 2" އަކީ ބެލުންތެރިން ވަރަށް ބަލައިގަތް، އެއިން މުޖުތަމައަށް ދޭން ބޭނުންވި މެސެޖްތައް ވަރަށް ފުރިހަމަ އަށް ފޯރުކޮށްދެވުނު މަސައްކަތެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ހާއްސަކޮށް ރަށްރަށުން މިއަށް ދިން ޝައުގުވެރިކަން ފާހަގަކޮށްލެވޭ. ވަރަށް ރަނގަޅު ފީޑްބެކްސްތައް އައިސްފައި ހުރީ،" އޭނާ ބުންޏެވެ.

"ބިތުފަންގި 2" ގެ 13 އެޕިސޯޑްގެ ޑްރާމާ ބެލުންތެރިންނާ ހަމައަށް ގެނެސްދީފައި ވަނީ ކޮޕަރްޝަނާ ގުޅުން ހުރި 29 މައުލޫއަކާ އެކުގަ އެވެ. މި މަސައްކަތުގައި 108 އެކްޓަރު 184 ކެރެކްޓާ ދައްކައި ދީފައިވާ އިރު، ޑްރާމްގެ ކްރޫގައި 29 މެމްބަރުން މަސައްކަތް ކުރި އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު "ދެރިޔާ" ގެ ވެސް ޑައިރެކްޓަރު ބުނީ "ބިތުފަންގި 2" އިން އޭނާ އަށް ވެސް ވަރަށް ބޮޑު ތަޖުރިބާއެއް ލިބިގެން ދިޔަ ކަަމަށެވެ.

ޒަމާންގަނޑަކަށް ފަހު ޓީވީ ޑްރާމާއެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ޖެހުމުން އޭސީސީގެ މި ޕްރޮޖެކްޓް ޓެޑްރީ ސިފަ ކުރީ "ޕްރޮޖެކްޓް ދަބަރު ފިލުވާލުން"ގެ ގޮތުގަ އެވެ.

"ވަރަށް ދުވަސްކޮށްފައި މިކަހަލަ މަސައްކަތެއް ކުރަން ޖެހުނީމަ އަހަރެމެންގެ މަސައްކަތުގައި ޖަހާފައި ހުރި ދަބަރު ފިލުވާލަން ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި މި ޕްރޮޖެކްޓް ސިފަ ކުރާނީ،" ސަޅި ބައިސާ ފަދަ މަޝްހޫރު ޑްރާމާތައް ވެސް ހަދާފައިވާ ޓެޑްރީ ބުންޏެވެ. "މީގެ ސަބަބުން ކުރިއަށް ހުރި މަސައްކަތްތަކަށް ކުރިއެރުން އަންނާނެ."

އޭނާ އަދި ބުނީ "ބިތުފަންގި 2" އިން ލިބުނު އެންމެ ބޮޑު އަނެއް ހިތްހަމަޖެހުމަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ގިނަ އެކްޓަރުންތަކަކާ އެކު ފުރަތަމަ ފަހަރަށް މަސައްކަތްކޮށްލަން ފުރުސަތު ލިބުމެވެ.

އޭގެ ތެރޭގައި އަލީ ޝަމީލް، މުހައްމަދު ރަޝީދު (ދޮން އަންނާރު)، އައިމިނަތު ރަޝީދާ (އައިންތު)، މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު (ދަރާ) ފަދަ އެކްޓަރުން ހިމެނެ އެވެ.

"ރާއްޖޭގެ ވެޓެރަންސުންނާ އެކު މަސައްކަތްކޮށްލަން ލިބުނީމަ އެއީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވި. އެ މީހުން މިކަމާ ވެގެން މީގެ ތެރެއަށް ވަރަށް ބޮޑަށް ވަދެގެން މަސައްކަތްކޮށްފައި ހުރީ،" ޓެޑްރީ ބުންޏެވެ. "އޭގެ އިތުރަށް ޑްރާމާ އިން ކިތަންމެ ކުޑަކުޑަ ރޯލަކުން ފެނުނު އެކްޓަރަކަށް ވިޔަސް އެ މީހުންގެ މެކްސިމަމް މިއަށް ދީފައި ހުރީ. އެހެންވެ ވަރަށް ހިތްހަމަޖެހޭ މުޅި އެތި ގެނެސް ދެވިފައި އޮތް ގޮތާ ދޭތެރޭ."

"ބިތުފަންގި 2" ގެ މަސައްކަތް ބެލުންތެރިންނާ ހަމައަށް ގެނެސްދެވުނީ ވަރަށް ގޮންޖެހުންތަކަކާ ވެސް އެކުގަ އެވެ. އެގޮތުން ޝޫޓް ކުރަން ތަންތަން ހޯދަން ދަތިވުމާއި ބައެއް އޮފީސްތަކުން މައުލޫމާތު ދޭން ފަަސްޖެހުން ފަދަ ކަންކަން ކުރިމަތިވި ކަމަށް ޓެޑްރީ ބުންޏެވެ. މީގެ އިތުރުން ބައެއް އެކްޓަރުންގެ ވަޒީފާ ހުރި ގޮތުން ރަށުން ބޭރަށް ޝޫޓިން އަށް ދާން ޖެހުން ފަދަ ދަތިތައް ވެސް ކުރިމަތިވި އެވެ.

"އެހެންވީމާ މިއީ އެއްގޮތަކަށް ވެސް ފަސޭހަކޮށް ނިންމާލެވުނު ޕްރޮޖެކްޓެއް ނޫން. އެކިއެކި ދިމަދިމާލުން އެބަ ހުރި ޗެލެންޖަސް އާ ކުރިތިވެފައި،" އޭނާ ބުންޏެވެ.

އޭސީސީން ވަނީ "ބިތުފަންގި" ގެ ތިން ވަނަ ސީޒަނެއް ވެސް ގެނެސް ދޭނެ ކަމަށް ރޭ ބުނެފަ އެވެ.

އެހެން ނަމަވެސް ޓެޑްރީ ބުނީ ތިން ވަނަ ސީޒަން ނެގުމާ ދޭތެރޭ އަދި އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ.

"އަހަރަމެންގެ އެހެން މަސައްކަތްތައް ވެސް އެބަހުރި. ތިން ވަނަ ސީޒަނަކަށް ބިޑް ކުރާ އިރު، އަހަރަމެންނަށް މަސައްކަތް ކުރެވޭ ކަހަލަ ސިޓުއޭޝަނެއްގައި ތިބި ކަމަށް ވަންޏާ އެކަމާ ވިސްނާނަން،" އޭނާ ބުންޏެވެ.