20 މާޗް 2019 - 09:33

ބޮލީވުޑްގެ މިހާރު އެންމެ ކާމިޔާބު އަދި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ ބަޓް އޭނާގެ ދެ މުވައްޒަފަކަށް މުމްބާއީން އެޕާޓްމަންޓް ގަނެދީފީ އެވެ.
ސްޕޮޓްބޯޔޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 26 އަހަރުގެ ބަތަލާ އެޕާޓްމަންޓް ގަނެދިނީ އޭނާގެ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ ސުނިލް އާއި ހެލްޕަރެއްގެ ގޮތުގައި މަސައްކަތްކުރާ އައްމޯލްއަށެވެ. އެ ދެ މީހުންނަށް މުމްބާއިން ގަނެދިން ކޮންމެ އެޕާޓްމަންޓެއްގެ އަގަކީ 50 ލައްކަ ރުޕީސް އެވެ.
މީޑިއާތަކުން ބުނި ގޮތުގައި އަބަދުވެސް އާލިއާއާ އެކު ވަރަށް ގާތްކޮށް މަސައްކަތްކުރާ ސުނިލް އާއި އައްމޯލް އަށް އެޕާޓްމަންޓް ގަނެދިނީ މިދިޔަ ހުކުރު ދުވަހު ފާހަގަކުރިި އޭނާގެ 26 ވަނަ އުފަން ދުވަހުގެ ކުރިންނެވެ.
އެ ދެ މީހުންނަކީ އާލިއާ 2012 ގައި ފިލްމު ކުޅެން ފެށި ފަހުން އޭނާއާ އެކު މަސައްކަތް ކުރަމުން އަންނަ ވަފާތެރި ދެ މުވައްޒަފުންނެވެ.
މަޝްހޫރު ޕްރޮޑިއުސަރު/ޑައިރެކްޓަރު މަހޭޝް ބަޓްގެ ހަގު އަންހެން ދަރިފުޅު ކަމަށްވާ އާލިއާ ވަނީ އޭނާ ދިރިއުޅެން ވެސް މިދިޔަ އަހަރު މުމްބާއީން އަގު ބޮޑު އެޕާޓްމަންޓެއް ގަނެފަ އެވެ. އަދި އިހަކަށް ދުވަހު މަތީ ފެންވަރުގެ ވެނިޓީ ވޭނެއް ގަނެ، ޝާހްރުކް ހާންގެ އަންހެނުން އަދި ޑިޒައިނަރު ގޯރީ ހާން ލައްވައި ވޭނުގެ އިންޓީރިއާ ޑިޒައިން ކުރުވާފައިވެ އެވެ.
އާލިއާ ހޯދަމުން އަންނަ ބޮޑެތި ކުރިއެރުންތަކާ އެކު އޭނާ ވަނީ ސަންޝައިންގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ވެސް އުފައްދައި، އޭގެ ދަށުން އުފެއްދުންތައް ވެސް ގެނެސް ދޭން އަމާޒު ހިފައިފަ އެވެ.
މިދިޔަ މަހު ރިލީޒް ކުރި "ގަލީ ބޯއި" އަށް ފަހު އާލިއާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ މަހުގެ 17 ގައި ރިލީޒް ކުރާ ތާރީހީ ލޯބީގެ ފިލްމު "ކަލަންކް" އިންނެވެ.