20 މާޗް 2019 - 07:14

އިންޑިއާގައި ބޭނުންކުރާ މުއްސަނދި އެއް ބަސް ކަމަށްވާ އުރުދޫ ޕްރޮމޯޓްކޮށް، އެ ބަސް ދިރުވައި އާލާ ކުރަން ހިންގާ ކެމްޕޭނަށް ޝާހްރުކް ހާނާއި ކެޓްރީނާ ކެއިފާއި ސަލްމާން ހާން ހަމަޖައްސައިފި އެވެ.
މިކަން ކަށަވަރުކޮށް ދެމުން ނެޝަނަލް ކައުންސިލް ފޮ ޕްރޮމޯޝަން އޮފް އުރުދޫ ލެންގްއޭޖް (އެންސީޕީޔޫއެލް) ގެ ޑިރެކްޓަރު އަގީލް އަހުމަދު ވިދާޅުވީ ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ޝާހްރުކާއި ސަލްމާނާ ކެޓްރީނާ ކެޓްރީނާ އުރުދޫ ބަހުން ވާހަކަ ދައްކާ ވީޑިއޯ ތައްޔާރުކޮށް ކެމްޕޭނުގައި ބޭނުން ކުރާނެ ކަމަށެވެ.
މި ކެމްޕޭނަކީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ މާލީ އެހީއާ ވެސް އެކު ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
އަހުމަދު ވިދާޅުވި ގޮތުގައި އުރުދޫ އާއި އެ ބަހާ އެއްގޮތް ކަމެއް ހުންނަ އަރަބި ބަހާ ބެހޭ ކޮންފަރެންސްތަކާއި ވޯކްޝޮޕްތަކާއި ތަފާތު އެކި ކޯސްތައް ވެސް ގައުމީ ފެންވަރުގައި އިންޑިއާގެ އެކި ސްޓޭޓްތަކުގައި ކުރިއަށް ގެންދާނެ އެވެ. އަދި މި ކެމްޕޭނުގެ ދަށުން އުރުދޫ ބަހާއި އަރަބި ބަހުން ގިނަ އަދަދެއްގެ ފޮތްތައް ވެސް ޗާޕް ކުރަން ވަނީ ނިންމައިފަ އެވެ.
އަހުމަދު ވިދާޅުވީ އުރުދޫ ބަހަކީ އިންޑިއާގައި ދިރުވައި އާލާކުރަން މިހާރު މަސައްކަތްތަކެއް ކުރަން ޖެހޭ ބަހެއް ކަމަށެވެ.
"މި ބަހަށް އާންމުންގެ ޝައުގުވެރިކަން އުފެއްދުން އެންމެ މުހިއްމު ކަމަކީ. ހާއްސަކޮށް ޒުވާނުންގެ މެދުގައި،" އޭނާ ވިދާޅުވި އެވެ. "އަހަރެމެން އުންމީދު ކުރަން މަޝްހޫރު ސެލެބްރިޓީންތަކެއް ބައިވެރިކޮށްގެން ހިންގާ ކެމްޕޭނުން ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް. ހަގީގަތުގައި އުރުދޫ ބަހަކީ ވަރަށް މުއްސަނދި ވަރަށް ރީތި އަދި ފުރިހަމަ އުސޫލުތަކެއް ބަހުގެ ހަމަތަކާއި ވާހަކަ ދެއްކުމުގައި ހުރި ބަހެއް."