ގްރީޒްމަން އެތުލެޓިކޯ ދޫކޮށްލަނީ، ކްލަބްތައް އެލާޓުގައި
ގްރީޒްމަން އެތުލެޓިކޯ ދޫކޮށްލަނީ، ކްލަބްތައް އެލާޓުގައި

މެޑްރިޑް (މާޗް 19) - ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން މި ސީޒަނަށް ފަހު އެތުލެޓިކޯ މެޑްރިޑް ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާ އެކު ގިނަ ކްލަބްތަކުން އޭނާ ގަތުމަށް ޝައުގުވެރިކަން ފާޅުކުރަން ފަށައިފި އެވެ.

އުމުރުން 27 އަހަރުގެ ގްރީޒްމަން މިދިޔަ ސީޒަނަށް ފަހު ބާސެލޯނާ އަށް ބަދަލުވާނެ ކަމަށް ބެލެވިފައި އޮއްވައި މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ކުރިން އޭނާ ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް އެތުލެޓިކޯގައި މަޑުކުރަން ބޭނުންވާކަމަށް އިއުލާނުކޮށް އެ ޓީމާ އެކު ދިގު މުއްދަތުގެ އެއްބަސްވުމެއް ހަދައިފަ އެވެ.

އެކަމަކު ދާދި ފަހުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުުރުގައި ޔުވެންޓަސް އަތުން ބަލިވެ މުބާރާތުން ކެޓި މެޗަށް ފަހު ގްރީޒްމަން ކްލަބްގައި އިތުރަށް މަޑުކުރުމާ މެދު ދެ ވަނަ ވިސްނުމަކަށްވަނީ ގޮސްފަ އެވެ. އަދި ހާއްސަކޮށް މިދިޔަ އަހަރު ޔޫރޮޕާ ލީގާއި ވޯލްޑް ކަޕް ކާމިޔާބު ކުރުމުން ވެސް އޭނާ އަށް ބެލޮންޑިއޯ އާއި ޔުއެފާ އަދި ފީފާ އެވޯޑްގެ ނޮމިނޭޝަނުން ވެސް ފުރުސަތު ނުލިބުމަކީ ކަންބޮޑުވުމެކެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގްރީޒްމަން ކްލަބް ބަދަލުކުރަން ބޭނުންވާކަން ރަސްމީކޮށް އެތުލެޓިކޯ އަށް އަންގާނީ ގައުމީ ޓީމުގެ މެޗުތަކަށް ފަހު އެވެ.

ގްރީޒްމަން ހޯދުމުގެ ރޭހުގައި ވާދަކުރާނެ ކަމަށް ބެލެވެނީ ބާސެލޯނާގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި ބަޔާން މިއުނިކް އެވެ. މީގެ އިތުރުން ވެސް ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ ގްރީޒްމަން އަށް ފާރަލަމުންނެވެ.

އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި ގްރީޒްމަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރާއިރު އެ ޑީލުގެ ތެެރެއިން އަލެކްސިސް ސަންޗޭޒް ދޫކޮށްލާނެ އެވެ. މީގެ ކުރިން ގްރީޒްމަން ވަނީ ކްލަބް ލެވެލްގައި ޔުނައިޓެޑްގެ ތަރި ޕައުލް ޕޮގްބާއާ އެއް ޓީމަކަށް ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ޒުވާން އުމުރުގައި ސްޕެއިނަށް ބަދަލުވެ ގްރީޒްމަން ކެރިއަރު ފެށީ 2009 ވަނަ އަހަރު ރެއާލް ސޮސިއެޑާޑުންނެވެ. އޭނާ 2014 ވަނަ އަހަރު އެތުލެޓިކޯ އަށް ސޮއިކުރީ 30 މިލިއަން ޔޫރޯގެ އަގަކަށެވެ. އަންނަ ސީޒަނުގައި އެތުލެޓިކޯ ދޫކޮށް ގްރީޒްމަން އެހެން ކްލަބަކަށް ބަދަލުވާއިރު، އޭނާ ހޯދަން ބޭނުންވާ ކްލަބްތަކުން 100 މިލިއަން ޔޫރޯ އަށް ވުރެން ބޮޑު އަދަދެއް ހުށަހަޅަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.