18 މާޗް 2019 - 20:41

އަންނަ މަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު ދެ ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފި އެވެ.

ނަން އަނބުރާ ދިޔައީ ހިތަދޫ މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ ޒާހިދު ރަމީޒު އާއި ގެމަނަފުށީ ދާއިރާ އަށް ލޭބާ ޕާޓީން ވާދަކުރާ މުހައްމަދު އިލްހާމެވެ.
ނަން އަނބުރާ ގެންދިޔަކަން ފޭސްބުކުގައި ހާމަކުރަމުން ވިޔަފާރި ވެރިޔާ ޒާހިދު ރަމީޒް ވިދާޅުވީ އޭނާ ނަން ނަގަން ނިންމި ނަމަވެސް އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރަން ނިންމާފައިނުވާ ކަމަށެވެ. ޒާހިދު ފުރަތަމަ ނިންމީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާށެވެ.
އޭނާ އަމިއްލަ ގޮތުން ވާދަ ކުރަން ނިންމީ އެ ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓު ނުދީ އެ ޕާޓީގެ ތާއީދު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ދޭން ނިންމުމުންނެވެ. އެ މައްސަލާގައި އޭނާ ވަނީ ވަރަށް ފަހުން ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.
ޒާހިދުގެ އިތުރުން ހިތަދޫ މެދު ދާއިރާ އަށް ވާދަކުރަނީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރަޝީދު (ޗެކްމާކް އަހުމަދު) އާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ހުސެން ސޯލިހްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް މުހައްމަދު އާރިފެވެ.
ގެމަނަފުށީ ދާއިރާއަށް ވާދަ ނުކުރަން ނިންމި އިލްހާމު ވަނީ އެ ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓް އަލީ އާދިލަށް ތާއީދު ކުރަން ނިންމައި އެކަން އިއުލާން ކުރައްވައިފަ އެވެ.
ދެން އެ ދާއިރާއަށް ވާދަ ކުރައްވަނީ މިހާރު ވެސް އެ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނާއި އެމްޑީޕީން ވާދަ ކުރައްވާ އަހުމަދު ސައީދެވެ.
މީގެ ކުރިން ވަނީ މަހިބަދޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް އަލީ އަހުމަދު ވެސް ނަން އަނބުރާ ނަގައިފަ އެވެ.