11 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމު ކުރަން ހުޅުވާލައިފި
11 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމު ކުރަން ހުޅުވާލައިފި

އެގާރަ ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

ފެނާއި ނަރުދަމާ ގާއިމުކުރަން ނިންމާފައި ވަނީ ހއ. ފިއްލަދޫ، ހދ. ފިނޭ، ހދ. ނައިވާދޫ، ށ. ނަރުދޫ، ށ. މާއުނގޫދޫ، ނ. ޅޮހީ، ނ. ހޮޅުދޫ، ރ. އިނގުރައިދޫ، ފ. މަގޫދޫ، ލ. މާވަށް އަދި ކ. ގުޅި އެވެ.

އެ މަޝްރޫތަކަށް ކުރިމަތިލުމުގެ ބިޑް ހުޅުވާލުމަށް ނިންމާފައިވަނީ އޭފްރީލް މަހުގެ 18 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގަ އެވެ.

މިދިޔަ މަހު ވެސް ފިނޭންސް މިނިސްޓްރީން ވަނީ 17 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމު ކުރުމަށާއި އަށް ރަށެއްގެ މަގު ހަދާނެ ބަޔަކު ހޯދަން އިއުލާން ކޮށްފަ އެވެ.

މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރެއިން އަލަށް ފަށާ މަޝްރޫއުތަކުގެ ގޮތުގައި 315 މަޝްރޫއު އާއި ހިނގަމުންދާ 229 މަޝްރޫއު ހިމެނެ އެވެ.

ފެނާއި ނަރުދަމާގެ 120 މަޝްރޫއަކަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. އަދި ބިން ހިއްކުމާއި މަގުތައް ހެދުމަށް 51 މަޝްރޫއަށް 5.59 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ.