ތިނަދޫގައި ތާރުއެޅުމާއެކު މަގުތަކުގައި ފެން ބޮޑުވެއްޖެ
ތިނަދޫގައި ތާރުއެޅުމާއެކު މަގުތަކުގައި ފެން ބޮޑުވެއްޖެ

ގދ. ތިނަދޫގެ ތާރު އަޅާފައިވާ މަގުތަކުގައި ފެން ހިންދޭނެ ނިޒާމެއް ގާއިމުކޮށްފައި ނެތުމުން، އެހެން މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ކުރިމަތި ވެއްޖެ އެވެ.

ތިނަދޫގައި ތާރުއެޅުމާއެކު މަގުތަކުގައި ފެން ބޮޑުވެއްޖެ
ތިނަދޫގައި ތާރުއެޅުމާއެކު މަގުތަކުގައި ފެން ބޮޑުވެއްޖެ

ތިނަދޫގެ 13 މަގެއްގައި މިހާރު ގާތްގަނޑަކަށް ތާރު އަޅާ ވަނީ ނިމިފަ އެވެ. އެކަމަކު އެ މަގުތަކުން ފެން ހިންދުމަށް ކަނޑާފައިވާ ކާނުތަކުން މޫދަށް ފެން ބޭރުވާނެ ގޮތެއް ނެތުމުން މަގުތަކުން ފެން ނުހިންދޭ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.

ތިނަދޫގައި ތާރުއެޅުމާއެކު މަގުތަކުގައި ފެން ބޮޑުވެއްޖެ
ތިނަދޫގައި ތާރުއެޅުމާއެކު މަގުތަކުގައި ފެން ބޮޑުވެއްޖެ

"ދެން އަޅުގަނޑުމެންނަށް ޖެހުނީ ޕަންޕު ޖަހައިގެން ހުރިހާ ފެނެއް ބޭރު ކުރަން،" ކައުންސިލް މެމްބަރު ސައުދު އަލީ ވިދާޅުވި އެވެ. "އެކަމަކު މިއީ ހަމަ ވަގުތީ ކަމެއް."

އޭނާ ވިދާޅުވީ ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމަށް ކަމާ ބެހޭ ހުރިހާ އިދާރާތަކަކަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

ތިނަދޫގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ރޯޑް ކޯޕަރޭޝަނުންނެވެ. ތިނަދޫ އަކީ ކުރިން ވެސް ވިއްސާރަ ދުވަސްވަރު ވަރަށް ބޮޑަށް ފެންބޮޑުވާ ރަށެކެވެ. އެކަމަކު އެ ފެން މޫދަށް ބޭރުވާ ގޮތަށް ވަކި ނިޒާމެއް ކައުންސިލުން ވަނީ ގާއިމުކޮށްފަ އެވެ.

ސައުދު ވިދާޅުވީ ތާރު އަޅާފައިވާ މަގުތަކުގެ ކާނުތަކަށް އެޅޭފެން ބޭރު ކުރުމަށް މި ނިޒާމާ ގުޅާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ މަގުތަކުގައި ތާރު އެޅުމުގެ ކުރިން ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.

ތިނަދޫގައި ތާރު އަޅަން ފެށުމާއެކު ރަށުގެ މަގުތައް ރީތިވެފައިވީ ނަމަވެސް ރައްޔިތުންގެ އެންމެ ބޮޮޑު ޝަކުވާއަކީ އެކަން ކުރުމުގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނެތުން ކަމަށް ކައުންސިލުން ބުންޏެވެ.

ސައުދު ވިދާޅުވީ އެ ރަށުގެ ފުޅާ ހަތަރު މަގެއްގައި ތާރު އަޅާފައިވަނީ ހަނިކޮށް ކަމަށާއި ދެން ކައިރީގައި ޖެހީ ގާ ކަމަށެވެ. އޭގެ ސަބަބުން ވެސް ފެން ހިންދުމުގައި މައްސަލަތައް ކުރިމަތިވާނެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ވިދާޅުވި އެވެ.

"މިކަހަލަ މައްސަލަތައް ފެންނާނީ މަސައްކަތް ފެށީމައި. އެކަމަކު އަޅުގަނޑު ދަންނަވާނީ ފެން ހިނދޭނެ ގޮތް ކަހަލަ ކަންތައްތަކަށް ރިއާޔަތްކޮށްގެން މި ކޮންސެޕްޓް ޑިޒައިން ކުރިނަމަ މި ކަހަލަ ކަންތައްތަކެއް ދިމަލެއް ނުވީސް ކަންނޭނގެ،" ސައުދު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭގޮތުން ސަރުކާރުން ވަކި އެއްޗެއް ނުބުނި ނަމަވެސް އެނގިފައިވާ ގޮތުގައި އެ ރަށުގައި ފެން ހިންދުމަށް ސްޓޯމްވޯޓާ މެނޭޖްމެންޓް ޕްރޮޖެކްޓު ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.