ކޮންޓޭގެ ކޯޗުކަމުގައި ހަޒާޑްގެ ވިދުން ގަދަވެއްޖެ
ކޮންޓޭގެ ކޯޗުކަމުގައި ހަޒާޑްގެ ވިދުން ގަދަވެއްޖެ

ލަންޑަން (އޮގަސްޓް 29) - އިނގިރޭސި ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމު 2015 ވަނަ އަހަރުގެ ސީޒަނުގައި ޗެލްސީގެ އެޑެން ހަޒާޑް ހޯދި ނަމަވެސް މިދިޔަ ސީޒަނުގައި އޭނާގެ ކުޅުން ވަރަށް ދަށެވެ. މިދިޔަ ސީޒަނުގައި ޗެލްސީ އަށް ކޯޗުކޮށްދިން ހޯސޭ މޮރީނިއޯ އާއި ގޫސް ހިޑިންކްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އެއީ އެވެ. ނަމަވެސް މި ސީޒަނުގައި އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ހަޒާޑް އަންނަނީ އޭނާގެ ކުރީގެ މޮޅު ކުޅުން ތަކުރާރު ކުރަމުންނެވެ.

"ފުޓްބޯޅަ ހުނަރަށް ބަލާއިރު ހަޒާޑަކީ ތަފާތު މޮޅު ކުޅުންތެރިއެއް. ޗެލްސީއާ ހަވާލުވުމުގެ ކުރިން ވެސް އަހަރެން ވަރަށް ޝައުގުވެރިވާ ކުޅުންތެރިއެއް ހަޒާޑަކީ. ޗެލްސީއާ ހަވާލުވުމަށް ފަހު އަހަރެން އެންމެ ބޮޑަށް މަސައްކަތް ފެށީ ހަޒާޑް ކުރީގެ ފެންވަރަށް ގެންނަން. ހަޒާޑްގެ މޮޅު ކުޅުން ކުރިއަށްހުރި މެޗުތަކުގައި ފެންނާނެ،" ލީގުގައި އެންމެ ފަހުން ބާންލީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކޮންޓޭ ބުންޏެވެ.

މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ހަޒާޑް ފުރަތަމަ ލަނޑު ޖެހީ މެއި މަހުގަ އެވެ. އެހެން ނަމަވެސް މި ސީޒަނުގައި ޗެލްސީ މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުން ހަޒާޑް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ކޮންޓޭ ބުނީ ޗެލްސީގެ އެޓޭކް ވަރަށް ވަރުގަދަ ކަމަށާއި ސްކޮޑުގެ ވާދަވެރިކަން ވެސް ވަަރަށް ބޮޑު ކަމަށެވެ.

"ޗެލްސީގެ އެޓޭކްގައި އެބަތިބި ތަފާތު މަގާމުތަކަށް ކުޅޭ ކުޅުންތެރިން. ޕެޑްރޯ، މޮސެސް، ވިލިއަން، ހަޒާޑް މި ކުޅުންތެރިންނަކީ ދެ ފަޅިން ވެސް ކުޅޭ ކުޅުންތެރިން. މީގެން ވަކި ކުޅުންތެރިއެއް ނެގުމަކީ އަހަންނަށް ފަސޭހަކަމެއް ނޫން،" ކޮންޓޭ ބުންޏެވެ.

މި ހަފްތާގެ މެޗުތަކަށް ފަހު ގައުމީ ޓީމުގެ މެޗުތަކަށް ލީގު މެދުކަނޑާލާފައިވާއިރު، ދެން ލީގުގައި ކުޅޭ މެޗުގައި ޗެލްސީ ރަށުންބޭރުގައި ނުކުންނާނީ ސްވަންސީ ސިޓީއާ ދެކޮޅަށެވެ.