18 މާޗް 2019 - 14:28

ޕެރިސް (މާޗް 18) - ދާދި ފަހުން ވެއްޓުނު އިތިއޯޕިއަން އެއާލައިންސްގެ ބޯއިން 737 މެކްސް 8 ގެ ފްލައިޓް ޑޭޓާ ދައްކާ ގޮތުން އެ ބޯޓު ވެއްޓުމާއި އިންޑޮނީޝިއާގެ ލަޔަން އެއާގެ މެކްސް 8 ގެ ބޯޓު ވެއްޓުމުގައި އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށް އިތިއޯޕިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
އެޑިސް އަބާބާ އިން ނައިރޯބީ އަށް ދާން ފުރިތާ ހަ މިނިޓް ފަހުން މިދިޔަ އާދިއްތަ ދުވަހު ވެއްޓުނު އިތިއޯޕިއަން އެއާލައިންސްގެ މެކްސް 8 ގެ ބޯޓުން ދަތުރުކުރި 157 މީހުން މަރުވި އެވެ. އޮކްޓޯބަރު މަހު ޖަކާޓާ އިން ފުރިތާ 13 މިނިޓް ފަހުން ވެއްޓުނު މެކްސް 8 ގެ ބޯޓުން 189 މީހުން މަރުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު ދަގްމަވިތު މޯގެސް ވިދާޅުވީ ބޯޓު ވެއްޓުނު ހާދިސާއާ ގުޅޭ ފުރަތަމަ ރިޕޯޓް 30 ދުވަސް ތެރޭ ނެރޭނެ ކަމަށެވެ.
"އިތިއޯޕިއަން އެއާލައިންސްގެ ފްލައިޓް 302 އާއި އިންޑޮނީޝިއާގެ ލަޔަން އެއާ ފްލައިޓް 610 ވެއްޓުމުގައި އެއްގޮތް ކަންކަން އެބަހުރި. ތަހުގީގުގައި އެކަންކަން އިތުރަށް ބަލާނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދަގްމަވިތު ވިދާޅުވި އެވެ.
ދެ ބޯޓުގެ ވެސް ފްލައިޓް ޓްރެކިން ދައްކާ ގޮތުން ބޯޓު ކުއްލި ކުއްލި އަށް މައްޗަށް އަރާ ތިރިވެފައިވެ އެވެ.
ބޯއިންގެ ޗެއާމަން އަދި ސީއީއޯ ޑެނިސް މުއިލެންބާގް ވިދާޅުވީ ބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގަށް ކުންފުނިން ފުރިހަމަ ސަޕޯޓް ދޭނެ ކަމަށެވެ. އަދި ފްލައިޓް ކޮންޓްރޯލް ސިސްޓަމްގެ ސޮފްޓްވެއާ އަޕްޑޭޓް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އިތިއޯޕިއަން އެއާލައިންސްގެ ބޯޓު ވެއްޓުނު ހާދިސާ އަށް ފަހު ބޮއިން ވަނީ 737 މެކްސް 8 ގެ ހުރިހާ ބޯޓެއް ގްރައުންޑް ކޮށްފަ އެވެ.