18 މާޗް 2019 - 13:39

ކްރައިސްޗާޗް (މާޗް 18) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ހަމަލާދީ 50 މީހުން މަރާލި އޮސްޓްރޭލިއާގެ 28 އަހަރުގެ ބްރެންޓް ޓަރަންޓަކީ ސިކުނޑި ހަމަޖެހޭ މީހެއް ކަމަށާއި އޭނާ އަށް ވަކީލެއް ބޭނުމެއް ނުވާ ކަމަށް ކޯޓުން އައްޔަން ކުރި އޭނާގެ ވަކީލް ބުނެފި އެވެ.
ކްރައިސްޓްޗާޗް ޑިސްޓްރިކްޓް ކޯޓަށް ޓަރަންޓް ވަނީ ހޮނިހިރު ދުވަހު ހާޒިރުކޮށް މީހުން މެރިކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލައިފަ އެވެ. އޭނާގެ ޝަރީއަތް ދެން އޮނާނީ އެޕްރީލް 5 ވަނަ ދުވަހު އެވެ.
ކޯޓުގެ ފުރަތަމަ އަޑުއެހުމުގައި ޓަރަންޓް ތަމްސީލް ކުރި ވަކީލް ރިޗަޑް ޕީޓާސް ބުނީ ޓަރަންޓް އުޅޭ ގޮތުން އޭނާ ވަކީލެއް ބޭނުން ނުވާހެން ވެސް ހީވާ ކަހަލަ ކަމަށެވެ.
"މި މައްސަލާގައި އޭނާ ބޭނުން ވަނީ އަމިއްލަ އަށް ވަކާލާތު ކުރަން. އޭނާ އުޅޭ ގޮތުން ހީވަނީ އެހެން މީހެއްގެ އެހީ ބޭނުން ނުވާހެން،" ޕީޓާސް ބުންޏެވެ.
އޭނާ ބުނީ ޓަރަންޓަކީ ސިކުނޑި ހަމަޖެހޭ މީހެއް ކަމަށާއި އޭނާ އަށް ވާނުވާ އެނގޭ ކަމަށެވެ.
ހަމަލާ ދެމުން ދިޔަ މަންޒަރު ޓަރަންޓް ވަނީ ފޭސްބުކުން ލައިވްކޮށްފަ އެވެ. އަދި އެ ހަމަލާގެ ކުރިން އޭނާ ވަނީ 74 ސަފުހާގެ މެނިފެސްޓޯއެއް އާއްމުކޮށްފަ އެވެ.