30 އޯގަސްޓް 2016 - 07:39

(އޮގަސްޓް 29 އާ ގުޅޭ)
އޮފީހުގެ ބޮޑު ގޮނޑި ސެޓްގައި އިށީންނަން ދައުވަތު ދިނުމަށް ފަހު، ބޭނުންވަނީ "ކޮފީ، ސައިތޯ" އެހި އެވެ. ކޮފީ އޯކޭ ވާނެ ކަމަށް ފާތިރު ބުނުމުން، އަންހެން މުވައްޒަަފާ ދިމާއަށް ކޮފީ ގެނެސްދޭށޭ ބުނެފައި އިށީނެވެ.
މިއީ ދެ މީހުން ބައްދަލުވި ފުރަތަމަ ފަހަރެވެ. ކުރިން ފާތިރު އަހަނީ މަހުޖަނު އިބްރާހިމްގެ ތިން ކުދިން ތިބޭ ކަމެވެ. އޭގެ ތެރެއިން އެއްވެސް ކުއްޖަކު އޭނާގެ ވިޔަފާރީގައި ސީދާކޮށް ނޫޅޭކަން ވެސް އެނގިފައި އޮތެވެ. މިހާރު އޭނާގެ ކުރިމަތީގައި އެ އިނީ، އިބްރާހިމްގެ ދޮށީ ދަރިފުޅެވެ. ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ، ދުނިޔޭގެ އެކި ބެންކްތަކުގައި ހުރި ކުންފުނީގެ ވެރިޔާ އެވެ.
ބައްޕަގެ ގާތިލް އެ އިނީ އޭނާގެ އަތު ޖެހޭ ހިސާބުގައި ކަމެއް މައުސޫމަކަށް ނޭނގެ އެވެ. ބައްޕަ ރަހީނުކޮށް، މުޅި ރާއްޖެ އަށް ބޭޒާރުކުރި މަސައްކަތުގެ އެންމެ އިސް ލީޑަރު އިނީ ވެސް ވަރަށް ހަމަޖެހިގެންނެވެ. އޭނާގެ މޫނުމަތިން، އޭނާގެ އެއްވެސް ހަރަކާތަކުން، ނުވަތަ ބުނެވޭ ބަހަކުން ނަމަވެސް ޝައްކެއް އުފެދިދާނެ ނިޝާނެއް ދޫނުކުރާނެކަމުގެ ޔަގީންކަން ފާތިރަށް އޮތެވެ.
އިންސާފުގެ ޗެމްބަރު އުފެއްދީ މިކަހަލަ ކިތައްމެ ހާލަތަކާ ކުރިމަތިވާނެކަން އެނގި ހުރެ އެވެ. އޭނާއާ މެދު ޝައްކުކުރާނީ ކާކު ހެއްޔެވެ؟ ފާތިރަކީ އެންމެން ދަންނަ، ޒުވާން މަހުޖަނެކެވެ. ދީލަތިކަން ބޮޑު ވިޔަފާރިވެރިއެކެވެ.
"އަަދި މި އުޅެނީ ހިންދަމައި ނުލެވިގެން. ބައްޕަގެ ވިޔަފާރި މާ ބޮޑީ. އަހަރެން ހީވެސް ނުކުރަން މިވަރުގެ ކަމެކޭ ކޮންމެ ދުވަހަކު ބައްޕަ ކުރަމުން އައީ،" މައުސޫމް ވާހަކަ ދައްކަން ފެށި އެވެ.
"ކުރިއަކުން ނޫޅެންތަ ބައްޕަ ކައިރީގައި؟" ހުރިހާ ކަމެއް އެނގި ހުރެ ނަމަވެސް ފާތިރު އެ ސުވާލުކުރި އެވެ.
"ތިއީ އަނެއް ވާހަކަ. ތެދަށް ބުނަންޏާ ބައްޕަ ބޭނުމެއް ނުވި އަހަރެން މީގެ ތެރެއަށް ވައްދާކަށް. އޭގެ އުޒުރަކަށް ބައްޕަ ބުނަނީ ކަލެއަކީ ދީނީ މީހެކޭ. ދުރުގައި ހުންނާށޭ، ދިރިއުޅެވޭ ވަރަށް ލާރި ދޭނަމޭ،" އެއްވެސް ފޮރުވުމެއް ނެތި އަދި ހިނިތުންވެލާފައި، މައުސޫމް ބުންޏެވެ.
"ސައުދީ އަށް ކިޔަވަން ދިޔައިމާ ވީ ގޮތެއް ކަންނޭނގެ،" ފާތިރު ސަމާސާއަކަށް ބުނެލި އެވެ.
އެވަގުތު އަންހެން ދެ މުވައްޒަކު، ކޮފީ އާއި ސޭންޑްވިޗާއި ކޭކް ގެނެސް، މޭޒު މަތީ އަތުރާލި އެވެ.
"ފުރަތަމަ އަހަރެން ފޮނުވީ ސްވިޒަލެންޑަށް. އެމްބީއޭ ނެގީ އެތަނުގައި. އޭގެ ފަހުން ސައުދީ އަށް ދިޔައީ. ދީނީ ތައުލީމާ ބެހޭ ގޮތުން ބައްޕަ އަށް ވިސްނިފައި އޮތް ގޮތް ގޯހީ. އަހަރެން ދައްކާ ވާހަކަ ބައްޕަ އަޑުއަހާ. ދެން ބުނާނެ ކަލޭ ބޭނުން ގޮތަކަށް ވިޔަފާރި ހިންގަން ފުރުސަތު ލިބޭނޭ. އެ ދުވަސް އައިމާ އެގޮތަށް ކުރިއަށް ގެންދާށޭ،" ދެ މުވައްޒަފުން ނުކުތުމުން، މައުސޫމް، އަލުން ވާހަކަ ފެށި އެވެ.
"މިއީ ބައްޕަ އެ ބުނި ދުވަސް، އެހެންނު،" ކޮފީ ތަށި ނަގަމުން ފާތިރު ބުންޏެވެ.
"އެކަމަކު މިގޮތަށް ހަވާލުވާނެ ވާހަކައެއް ނޫން އެ ބުނީކީ. ކާކު ހީކުރާނީ އެހާ ނުބައި މީހުން އަހަރެމެންގެ ތެރޭގައި އުޅޭނޭ. ބައްޕަ އަށް އެހެން ހެދި ބަޔަކު އެކަން ކުރީ ވަރަށް ބޮޑަށް ރާވައިގެން. އަހަރެމެންނަކަށް އަދިއެއް ނޭނގޭ ކިހާ ފައިސާއެއް ކަމެއް އެ މީހުން އަތުލީ. އެކަަހަލަ ކޮންމެ ނުބައެއްގައި ފައިސާ އުޅޭނެ،" މައުސޫމް، ފާތިރާ ދިމާއަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ.
ފާތިރުގެ ހިތަށް ކިތައްމެ އެއްޗެއް އަރާ ފޭބިޔަސް އެ ހުރިހާ ވާހަކައެއް މި ދަނޑިވަޅު ނުދެއްކޭނެ އެވެ. އިބްރާހިމްގެ އެއްވެސް ގޯހެއް އޭނާގެ ދަރިއަކަށް ނުފެނެ އެވެ. އާއިލާ އިން އެ ގަބޫލުކުރަނީ އިބްރާހިމް ވަގަށް ނެގި ބަޔަކު އެކަން ކުރީ ފައިސާ ވެސް ހޯދުމުގެ ނިޔަތުގައި ކަމެވެ. ނާދިރާ އަށް ހެދި ގޮތާ މެދު ހިތާމަކޮށް، ލަދުވެތިވެ، މައާފަށް އެދިފައެއް ނުވެ އެވެ. އެ ކުއްޖާ ހޯދައިގެން ރާއްޖެ ގެންނަން އެއްވެސް އެހީތެރިކަމެއް ސަރުކާރަށް ދޭނެ ވާހަކަ ވެސް އާއިލާ އިން އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އެހެން ގައުމެއްގައި ނަމަ އެ ޒިންމާ، އަނިޔާވެރިވި އާއިލާ އިން ނަގާނެކަން ޔަގީނެވެ.
"ތަހުގީގާ ބެހޭ އެއްވެސް އެއްޗެއް ނޭނގޭތަ؟ ފުލުހުން ބުނިތާ އެންމެ ތަންފުކެއް ވެސް ދުލެއް ނުދޭނަމޭ،" މައުސޫމްގެ އިހުސާސްތަކުގައި ބައިވެރިވުމުގެ ގޮތުން ފާތިރު އެ ސުވާލުކުރި އެވެ.
"އެކަން އެބަ ދޭ. ފުލުހުން ބުނަނީ ލީޑަކަށް ވާ ކަހަލަ މީހަކު ހޯދިއްޖޭ. އޭނާ ހުރީ ޖަލުގައި. އުމުރަށް ޖަލަށް ލާފައި ހުރި މީހެއް،" މައުސޫމް ބުންޏެވެ.
އެއީ ފާތިރަށް ނޭނގޭ ވާހަކައެއް ނޫނެވެ. ފުލުހުން އެ ތަހުގީގު ކުރިއަށް ދާ ގޮތުގެ ސިއްރު މައުލޫމާތު އޭނާ އަށް ވެސް ކޮންމެވެސް ވަރަކަށް ލިބެ އެވެ. އަދި ޔާސިރާ ކޮންމެ ރެއަކު ސުވާލުކުރަމުން އަންނަތާ ތިން ދުވަސް ވެއްޖެކަން ވެސް އޭނާ އަށް އެނގެ އެވެ. ޔާސިރު ކޮންމެ ވާހަކައެއް ދެއްކިޔަސް، އިންސާފުގެ ޗެމްބަރު ހޯދޭނެ ގޮތެއް ނޯންނާނެ އެވެ. އެއީ އެއަށް ވުރެ ސިއްރު ތަނެކެވެ.
"އުމުރަށް ޖަލަށް ލާފައި ހުރި މީހަކު ކިހިނެއް މައުސޫމްގެ ބައްޕަގެ މައްސަލައާ ގުޅެނީ؟" ފާތިރު އެހި އެވެ.
"ގުޅިދާނެ ގޮތްތަކެއް އެބަ ހުރި. އެ ގައިދީ ވަނީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ، ހުޅުމާލޭގައި މަރާލާފައި. އެ މަރުވި މީހާގެ ކަނާތުގެ ކުޑަވާ އިނގިލި އޮތީ ބުރިކޮށްލާފައި. ދެން އޭގެ ފަހުން ހަމަ ހުޅުމާލެ އިން ފެނުނު މުއްސަނދި އަންހެނަކު ވެސް މަރާލާފައި އޮއްވާ. އޭނާގެ އިނގިއްޔެއް ވެސް މަދު. ފުލުހުން އެބަ ބުނޭ އެ ދެ މީހުންގެ އެ ނިޝާންތައް އެއްދިމާލަކަށޭ ދަނީ. އެއްބައެކޭ އެކަމުގައި ފޮރިވިގެން ތިބީ،" މައުސޫމް، އެއްވެސް ފޮރުވުމެއް ނެތި، ތެދުވެރިކަމާ އެކު، އޭނާގެ މައުލޫމާތުތައް ކިޔައިދެމުން ދިޔަ އެވެ.
އެ ގޮތަށް ގުޅުވައިގެން ވެސް ފާތިރާ ހަމައަށް ފުލުހުން އަންނާނެ ފުރުސަތެއް އަދި ނެތެވެ. އެ ފުރުސަތެއް އޭނާގެ ޓީމަކުން ނުދޭނެ އެވެ. އެއަށް ވުރެ ބޮޑަށް އެމީހުން ތިބީ ރާވައިގެންނެވެ. މައުސޫމް ކިތައްމެ މޮޅަސް އޭނާގެ ބައްޕަގެ ކިބައިން ރާއްޖެ ސަލާމަތްކޮށްދިން ތިން މީހުން ހޯދަން ހުރި ހުރަސްތައް މާ ގިނަ އެވެ. އެއީ ހަމައެކަނި ފުލުހުންނަށް ދޫކޮށްލައިގެން ކުރެވޭނެ ކަމެއް ވެސް ނޫނެވެ.
"އެހެން ދިމާލެއް ވެސް އެބަ ބަލަން އަމިއްލަ ގޮތުން،" މައުސޫމް، ސޭންޑްވިޗެއް ނަގަމުން ބުންޏެވެ.
ފާތިރު ސުވާލެއް ނުކޮށް ސޭންޑުވިޗު ކާން ފެށި އެވެ. އޭނާ އަހަން އޮތީ "އެއީ ކޮން ތަނެއް ހެއްޔޭ" އެވެ. އެކަމަކު ހިތަށްއެރިހާ ސުވާލެއް އެގޮތަށް ކުރާކަށް އޭނާ ބޭނުމެއް ނުވެ އެވެ.
"އިންޑިއާ އިން އެ އަންހެން ކުއްޖާ ރާއްޖެ ގެންނަން މި އުޅެނީ. އިންޑިއާގެ ހައި ކޮމިޝަނުގެ މީހަކާއި ފޮރިން މިނިސްޓްރީގެ މީހަކު މާދަމާ އިންޑިއާ އަށް ފުރާނެ. އެ ކުއްޖާ ހުރި މަރުކަޒަށް ދެ ދިވެއްސަކު ދިޔަކަން މިހާރު އޮތީ އެނގިފައި،" މައުސޫމް ބުންޏެވެ.
އެއީ ނާވިޝް އާއި ޒަވީން އެވެ. އެކަމަކު އެމީހުން އެ މަރުކަޒަށް ވަނީ ނުބައި ނަމެއް ދީގެންނެވެ. އެ މީހުން ބެންގަލޫރަށް ދަތުރުކުރީ މަތިންދާބޯޓަކުންނެއް ނޫނެވެ. އެހެންކަމުން ބެންގަލޫރުގެ އިމިގްރޭޝަނުން އެމީހުންގެ ނަމެއް ނުހޯދޭނެ އެވެ. ނާދިރާ ލާފައި ހުރި މަރުކަޒާ ހަމައަށް އެ މީހުން ދަތުރުކުރީ ނާވިޝް އާއި ޒަވީންގެ އަސްލު ހުރިހާ މައުލޫމާތެއް ސިއްރުކޮށްގެންނެވެ.
ނާވިޝް އާއި ޒަވީން އެ މަރުކަޒަށް ޒިޔާރަތްކުރި ދުވަސްވަރު، އިންޑިއާ އަށް ދިޔަ ދިވެހި ޒުވާން އެތައް ފިރިހެނުންނަކަށް، ފުލުހުން ޝައްކުކުރަން ޖެހެ އެވެ. އެކަމަކު އެހުރިހާ އެންމެންގެ މައުލޫމާތު ސާފުކޮށްގެން އެކަން ފުލުހުން ކުރާނެ ގޮތެއް ފާތިރަކަށް ނުވިސްނެ އެވެ.
ދައުވަތު ދެމުން މައުސޫމް ބުނީ ބައްޕަގެ ނަމުގައި ފައުންޑޭޝަނެއް ހަދައި، އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ. އެހެންވެ އެކަމުގައި ފާތިރުގެ ލަފައެއް ބޭނުންކަމަށް އޭނާ ބުންޏެވެ. ފާތިރު އައިސް އެ އިނީ އެކަމަށެވެ. ނަމަވެސް މައުސޫމް މިހާރު ދައްކަމުން އެދަނީ އިބްރާހިމް ވަގަށް ނެގުމުގެ ފަހަތުގައި ތިބި ބަޔަކު ހޯދަން ކުރާ މަސައްކަތުގެ ވާހަކަ އެވެ. އެހާ އަވަހަށް ފާތިރަށް މައުސޫމް އިތުބާރުކުރަން ފެށީ އެވެ. ނުވަތަ ފާތިރު ކަހަލަ މީހެއް ކައިރީގައި، އެ ތަހުގީގުގެ ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫންކަން ވިސްނެނީ އެވެ.
"ކިތައްމެ މޮޅަށް ރޭވިޔަސް ބެދޭ މަޅިއެއް ނުފެންނާނޭ ދޯ މުސްކުޅިން ބުނަނީ،" ފާތިރަށް ދެން އިވުނީ މައުސޫމް އެހެން ބުނި އަޑެވެ.
ފާތިރު އިނީ އޭނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޭނާގެ އެ ބެލުމާއި، އޭނާގެ ސިކުނޑި އަށް އަރަމުން ދިޔަ މަންޒަރުތަކާ ގުޅުމެއް ނެތެވެ. އޭނާގެ މޫނުމަތީގެ އަސަރުތަކަށް ބަދަލެއް ވެސް ނާދެ އެވެ. މައުސޫމް ދައްކާ ވާހަކަ ހަމައެކަނި އަޑުއަހަން އިން މީހެއް ފަދަ އެވެ.
"އެއީ ހަމަ ރަނގަޅު ވާހަކައެއް،" ކޮފީ ތަށި ނަގަމުން މައުސޫމްއާ ފާތިރު އެއްބަސްވި އެވެ.
"ފުލުހުންގެ އެންމެ މޮޅު އެއް އޮފިސަރު އަހަރެން ގާތު ބުނި، ހަމަޖެހިލައިގެން ހުންނާށޭ، އެ ބަޔަކު ހޯދާފައި ނޫނީ އޭނާގެ މަސައްކަތް ހުއްޓައެއް ނުލާނަމޭ. ކަން ދިމާކުރި ގޮތުން އެއީ އަހަރެންގެ ގާތް އެކުވެރިއެއް،" މައުސޫމް ބުންޏެވެ.
އެ ބުނީ އެހާ ރަނގަޅު ވާހަކައެއް ނޫނެވެ. ފުންކޮށް ވިސްނާލަން ޖެހޭ ކަމެކެވެ. އެއީ ކޮން ފުލުހެއް ހެއްޔެވެ؟
"އެބުނާ ޔާސިރެއް ހޯދީ ވެސް އޭނާ. ހުޅުމާލެއިން މަރުވެފައި އޮތް އަންހެންމީހާގެ މައްސަލަ އާއި ޔާސިރުގެ މައްސަލައާ ގުޅުވީ ވެސް އޭނާ. އެހެންވެ އަހަންނަށް ވެސް މިހާރު ޔަގީންވަނީ ބައްޕަ ވަގަށް ނެގި ބަޔަކާ ހަމައަށް ފުލުހުން ދާނޭ،" މައުސޫމް، ވަރަށް ސާފުކޮށް ކިޔައިދިނެވެ.
މަޑުމަޑުން ފާތިރުގެ ވިސްނުން އެހެން ދިމަދިމާއަށް ދާން ފެށި އެވެ. ތަހުގީގުގެ ހުރިހާ ވާހަކައަކާއި ދެން ކުރަން ހުރި ކަންކަން ދުވަހުން ދުވަހަށް އެ ފުލުހަކު އެދަނީ މައުސޫމަށް ކިޔައިދެމުންނެވެ. އަދި މައުސޫމްގެ ލަފާ ވެސް ހޯދަމުންނެވެ. އެހެންކަމުން ފުލުހުން، އިބްރާހިމްގެ މައްސަލަ ބަލަމުން އެދަނީ ވަރަށް ސީރިއަސް މޫޑެއްގައި ތިބެގެންނެވެ. އިބްރާހިމް ކުރި ނުބައި ކަންކަމުގެ ސަބަބުން އެ ތަހުގީގަށް ބަލިކަށިކަމެއް ނާދެ އެވެ. ނުވަތަ މައުސޫމްގެ އެ އެކުވެރި ފުލުސް، އެކަން ދޫކޮށްލަން ބޭނުންނުވަނީ އެވެ.
"ބައްޕަ އަށް ހެދި ގޮތް ސަރުކާރުގެ ވެރިޔަކަށް ވެސް ހަދާފަނެ. އެހެން މުއްސަންޖަކު ވެސް ވަގަށް ނަގާފާނެ. ފުލުހުން ގަބޫލުކުރަނީ އެއީ ސީދާ ސިލްސިލާ ކަމެއްގެ ގޮތުގައި. އެކަން ނުހޯދައިފި ނަމަ މާ ބޮޑެތި މައްސަލަތައް ދިމާވާނެ ކަމަށް ބަލަނީ. އެއީ ތެދެއްނު؟" މައުސޫމް އެންމެ ފަހުން އެ ދޫކޮށްލީ ސުވާލެކެވެ. ފާތިރު އިނީ ތައްޔާރުވެގެންނެވެ. ސުވާލެއް ކޮށްފިއްޔާ އޭނާ ޖަވާބު ދޭނެ އެވެ.
"ފުލުހުން އެ ވިސްނަނީ ހަމަ ރަނގަޅަށް. އުޅެދާނެ އެކަހަލަ ބަޔަކު ވެސް. ފުލުހުން ޖެހޭނެ އެކަން ކޮޅެއްގައި ޖައްސަން،" ފާތިރު، އެއްވެސް ޖެހިލުމެއް ނެތި، ބުންޏެވެ.
"އަހަންނަށް ޔަގީން އިހުސާން އެ ތަހުގީގުގައި އިސްކޮށް ހުރެއްޖެއްޔާ އެކަން ކުރާނެކަން،" އެންމެ ފަހުން މައުސޫމް، ފުލުހުންގެ ރަހުމަތްތެރިޔާގެ ނަން ވެސް ބުނީ އެވެ.
އެއީ އާ ނަމެއް ނޫނެވެ. އެއީ ނުދަންނަ ފުލުހެއް ވެސް ނޫނެވެ. ފާތިރުގެ ޓީމުން އެންމެ ޖެހިލުންވާ ފުލުހަކީ ވެސް އެ އެވެ. ނާވިޝް އާއި އިހުސާނަކީ އެއް ބެޗެކެވެ. ހުރިހާ ކޯހެއް ހެދީ އެކުއެކީގަ އެވެ. މަސައްކަތްކުރަމުން ދިޔައީ ވެސް އެއް ބައެއްގަ އެވެ. އެ ދެ މީހުން އެކުވެގެން ކުރި ބޮޑެތި އެތައް ތަހުގީގެއް ކާމިޔާބެވެ. އޭގެ ތެރޭގައި މަރުގެ އެތައް މައްސަލައެއް ވެސް ހިމެނެ އެވެ.
އިހުސާނާއި މައުސޫމަކީ ގާތް ދެ ރަހުމަތްތެރިން ނަމަ، ފުލުހުންގެ އެ ތަހުގީގު މިހާރު ކުރިއަށް އެދަނީ ހަމައެކަނި ރަސްމީ ހައިސިއްޔަތެއް އޮވެގެންނެއް ނޫނެވެ. އޭގެ އިތުރުން އޭގައި ގާތް ރަހުމަތްތެރިޔަކަށް ލިބުނު ހިތާމައަށް ލުޔެއް ހޯދައިދިނުމުގެ މާތް މަގުސަދު ވެސް އޮންނާނެ އެވެ. އެއީ ފާތިރުމެންނަށް އޮތް ނުރައްކަލެއްކަން މިހާރު އެބަ އެނގެ އެވެ. ޒާތީ ގޮތުން ބޮޑު ޝައުގުވެރިކަމެއް، ތަހުގީގަކަށް ލައިފި ނަމަ، ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ވުރެ އެކަން އޮންނާނީ މާ މުހިންމުވެފަ އެވެ. ނުބަލާ އެންމެ ތަންކޮޅެއް ވެސް ދުލެއް ނުކުރާނެ އެވެ.
މައުސޫމްގެ ވާހަކަތަކުން ފާތިރަށް އުނދަގޫވާން ފެށި އެވެ. އިހުސާނަކީ އާދައިގެ ފުލުހެއް ނޫންކަން ރަނގަޅަށް އެނގެ އެވެ. އޭނާ އަށް ލިބިފައި އޮތީ މުޅިން ތަފާތު ސިކުނޑިއެކެވެ. ކުށްވެރިންގެ ހުރިހާ އާދައެއް އޭނާ ދަނެ އެވެ. އެހެން މީހުން ހީނުކުރާ ކޮޅުތައް އޭނާ ހޯދަ އެވެ. އެހެންކަމުން ފާތިރަށް ވުރެ މައުސޫމްގެ ބާރު މިހާރު ކުޑައެއް ނޫނެވެ.
ފުރަތަމަ ފަހަރަށް ފާތިރު ކުޑަކޮށް ހާސްވާން ފެށި އެވެ.
"މިހާ ކުޑަ ގައުމެއްގައި އެކަހަލަ ކަމެއް ހޯދަކަށް މާ އުނދަގުލެއް ނުވާނެ. ކީކޭ ފާތިރު ބުނަނީ؟"، އެ ސުވާލު މައުސޫމް ކުރީ، ވަރަށް ފުންކޮށް، ފަތިރާ ދިމާއަށް ބަލަހައްޓައިގެން އިނދެގެންނެވެ.
"އާ ހަމަ ރަނގަޅު ވާހަކައެއް ތިބުނީ،" ސިކުނޑީގައި އުފެދި އަރަމުން ދިޔަ ތަފާތު ހިޔާލުތަކުން ސަލާމަތްވެވޭތޯ މަސައްކަތްކުރަމުން ފާތިރު އެއްބަސްވި އެވެ.
"އެކަން ކުރި ބަޔަކަށް އެއް ކަމެއް އޮތީ ނޭނގި،" ކޮފީ ތަށީގައި ތުން ޖެހުމުގެ ކުރިން، މައުސޫމް ބުންޏެވެ. އޭރު ވެސް އޭނާ އިނީ ފާތިރަށް، އެ ތޫނު ނަޒަރު ހުއްޓާލައިގެންނެވެ. ފާތިރު ވެސް ހަމަ އެގޮތަށް ބަލަމުން ދިޔަ އެވެ. ކޮފީ ފޮދެއް ބޯލާފައި، މައުސޫމް އޭނާގެ ހުސް ޖޯޑު ބެހެއްޓި އެވެ.
"އެމީހުންނަށް ވިސްނިފައެއް ނެތް، ބައްޕަގެ ހުރި ކަމެއް ގޮތްދޫނުކުރާނެ ދަރިއެއް. ބައްޕަ ދެކެ އެދަރި ކިހާ ލޯތްބެއް ވާކަން. އަހަރެންގެ އާއިލާގައި އެންމެ ލާރިއެއް އޮތަސް އެ ލާރި ހޭދަކޮށްގެން ނަމަވެސް އެ ބަޔަކު ހޯދާފައި ނޫނީ މަސައްކަތެއް ހުއްޓައެއް ނުލާނަން. އަހަރެން އިހުސާން ކައިރީ ބުނެފިން ކިތައްމެ ބޮޑު އަގެއް ދީގެން ނަމަވެސް އިންޑިއާ އިން ވެސް ހޯދާށޭ އެހީވާނެ ބަޔަކު. އެ އަންހެން ކުއްޖާ ހުރި މަރުޒަކަށް ދެ ދިވެއްސަކު ދިޔަކަން ހަމަ ކަށަވަރު. ސަންޖޭ އެ އޮތީ ބުނެފަތާ ބެންގަލޫރުން އޭނާ ފައިސާ ދިން މީހާގެ ނަން. މިކަން ކޮޅެއްގައި ޖައްސާފައި ނޫނީ ހުއްޓާލުމެއް ނެތް. އެބަޔަކު މިހާރު ތިބޭނީ ބިރުން،" މައުސޫމް އެހެން ބުނެފައި އޭނާގެ ހުސްވެފައި ހުރި ޖޯޑަށް އަލުން ކޮފީ އަޅަން ފެށި އެވެ.
ފާތިރުގެ ކޮފީ ތަށި ވެސް ހުރީ ހުސްވެފަ އެވެ. މައުސޫމަށް އެކަން އެނގުނެވެ. އޭނާ ފާތިރާ ދިމާއަށް ބަލައިލި އެވެ.
"ކޮބާ އަދި އަޅަންތަ؟" މައުސޫމް އަހާލި އެވެ.
"ހަމަ ރަނގަޅުވާނެ. ކޮފީ ވަރަށް މީރު،" ފާތިރު، ހިނިތުންވެފައި ބުންޏެވެ.
މައުސޫމް މަޑުމަޑުން އޭނާގެ ތައްޓަށް ކޮފީ އަޅައިދިނެވެ. ބައްޕަގެ އަސްލު ގާތިލަށް މެހެމާންދާރީ އަދާކޮށްދެމުން އެދަނީ އޭނާގެ ވިސްނުމުގައި ޝައްކުގެ ކުޑަ ވެސް ނިރެއް ނެތި އެވެ. އެއީ ފާތިރަށް އޮތް ރަނގަޅެކެވެ. އޭނާ ކުރަން ޖެހޭ މަސައްކަތަށް މައުސޫމްގެ އެހީތެރިކަން ހޯދިދާނެ އެވެ. އެހެންކަމުން މި ބައްދަލުވުމަކީ ނަސީބެކެވެ. ދަލޭކަދައިތަގެ ވިސްނުން ހަމަ ބަރާބަރެވެ. މައުސޫމްއާ ބައްދަލުކުރަން ދަލޭކަދައިތަ އެ ބުނީ ސަބަބެއް އޮވެގެންނެވެ.
ފާތިރުގެ ކުރިމަތީގައި މިހާރު އޮތީ ހަމައެކަނި މައުސޫމްގެ ވާހަކަތައް އަޑުއެހުމެއް ނޫނެވެ. އޭނާގެ އަމިއްލަ ދިފާއު ވެސް ރާވަން އެބަ ޖެހެ އެވެ. އިހުސާންގެ ތަހުގީގު ނުރައްކާވާނެ ކަމާ މެދު ޝައްކެއް ނެތެވެ. އިހުސާން ކުރާ ހުރިހާ ކަމެއްގެ މައުލޫމާތު، ފުލުހުންގެ ތެރެއިން ފާތިރުމެންނަށް ލިބުން ދުރެވެ. އެއަށް ވުރެ ބޮޑަށް ފުލުހުންގެ އެތެރޭގެ ބަލިކަށިކަން އިހުސާނަށް އެނގޭނެ އެވެ. އެހެންކަމުން އޭނާގެ ތަހުގީގުގެ ބައެއް ކަންކަން އެހެން މީހުންނަށް ވަރަށް ބޮޑަށް ސިއްރުކުރެ އެވެ. ވަކި ނަތީޖާއެއް ނެރެވެންދެން އެކަނިމާއެކަނި ވިސްނާ، ފިކުރުކުރާ ކޮޅުތައް އޭނާ ގެންގުޅެ އެވެ.
އިބްރާހިމްގެ މަރުން ފާތިރަށް ކުރިމަތިވާން އެ އުޅެނީ ނުރައްކަލެކެވެ. އޭނާ ފުރަތަމަ ފަހަރަށް އެ މަގުން ވިސްނާލި އެވެ. އެކަމަކު އެއީ އޭނާ އޭރު ހީކުރި ގޮތެއް ނޫނެވެ.
ދަލޭކަދައިތަ ބުނީ ތެދެކެވެ. އޭނާގެ ފަހަތުން މިހާރު އެ އަންނަނީ މައުސޫމެވެ. ދެ އާއިލާގެ މެދުގައި ހަނގުރާމަ އެ އޮތީ ފެށިފަ އެވެ. ކުރިމަތީގައި އެ އިނީ އޭނާ ހޯދަން ބޭނުން ކުށްވެރިޔާކަން މައުސޫމަށް އަދި ނޭނގިދާނެ އެވެ. އެކަމަކު މިހާރު ކަންތައް ދާ ގޮތުން އެ ސިއްރާ ހަމައަށް ކޮންމެ ވަގުތަކު ވެސް އިހުސާން ދަތުރުކޮށްފާނެ އެވެ.
އާ ކޮފީ ތަށީގައި ފާތިރު އަތް ޖައްސާލި އެވެ. ދެން އޭނާ ބަލައިލި އެވެ. މައުސޫމް އިނީ އޭނާގެ ފުން ނަޒަރު ފާތިރާ ދިމާއަށް ހުއްޓާލައިގެންނެވެ. (ތިން ވަނަ ބައި، ސެޕްޓެމްބަރު 1 ގައި)