18 މާޗް 2019 - 12:22

ދައުލަތުގެ ކުންފުނިތަކުގެ ސީއެސްއާރު ބަޖެޓުން އިމާރާތްތައް ހެދުމާއި އޮފީސްތައް ޒީނަތްތެރިކުރުމުގެ ބަދަލުގައި މުޖުތަމައުގެ ފައިދާއަށް ހިދުމަތް ކުރާ ޖަމިއްޔާތަކަށް ދޭން ހޯމް މިނިސްޓްރީން އެދެފި އެވެ.

މަދަނީ ޖަމިއްޔާތަކަށް މިހާރު ކުރިއަށް ގެންދާ "ހަވަލި" ފެއާއަށް ވިޔަފާރިތަކާއި ކުންފުނިތަކުގެ ވެރިން އިއްޔެ ޒިޔާރަތް ކުރެއްވުމުން އެ ބޭފުޅުންނާ ބައްދަލު ކުރައްވައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ކުންފުނިތަކުގެ ސީއެސްއާރު ބަޖެޓުން ގިނަ އޮފީސްތަކެއް އާދަޔާ ހިލާފަށް ޒީނަތްތެރި ކުރާކަން ފާހަގަކުރެވޭ ކަމަށެވެ. އެކަން ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީކީ އެއްގޮތަކަށް ވެސް އޮފީހެއް އާދަޔާހިލާފަށް ރީތިކުރުމަށް ހިންގެން ޖެހޭ ފައިސާއެއް ނޫން. އަޅުގަނޑުމެން ދެކެން ބޭނުންވާ މަންޒަރެއް ނޫން މިވެރިކަމުގައި ސަރުކާރު ހިއްސާވާ ކުންފުންޏަކުން ސީއެސްއާރުގެ ނަމުގައި ވަކި ރަށެއްގައި ވަކި ހާއްސަ ބޭފުޅަކަށް އިމާރާތެއް އެޅުމަކީ. ވަކި އޮފީހެއްގައި ރީތި ސޯފާ ސެޓެއް ބެހެއްޓުމަކީ،" ޖަމިއްޔާތަކުގެ ރަޖިސްޓްރާކަން ވެސް ކުރައްވާ ނަޒީރު ވިދާޅުވި އެވެ.
މުޖުތަމައުގެ ފައިދާއަށް މަސައްކަތް ކުރާ ގިނަ ޖަމިއްޔާ ޖަމާއަތްތަކެއް ރާއްޖޭގައި ހިންގަމުން އަންނައިރު އެތަންތަނަށް އެ ބަޖެޓު ދިނުން މާ މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުޑަ ތުއްތު ކުދިންގެ ހިތުގެ މައްސަލަތަކަށް ފަރުވާނުކުރެވިފައި ތިބި މީހުން އެބަ ތިބި. ކުޑަކުދިންގެ ކިޑްނީ ބަދަލުނުކުރެވިފައި ތިބި މީހުން އެބަ ތިބި. ޒުވާނުން އެބަތިބި ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތައް ނުހިންގިފައި ތިބި ޒުވާނުން، އެކަންކަމަށް ހަރަދުކުރެވެން ޖެހޭ ފައިސާ އެއީ،" ނަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރެވިއްޖެ ނަމަ މުޅި ރާއްޖޭގައި އޮންނާނީ ނެޓްވޯކަކުން ގުޅިފަ އެވެ.
މަދަނީ ޖަމިއްޔާތަކުގެ ދައުރު ބޮޑުކޮށް ފުރުސަތުތައް ދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ. ކުރިއަށް އޮތް ތަނުގައި ޖަމިއްޔާތައް ބާރުވެރިކޮށްގެން މަސައްކަތް ކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.