ޝާހްރުކް ހާން ދެން ފެންނާނީ ވެބް ސީރީޒަކުން؟
ޝާހްރުކް ހާން ދެން ފެންނާނީ ވެބް ސީރީޒަކުން؟

ޝާހްރުކް ހާން މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއް ފްލޮޕްވެފައިވާ އިރު، އޭނާ ކެރިއަރު މިހާރު އޮތީ ސުވާލެއްގެ ތެރޭގަ އެވެ. މިދިޔަ އަހަރު ރިލީޒްކޮށް، ހަރަދު ވެސް ފޫބެއްދޭ ވަރު ނުވި ބޮޑު ބަޖެޓް ފިލްމު "ޒީރޯ" ސުމަކުން ދިއުމުން އޭނާ ދެން ކުޅޭނެ ފިލްމެއް ވެސް މި ވަގުތު އަތަކު ނެތެވެ.

ސޮއިކުރި ހަމައެކަނި ފިލްމު "ސާރޭ ޖަހާ ސެ އައްޗާ" ވެސް ތާކުންތާކު ނުޖެހި ދިއުމުން ޝާހްރުކް ވަނީ އެ ފިލްމު ވެސް ދޫކޮށްލައިފަ އެވެ. އަނެއްކޮޅުން އޭނާގެ ކާމިޔާބު ފްރެންޗައިޒް "ޑޮން" ގެ ތިން ވަނަ ބައިގެ މަސައްކަތް ފެށިދާނެ ކަމުގެ އުންމީދުގައި ހުއްޓަސް، އެ ސީރީޒްގެ ޑައިރެކްޓަރު ފަރްހާން އަހްތަރާއި ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީގެ ވާހަކަތަކަށް ބަލާއިރު "ޑޮން 3" ގެ މަސައްކަތް ކައިރި މުސްތަގުބަލެއްގައި ފެށޭނެ ކަމަކަށް ނުބެލެވެ އެވެ.

އެހެންވެ ޝާހްރުކް، 53، މިހާރު ހުރީ ހަދާނެ ގޮތެއް ނޭނގި ހަތަރުއޮނގޮޅިއެއްގައޭ ބުނެވިދާނެ އެވެ. ފޭނުން މާޔޫސްކޮށް ވިޔަ ނުދޭން އޭނާ ކޮންމެވެސް ކަމެއް ކުރަންޖެހޭތީ މިހާރު ވެބް ސީރީޒަކަށް ދާން ނިންމާފައިވާ ކަމަށްވެ އެވެ.

ފިލްމުފެއާ އިން ބުނެފައިވާ ގޮތުގައި ނެޓްފްލިކްސްއާ ގުޅިގެން މިހާރު ވެސް "ބާޑް އޮފް ބްލަޑް" ގެ ނަމުގައި ވެބް ސީރީޒެއް ޕްރޮޑިއުސް ކުރަމުން އަންނަ އެކްޓަރު، ވަނީ އެ ސްޓްރީމީން ސާވިސް އަށް ސީރީޒެއް ކުޅެދޭން ނިންމައިފަ އެވެ. އެއާ ބެހޭ ތަފުސީލެއް އަދި ނުލިބުނަސް މި ވެބް ސީރީޒަކީ ތުރިލާއެއް ކަމަށްވެ އެވެ.

ފިލްމުފެއާ އިން ބުނި ގޮތުގައި ޝާހްރުކްގެ އަލަތު ވެބް ސީރީޒް މާ ލަސްތަކެއް ނުވެ ރަސްމީކޮށް އިއުލާންކުރާނެ އެވެ.

ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝާހްރުކް ވަނީ އަމިއްލަ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ފިލްމެއް ވެސް ހަދަން ނިންމައިފަ އެވެ. އޭނާ ޕްރޮޑިއުސް ކުރާ ފުރަތަމަ ވެބް ސީރީޒް "ބާޑް އޮފް ބްލަޑް" އަކީ އިމްރާން ހާޝިމީ ލީޑް ރޯލް ކުޅޭ އެއްޗެކެވެ.