18 މާޗް 2019 - 11:32

މާލޭގެ ދެ މަގެއް ފިޔަވައި ހުރިހާ މަގެއްގައި ތާރު އަޅަން ހަމަޖެހިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، ހުރިހާ މަގެއް ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަން ކުރާނީ މަގުތަކުގައި ތާރު އަޅައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި މިހާރު ތާރު އަޅާފައިވަނީ ބޮޑުތަކުރުފާނު މަގާއި އިންޑަސްޓްރިއަލް ވިލެޖަށް ދާން އޮންނަ އިއްޒުއްދީން މަގުގަ އެވެ. މާލޭގެ ހުރިހާ މަގުތަކެއްގައިހެން ތާރު އަޅަން ނިންމި އިރު، ތާރު ނާޅާނެ ދެ މަގެއް ޝަމާއު ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އާއި މަގުތަކުގައި ހުރި އެހެން މައްސަލަތައް ދެނެގަތުމަށް ކަމާ ގުޅޭ ބޭރުގެ ކޮންސަލްޓަންޓެއް މި މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ. މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ އޭނާގެ ލަފާގެ މަތިންނެވެ.
މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން، މާލޭގެ މަގުތަކުގައި އަޅާފައި ހުރި ޑީވޯޓަރިން ހޮޅިތައް ނަގަން ފަށާފައިވާ ކަމަށް ޝަމާއު ވިދާޅުވި އެވެ.
އިމާރާތް ކުރާ ތަންތަނުން ބޭރުކުރާ ފެން ދައުރުކުރުމަށް އަޅާފައި ހުންނަ އެ ހޮޅިތައް މާލޭގައި ވަރަށް ގިނަ އެވެ. އަދި އޭގެ ސަބަބުން ގިނަ ބަޔަކަށް ތަކުލީފްތަކެއް ކުރިމަތި ވެ އެވެ.
ޝަމާއު ވިދާޅުވީ މަގުތަކުގައި އަޅާފައި ހުރި ހޮޅިތަކާ ބެހޭ މައުލޫމާތު ހޯދަމުން އަންނައިރު އޭގެ ތެރޭގައި އެއްގޮތަކަށް ވެސް ބޭނުން ނުކުރާ ހޮޅިތައް ހިމެނޭ ކަމަށެވެ. އަދި އެ ހޮޅިތަކާއި ނަން ނުޖަހައި، ގަވައިދާ ހިލާފަށް އަޅާފައި ހުރި ހޮޅިތައް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ނަގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް ވަރަށް ގިނަ ހޮޅިތަކެއް އަޅުގަނޑުމެން ވާނީ ނަގާފައި. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޮޅިތައް ވަރަށް ބޮޑަށް މަދުވެގެން ދާނެ،" ޝަމާއު ވިދާޅުވި އެވެ.
މާލޭގެ މަގުތައް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން މިހާރު ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަގުތަކުގައި ބަހައްޓާފައި ހުރި ޕެލެޓުތައް ނަގައި، ކޮންމެ ދުވާރެއް ކައިރީގައި ރޭމްޕް ހެދުމުގެ މަސައްކަތް އެތަނުން އަންނަނީ ކުރަމުންނެވެ.