އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓާ މެދު އުއްމީދު އާވެއްޖެ: ސާންތީ
އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓާ މެދު އުއްމީދު އާވެއްޖެ: ސާންތީ

ބ. އޭދަފުށީގައި ގާއިމްކުރި މަތީ ފަންތީގެ ޓާފް ދަނޑާ އެކު، އެފްއޭއެމުން ފަށާފައިވާ އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓް އެންމެ ރަނގަޅު ގޮތުގައި ކުރިއަށްގެންދިއުމަށް އުއްމީދު އާވެއްޖެކަމަށް އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ވިދާޅުވެއްޖެ އެވެ.

އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓާ މެދު އުއްމީދު އާވެއްޖެ: ސާންތީ
އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓާ މެދު އުއްމީދު އާވެއްޖެ: ސާންތީ

އޭދަފުށީގެ މަޝްހޫރު ވިޔަފާރިވެރިޔާ ކަމަށްވާ ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު އަހުމަދު ނަޒީރުގެ ހަރަދުގައި އޭދަފުށީގައި އެޅި ޓާފް ދަނޑަކީ ރާއްޖޭގައި އެޅި އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑެކެވެ. މި ދަނޑު އަޅާފައިވަނީ ފީފާ އިން ބަލާ މިންގަނޑަށް ފެެތޭ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ ކުންފުނިން އުފައްދާ ޓާފެވެ.

ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަ ކުޅުންތެރިންތަކެއް ނެރެދީފައިވާ އޭދަފުށީގައި މި ވަރުގެ ބޮޑު އިންވެސްޓެއް ކޮށްދިނީތީ އެފްއޭއެމްގެ މެނޭޖްމަންޓުގެ ނަމުގައި ނަޒީރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ސާންތީ ވަނީ ވިދާޅުވެފަ އެވެ.

"މިއީ އަތޮޅު ފުޓްބޯޅަ ޕްރޮގްރާމަށް ވެސް ލިބިގެންދިޔަ ކުރިއެެރުމެއް. އެއީ މި ކުދިންގެ ހުނަރު ރަނގަޅުވެފައި ރަނގަޅު ކޮންޑިޝަންގައި މި ކުދިން ކުޅެން ލިބުން އެންމެ މުހިއްމީ. އޭދަފުށީގެ ފުޓްބޯޅަ އާއި ރާއްޖޭގެ ފުޓްބޯޅަ ވެސް އެހެން ހަރުފަތަކަށް ގެންގޮސްދޭނެ މި ދަނޑު،" ސާންތީ ވިދާޅުވި އެވެ.

ރާއްޖޭގައި ފާއިތުވި އަހަރުތަކުގައި ގިނަ ޓާފް ދަނޑުތަކެއް އަޅައިފި އެވެ. ހެޔޮ އެދޭ ފަރާތްތަކުގެ އެހީ އާއި އެކި ރަށްތަކުގެ ޒުވާނުން އަމިއްލަ އަށް އެއްކުރި ޗަންދާގެ އެހީގަ އެވެ. އެފްއޭއެމުން ފީފާގެ އެހީގައި ރާއްޖޭގެ 18 ރަށެއްގައި ނެޗުރަލް ގްރާސް ދަނޑުތަކެއް އެޅުމުގެ ޕްރޮޖެކްޓެއް ފެށުމަށް މިދިޔަ އަހަރު އިއުލާނުކުރި ނަމަވެސް އެ މަސައްކަތް އެންމެ އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުދެ އެވެ.

ސާންތީ ވިދާޅުވީ އޭދަފުށީގައި އެޅި ފެންވަރުގެ ދަނޑެއް ނޭޅުނު ނަމަވެސް ކޮންމެ ރަށެއްގައި ވެސް ޓާފް ދަނޑެއް އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ވަކި ބަޔެއް ކުރާނެ ކަމަށް ދެކިގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"މި ނަމޫނާ އަކަށް ނަގަންވީ ކޮންމެ އަތޮޅެއްގައި ވެސް. ކޮންމެވެސް މި ކަހަލަ ވިޔަފާރި ވެރިއެއް ހުންނާނެ. މީކީ އެ ބޭފުޅުންނަށް (ވިޔަފާރިވެރިންނަށް) އެހާ ބޮޑު އިންވެސްޓްމެންޓެއް ނޫން. ކޮންމެ ޒޯނެއްގައި ސަރުކާރުން ނޫނީ ފުޓްބޯޅަ އެސޯސިއޭޝަނުން މިކަން ކޮންމެހެން ނުކުރިޔަސް އަމިއްލަ އަށް އިސްނަގައިގެން ކުރަންވީ. މީގެ ދަނޑުތަކެއް ރިޒޯޓްތަކުގެ އޯނަރުންގެ ފަރާތުން ވިޔަފާރިވެރިންގެ ފަރާތުން ފުޓްބޯޅަ އަށް ހެޔޮއެދޭ ފަރާތްތަކުން ދީފިނަމަ ފުޓްބޯޅަ އަށް ވަރަށް ފައިދާކުރާނެ،" ސާންތީ ވިދާޅުވި އެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހު ތެރޭގައި އެފްއޭއެމުން އިއުލާނުކުރި އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓަކީ އަތޮޅުތަކުގައި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމުގެ ގޮތުން އެފްއޭއެމުން ފީފާގެ އެހީގައި ފެށި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ތެރެއިން އަށް ސަރަހައްދެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތައް ގާއިމްކުރާއިރު، އޭދަފުށީގައި ވަނީ އެއް އޮފީސް ގާއިމްކޮށްފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެފްއޭއެމްގެ ޓީމަކާއި އޭދަފުށީ ޓީމެއް ބައްދަލުކުރި މެޗަކުން އޭދަފުށީގެ ޓާފް ދަނޑު ހުޅުވިއިރު، އެ މެޗު ފެށުމުގެ ކުރިން ވަނީ 13 އަހަރާއި 15 އަހަރާއި 18 އަހަރުން ދަށުގެ 90 ކުދިންނާ އެކު ރަސްމީކޮށް އެފްއޭއެމްގެ ޔޫތު ފުޓްބޯޅަ ޕްރޮގްރާމް ވެސް ފަށައިފަ އެވެ.

ފީފާއިން މޮނިޓާ ކުރާ މި އަތޮޅު ފުޓްބޯޅަ ޕްރޮގްރާމް ރަސްމީކޮށް ފެށިގެންދިޔައިރު، ސާންތީގެ ނަޒަރުގައި މީގެ ފައިދާ މުސްތަގުބަލުގައި ބޮޑުވާނީ ރަނގަޅު ދަނޑުތަކެއް އޮވެ އޭގެ ބޭނުން ފުރިހަމަ އަށް ކޮށްގެންނެވެ.

"އަޅުގަނޑުމެން ފުޓްބޯޅައިގެ ބޭސިކް ޕްރޮގްރާމް ކުދިންނަށް ދަސްކޮށްދޭއިރު ކޯޗުންނަށް ވެސް ވަރަށް ފަސޭހަ އެބަވޭ މި ފެންވަރުގެ ދަނޑެއް (ޓާފް ދަނޑެއް) އޮތީމަ. ދެން އެންމެ އަވަހަށް މަސައްކަތްކުރާނީ މުބާރާތެއް ބާއްވޭނެ ގޮތަކަށް. އެއީ ހަމައެކަނި ޕްރެކްޓިސް ކޮށްގެން މި ކަންތައް ފަރަކު ނުޖެއްސޭނެ،" ސާންތީ ވިދާޅުވި އެވެ.

މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ސާންތީ "މިހާރަ"ށް ވިދާޅުވީ އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓް ކާމިޔާބު އެއްޗަކަށް ހެދުމަށް ފުޓްބޯޅަ އަށް ލޯބިކުރާ ހުރިހާ ފަރާތްތަކުން ވެސް އޭގެ ތެރޭގައި ވީ ވަރަކުން ޝާމިލުވެ، ފުޓްބޯޅައިގެ އާ ޖީލުތަކެއް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭ ކަމަށެވެ.