ޝާހިދު ކަޕޫރް ބޮލީވުޑަށް ތައާރަފުވި ފިލްމު "އިޝްގް ވިޝްގް" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި
ޝާހިދު ކަޕޫރް ބޮލީވުޑަށް ތައާރަފުވި ފިލްމު "އިޝްގް ވިޝްގް" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި

ޝާހިދު ކަޕޫރް ބޮލީވުޑަށް ތައާރަފުވި 2003 ގެ ފިލްމު "އިޝްގް ވިޝްގް" ގެ ދެވަނަ ބައެއް ހަދަން ނިންމައި، އޭގެ ސްކްރިޕްޓް ލިޔަމުން އަންނަ ކަމަށް ޕްރޮޑިއުސަރު ރަތޭޝް ތައުރާނީ ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އަށް އޭނާ ބުނީ ކޮލެޖް ޒުވާނުންތަކެއްގެ ތިނެސްކަން ލޯބީގެ ވާހަކައެއް ކިޔައިދިން ފިލްމުގެ ސީކްއެލްއެއް ހަދާއިރު، މި ފަހަރު ވެސް ވާހަކައިގެ ފޯކަސް އޮތީ އެކަހަލަ ވާހަކައެއްގެ މައްޗަށް ކަމަށެވެ.

ސްކްރިޕްޓް ލިޔަމުންދާ ކަމަށް ބުނި ނަމަވެސް "އިޝްގް ވިޝްގް" ގެ ދެވަނަ ބައި ލިޔަނީ ކާކު ކަމެއް ރަމޭޝް ހާމައެއް ނުކުރެ އެވެ.

ކެން ގޯޝްގެ ވާހަކައަކަށް ބިނާކޮށް އަދި އޭނާ ޑައިރެކްޓް ކުރި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ވިނޯދު ރަންގްނާތެނެވެ.

ރަމޭޝް ބުނީ "އިޝްގް ވިޝްގް" ގެ ކާސްޓުން ފެނުމުގެ ފުރުސަތު ބޮޑީ ވެސް އާ ތަރިންތަކެއް ކަމަށާއި ކާސްޓް ފައިނަލްކުރާނީ ސްކްރިޕްޓް އެއްކޮށް ނިމުމުން ކަމަށެވެ. ނަމަވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސީކްއެލްއެއްގެ ބަތަލުގެ ރޯލް ވަނީ ރަމޭޝް އަށް ބޮޑުބޭބެ ކިޔާ ގިރިޝް ކުމާރު ތައުރާނީ އަށް ހުށަހަޅައިފަ އެވެ.

އެކަމަކު ރަމޭޝް ވަނީ އެކަން ދޮގުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ފިލްމުން ގިރިޝް ފެނިދާނެތޯ ނޫންތޯ އެނގޭނީ ސްކްރިޕްޓަށް ފަހު ކަމަށެވެ.

"ފިލްމަށް ޑައިރެކްޓަރަކު ވެސް ހަމަޖައްސާނީ ސްކްރިޕްޓް ނިމުނީމަ،" މިދިޔަ އަހަރު "ރޭސް 3" ގެނެސް ދިން ޕްރޮޑިއުސަރު ބުންޏެވެ.

ގިރިޝް، 30، އަކީ 2013 ގައި ޕްރަބޫދޭވާ ޑައިރެކްޓް ކުރި "ރަމަޔާ ވަސްތާވަޔާ" އިން ބޮލީވުޑަށް ނުކުތް އެކްޓަރެކެވެ. އެކަމަކު އޭނާއަކީ ކުޅޭނެ ފިލްމެއް ނުލިބި މިހާރު އެއްކޮށްހެން ގެއްލިފައިވާ އެކްޓަރެކެވެ. ދެހާސް ފަނަރައިގައި ކައިވެނިކޮށްފައިވާ ގިރިޝް އެންމެ ފަހުން ކުޅުނު ފިލްމަކީ 2016 ގެ "ލަވްޝުދާ" އެވެ.

ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި "އިޝްގް ވިޝްގް" ގައި ޝާހިދާ އެކު ބަތަލާއިންގެ ރޯލް ކުޅުނީ މިހާރު ހާލަކުން ފަހަރަކު ފިލްމުތަކުން ފެންނަ އަމްރިތާ ރާއޯ އާއި ޝެނާޒް ޓްރެޝަރީ އެވެ.