ލިވަޕޫލް އެއް ވަނަ އަށް، ޗެލްސީ އަށް ފައިދާ ނުނެގުނު
ލިވަޕޫލް އެއް ވަނަ އަށް، ޗެލްސީ އަށް ފައިދާ ނުނެގުނު

ލަންޑަން (މާޗް 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ފުލަމް އަތުން 2-1 އިން މޮޅުވެ ލިވަޕޫލް ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، ރަށުންބޭރުގައި އެވަޓަން އަތުން 2-0 އިން ބަލިވެ ގަދަ ހަތަރެއްގެ ރޭހުގައި ފައިދާ ނަގަން ލިބުނު ފުރުސަތު ޗެލްސީން ނަގާލައިފި އެވެ.

ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 31 މެޗުން 76 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 30 މެޗުން ލިބިފައިވަނީ 74 ޕޮއިންޓެވެ. ތިން ވަަނައިގައި ޓޮޓެންހަމް ހޮޓްސްޕާސް އޮތީ 30 މެޗުން 61 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް އާސެނަލަށް 30 މެޗުން 60 ޕޮއިންޓް ލިބުނުއިރު، ފަސް ވަނައިގައި ޔުނައިޓެޑް އޮތީ 30 މެޗުން 58 ޕޮއިންޓް ހަމަކޮށްގެންނެވެ.

ރޭގެ މެޗުން މޮޅުވެގެން ޗެލްސީ އަށް ތިން ވަނައިގައި އޮތް ޓޮޓެންހަމާ ޕޮއިންޓުގެ ގޮތުން ގާތްކޮށް ހަތަރަކަށް އަރަން ފުރުސަތު އޮތެވެ. އެކަމަކު ޗެލްސީ ބަލިވުމުން އެ ޓީމު އޮތީ ހަ ވަނައިގައި 30 މެޗުން 57 ޕޮއިންޓާ އެކު އެވެ.

ލީގުގައި މި ހަފްތާގައި ސިޓީ އަށް މެޗެއް ނެތީ އެފްއޭ ކަޕްގައި އެ ޓީމު ކުޅޭތީ އެވެ. އިތުރަށް އެއް މެޗު ކުޅެގެން ލިވަޕޫލަށް އެއް ވަނަ އަށް އެރުމުގެ ފުރުސަތު ލިބިފައި އޮތުމުން ރޭ އެ ޓީމު މެޗަށް ނުކުތީ ކޮންމެ ގޮތެއް ވިޔަސް މޮޅުވުން މަޖުބޫރު މެޗެއްގެ ގޮތުގައި ދެކިގެންނެވެ.

ފުލަމްގެ ކްރޭވަން ކޮޓޭޖުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް ލީޑުނަގައިދިނީ މި ވަގުތު ތަފާތު ފޯމެއްގައި ހުރި ސަޑިއޯ މާނޭ އެވެ. މި ލަނޑާ އެކު މާނޭ ވަނީ މި ފަހަރުގެ ލީގުގައި 17 ލަނޑު ހަމަކޮށްފަ އެވެ. މިއީ ސެނެގާލަށް އުފަން ކުޅުންތެރިއަކު ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ފަހަރެވެ.

ދެ ވަނަ ލަނޑެއް ޖަހަން ލިވަޕޫލުން ކުރަމުން އައި މަސައްކަތް ކާމިޔާބު ނުވެ އޮއްވައި ފުލަމް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 74 ވަނަ މިނިޓްގައި ފުލަމްގެ މި ލަނޑު ޖެހީ ކުރިން ލިވަޕޫލަށް ކުޅުނު ރަޔާން ބަބެލް އެވެ. މި ލަނޑަކީ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކާއި ގޯލްކީޕަރު އެލިސަން ބެކާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބަބެލް ޖެހި ގޯލެކެވެ.

ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖެހީ ޕެނަލްޓީ އަކުން މެޗުގެ 81 ވަނަ މިނިޓްގައި ޖޭމްސް މިލްނާ އެވެ. މިއީ ފުލަމްގެ ގޯލްކީޕަރު ސާޖިއޯ ރިކޯ ލިވަޕޫލްގެ މާނޭ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އެވަޓަން އިން ޗެލްސީ ކޮޅަށް ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ބްރެޒިލްގެ ފޯވާޑް ރިޗާލިސަން އާއި އައިސްލެންޑްގެ ހުނަރުވެރި މިޑްފީލްޑަރު ގިލްފީ ސިގަޑްސަން އެވެ.

ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިނަމަ މިއީ ޗެލްސީ އަށް ފަސޭހައިން މޮޅުވެވޭނެ މެޗެއް ކަަމަށާއި އެކަމަކު މަންޒަރު އެއްކޮށް ބަދަލުވެގެންދިޔައީ އޭނާގެ ޓީމަށް އަމިއްލަ އަށް ހެދިގެންދިޔަ ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.