17 މާޗް 2019 - 23:27

އުރީން ނިރު އެކްސެލެރޭޓާ ޕްރޮގްރާމުގެ ތެރެއިން ބައިވެރިވި ތިން ކުންފުނީގެ ޑެމޯ ދައްކާލައިފި އެވެ.

އުރީދޫން ތައާރަފްކޮށްފައިވާ ނިރު އެކްސެލޭޝަން ޕްރޮގްރާމުގެ ތެރެއިން ހަތަރު ކުންފުންޏަކަށް އިންކިއުބޭޓާ އުސޫލުން ކުރިއަށް ގެންދަން ފުރުސަތު ލިބުނެވެ. އޭގެ ތެރެއިން ތިން ކުންފުންޏަކުން ޑެމޯ ދައްކާލާފައިވާ އިރު
އެތިން ކުންފުންޏަށް ވެސް ކުރިއަށް ދިޔުމަށް ފައިސާގެ އެހީ ދިނުމަށް އުރީދޫން ވަނީ ނިންމާފަ އެވެ.
ޑެމޯ ދައްކާލި ކުންފުނިތަކަކީ އައިޑިއަނައިޒް އާއި ބީޓުބީ އާއި ކުންބު އަށެވެ. އައިޑިއަނައިޒް އަކީ، ބޭނުންވާ މައުލޫމާތުތައް ފަސޭހަކަމާ އެކު ފޯރުކޮށްދޭ ގޮތަށް ކުންފުނިތަކުގެ ކަސްޓަމަރުންނަށް ޕާސަނަލައިޒު ހިދުމަތްދޭ ކުންފުންޏެކެވެ. މިސާލަކަށް އެއާޕޯޓުގެ ދަތުރުތަކާ ގުޅޭ މައުލޫމާތުތައް ފަސޭހަކަމާ އެކު ޑިޖިޓަލް ޕްލެޓްފޯމެއްގެ ޒަރިއްޔާއިން ލިބިގެންދާނެ އެވެ.
ބީޓުބީ އަކީ ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ ތަކެތި ފަސޭހަކާ އެކު ހޯދޭނެ ގޮތަށް ތައްޔާރުކޮށްފައިވާ އޮންލައިން ނިޒާމެކެވެ. އެގޮތުން ރަށްރަށުން މުދާ ހޯދުމަށް ކޮންމެ ފަހަރު މާލެ އައިސް ތަކެތި ހޯދުމުގެ ބަދަލުގައި، ތަކެތި ހުރީ ކޮންކޮން ފިހާރައެއްގައިތޯ ބަލައި، ތަކެތި ގަނެވޭނެ ނިޒާމެއް މި ކުންފުނިން ފަހިކޮށްދެ އެވެ.
ކުންބަކީ ރާއްޖޭގެ ރަށްރަށަށް ދިޔުމަށްޓަކައި ފެރީ ދަތުރުތަކާއި ލޯންޗުދަތުރުތަކާ ގުޅޭ މައުލޫމާތާއި، ދާން ބޭނުންވާ ރަށަށް ދިޔުމަށް ބޯޓު ކުރިޔާލާ އޮންލައިންކޮށް ބުކްކޮށް ޓިކެޓް ގަނެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ.
މި ތިން ކުންފުނީގެ ޑެމޯ ދެއްކުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، ނިރު އެކްސެލެރޭޓާ ޕްރޮގްރާމުގެ ތެރެއިން ފުރުސަތު ލިބުނު ކުންފުނިތަކުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެކުންފުނިތައް ފުޅާ ކުރުމަށް އުރީދޫން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން އުރީދޫން މާލީ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް އެ ކުންފުނިތަކަށް ބޭނުންވާ އިންވެސްޓަރުން ހޯދުމަށް ވެސް އެހީތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން އުރީދޫން ވަނީ ނިރު ހެކަތަން އެއް ބާއްވާފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހިޔާލު ހުށަހެޅި ފަރާތްތަކަށް، ވިޔަފާރި ފުޅާ ކުރުމަށް ފުރުސަތު ލިބިގެންދިޔަ އެވެ. އަދި މިރޭ ވަނީ އެކުންފުނިތަކުން ކުންފުނީގެ ޑެމޯ އާންމުކޮށް ދައްކާލާފަ އެވެ.