އަލަށް ފަށައިގެން ކާމިޔާބުކަމާ އެކު ހިންގާ ޒަމާނީ ވިޔަފާރިތަކުގެ ވާހަކަދައްކަންޖެހޭ: މަލީހު
އަލަށް ފަށައިގެން ކާމިޔާބުކަމާ އެކު ހިންގާ ޒަމާނީ ވިޔަފާރިތަކުގެ ވާހަކަދައްކަންޖެހޭ: މަލީހު

ރާއްޖޭގައި އަލަށް ވިޔަފާރިއަށް ނުކުންނަ ފަރާތްތަކާއި ޒުވާނުންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހި ކުރުމުގެ ވާހަކަ މިހާރު ބާވެފައިވާ ކަމަށާއި މިހާރު ދައްކަންވީ ކާމިޔާބު ކަމާ އެކު އަލަށް ފަށާފައިވާ ވިޔަފާރިތަކުގެ މިސާލުތައް ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވި އެވެ.

އުރީދޫ ނިރު އެކްސެލެރޭޓާސް ޕްރޮގްރާމުގެ ތެރެއިން ފުރުސަތު ލިބުނު ކުންފުނިތަކުުގެ ޑެމޯ ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ، މިއީ އުރީދޫން ފަހިކޮށްދިން ވަރަށް މުހިއްމު ފުރުސަތެއް ކަމަށެވެ. މިއާ އެކު ޒަމާނީ ވިޔަފާރިކުރުމަށް ޒުވާނުންނަށް މަގު ތަނަވަސް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ވެސް ޓެކްނޮލޮޖީ ދާއިރާއިން ޒުވާނުން ފަށާފައިވާ ކާމިޔާބު ވިޔަފާރިތައް އެބަހުރި ކަމަށާއި އުރީދޫން މިފަހިކޮށްދިން ފުރުސަތު ނަމޫނާއަކަށް ބަލައިގެން ރާއްޖޭގެ އެހެން ކުންފުނިތަކުން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މަލީހު ވިދާޅުވީ، މާލޭގައި ފައިސާ ހުރި މީހުން އެބަތިބި ކަމަށާއި އެދިމަ ދިމާލަށް ދާ އިރު އިންވެސްޓަރުންނަށް، ލިބޭނެ ފައިދާތައް ވެސް ތަފްސީލުވާން ޖެހޭ ކަމަށެވެ.

"ޓެކްނޮލޮޖީއާ ގުޅޭ ކުންފުނިތައް އަންނަނީ ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކަށް ބަދަލުވަމުން. ޗައިނާގެ އިނގިރޭސި ޓީޗަރަކަށް ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ކުންފުނި ހެދޭކަމުގައިވާ ނަމަ، އެފަދަ ވިޔަފާރިއަށް ބަދަލު ކުރުމުގެ ގާބިލުގަން އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، ކުންފުންޏެއް ފަށައިގެން ކުރިއަށްދާ އިރު މަސައްކަތަށް ގަޔާވެ، ވިޔަފާރިކޮޅަށް ޖެހުމަށް ބުރަ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އުރީދޫން އާ އިނޮވޭޓިވް މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށް ފާށާފައިވާ ނިރު އެކްސެލެޓޭޓާސް ޕްރޮގްރާމުގެ ތެރެއިން ފަށާ މަސައްކަތްތަކަކީ ކާމިޔާބު ނަމޫނާ ވިޔަފާރިތަކަށް ވެގެންދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.