30 އޯގަސްޓް 2016 - 06:37

ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ރިސާޗަރުން، ކޯމާގައި އޮތް މީހެއްގެ ސިކުނޑި އަލްޓްރާސައުންޑް ބޭނުންކޮށްގެން ހިންގުވައިފި އެވެ.
ބޭސްވެރިކަމުގައި ބޭނުންކޮށް ނޫޅޭ މި ޓެކްނިކުގައި ވަނީ، ސިކުނޑީގެ އެންމެ އެތެރޭގައި އޮންނަ، މުހިންމު މައުލޫމާތުތައް ޕްރޮސެސްކުރުމަށް ބޭނުންކުރާ "ތަލަމޫސް" ގެ ނިއުރޯންސްތައް އަޑު ބޭނުންކޮށްގެން ހަރަކާތްތެރިކުރުވައިފަ އެވެ. ސިކުނޑީގެ މަސައްކަތް ހުއްޓިފައިވާ މީހުންނާއި ކޯމާ އަށް ފަހު ހާލު ރަނގަޅުވަމުން އަންނަ މީހުންގެ ސިކުނޑި މީގެ ކުރިން ހަރަކާތްތެރިކުރުވަނީ ސާޖިކަލް ޕްރޮސީޖާއެއް ބޭނުންކޮށްގެން "ތަލަމޫސް" ގައި އިލެކްޓްރޯޑްސް އިމްޕްލާންޓް ކޮށްގެންނެވެ.
މިކަމުގައި އިސްކޮށް ހުންނެވި ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ޕްރޮފެސަ އޮފް ސައިކޮލޮޖީ އެންޑް ނިއުރޯސާޖަރީ މާޓިން މޮންޓީ ވިދާޅުވީ މީގެ ކުރިން މިކަން ކުރަނީ ނުރައްކާތެރި ޕްރޮސީޖާއެއް ބޭނުންކޮށްގެން ކަމަށެވެ.
"ބްރެއިން ސްޓިމިއުލޭޝަން" ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ މި ޓެކްނިކް ބޭނުންކޮށްގެން، ކޯމާގައި އޮތް 25 އަހަރުގެ ޒުވާނެއްގެ ހާލަތަށް ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. ޑޮކްޓަރުން ވަނީ މި ޕޭޝަންޓަށް ދެތިން ފަހަރު މި ފަރުވާ ދީގެން ފުރިހަމަ އަށް ހޭ އަރުވާފައި ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
ޑޮކްޓަރުން ބުނެފައި ވަނީ މި ޓެކްނިކްގެ ސަބަބުން އުންމީދު އާވެއްޖެ ކަމަށާއި ކުރިއަށް އޮތް ތަނުގައި މިކަމާ ގުޅޭ އިތުރު ދިރާސާތަކުން އަދިވެސް ކުރިއެރުންތައް ހޯދިދާނެ ކަމަށެވެ.